Roadha Mihaaru
"ނާގިން 5" ގެ ކާސްޓާ ބެހޭ ބަހުސްތަކެއް

"ނާގިން 5" ގެ ކާސްޓާ ބެހޭ ބަހުސްތަކެއް

08 ޖޫން 2020

އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން ކަލާޒް ޗެނެލުން ގެނެސްދެމުން ދިޔަ އެކްތާ ކަޕޫރްގެ ސިލްސިލާ "ނާގިން 4" ނިންމައިލުމަށް ފަހު، އެ ސިލްސިލާގެ ފަސް ވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާ އިރު، އޭގެ ކާސްޓާ ބެހޭ ގޮތުން ގިނަ ބަހުސްތަކެއް ކުރެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން ކަލާޒް ޗެނެލުން ގެނެސްދެމުން ދިޔަ އެކްތާ ކަޕޫރްގެ ސިލްސިލާ "ނާގިން 4" ނިންމައިލުމަށް ފަހު، އެ ސިލްސިލާގެ ފަސް ވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާ އިރު، އޭގެ ކާސްޓާ ބެހޭ ގޮތުން ގިނަ ބަހުސްތަކެއް ކުރެވެން ފަށައިފި އެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ނާގިން 5" ގެ ބަތަލުގެ ރޯލް ވަނީ ސޮނީ ޓީވީން ގެނެސްދިން "ބޭހަދު 2" ގައި ބަތަލުގެ ރޯލް ކުޅުނު ޝިވިން ނަރަންގަށް ހުށަހަޅައިފަ އެވެ. ނަމަވެސް މީޑިއާއާތަކުން މިހާރު ބުނާ ގޮތުގައި އެ ސިލްސިލާގެ ބަތަލުގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ "ބިގް ބޮސް" ސީޒަން 13 ގައި ވާދަކުރި ދެ ބައިވެރިއެކެވެ.

އެއީ އެ ޝޯގެ ދެވަނަ އަށް ދިޔަ އާސިމް ރިއާޒް ނުވަތަ ހަ ވަނަ އަށް ދިޔަ ޕާރަސް ޗާބްޅާ އެވެ. ބައެއް ނޫސްތަކުން ބުނިގޮތުގައި "ނާގިން 5" އާ ގުޅުވައިގެން އާސިމްގެ ވާހަކަ ދެކެވުނަސް، މިހާރު ސިލްސިލާގެ ބަތަލުގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ޕާރަސް އެވެ. އޭނާ އަކީ ކުރިން ވެސް ސިލްސިލާތަކެއް ކުޅެފައިވާ ފަންނާނެކެވެ.

"ނާގިން 5" އަށް "ބިގް ބޮސް 13" ގެ ބައިވެރިންތަކެއް ގެންނަން އުޅޭ ވާހަކަ ފެންމަތިވެފައިވާ އިރު، "ބިގް ބޮސް 13" ގައި ވާދަކުރި ރަޝްމީ ދެސާއީ ވެސް "ނާގިން 4" ކުޑަކުޑަ ރޯލެއް ކުޅެފައިވެ އެވެ. އަދި "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާޝދު ޝުކްލާ ވެސް "ނާގިން" އިން ފެނިދާނެކަމުގެ އަޑުތަކެއް އެރި އެވެ.

"ނާގިން 5" އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އޭގެ ބަތަލާއިން ފެންނާނެ ބަޔަކާ ބެހޭ ގޮތުން ވެސް އެކި ކަހަލަ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެގޮތުން "ނާގިން 3" ގައި ބަތަލާގެ ރޯލް ކުޅުނު ސުރުބީ ޖޯތީ އާއި ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެނިފައިވާ މެހެކް ޗާހަލް އަށް ހުށަހަޅާފައިވާ ކަމަށް ވެސް އަޑުއަރާފައިވެ އެވެ.

މީގެ އިތުރުން އެކްތާގެ "ޔޭ ހޭ މުހައްބަތޭން" ގެ ބަތަލާ ދިވްޔަންކާ ތުރިޕަތީ ވެސް "ނާގިން 5" އިން ފެނިދާކަމުގެ ވާހަކަތަކެއް ތިލަވެފައިވެ އެވެ.

ނަމަވެސް ސިލްސިލާގެ ކާސްޓާ ބެހޭ ގޮތުން އެކްތާ އަދި ހުރީ ހިމޭނުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ލޮކްޑައުންގެ ދަށުން ލިބޭ ލުއިތަކާ އެކު، ޝޫޓިންތައް ފެށުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް "ނާގިން 5" ގެ މަސައްކަތް ފަށާނެ އެވެ.

އެކަމަކު އޭގެ ކުރިން "ނާގިން 4" އަށް ނިމުން ގެނެސްދޭނެ އެޕިސޯޑެއް ބެލުންތެރިންނަށް ގެނެސްދޭނެ ނިންމާފައިވާ ކަމަށްވެ އެވެ. އެ ސީޒަންގެ ތަރިންނަކީ ނިއާ ޝަރުމާ އާއި އަނީތާ "ނާގިން 3" އިން ވެސް ފެނިގެން ދިޔަ ހަސަނަންދާނީގެ އިތުރުން ވިޖަޔެންދުރަ ކުމޭރިއާ އެވެ. ސީޒަންގެ ހަތަރެއްގެ ރޯލް ޖޭސްމިން ބާސިން ވެސް ކުރިން ކުޅުނެވެ.