Roadha Mihaaru
އައްޑޫގެ ފިހާރަތައް ރޭގަނޑު ބަންދު، ޑެލިވަރީ ވެސް ނެތް

އައްޑޫގެ ފިހާރަތައް އަނެއްކާވެސް ރޭގަނޑު ބަންދު، ޑެލިވަރީގެ ހިދުމަތެއް ވެސް ނުލިބޭނެ

03 ޖޫން 2020

އައްޑޫގެ ފިހާރަތައް ރޭގަނޑު ނުހުޅުވާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ފިހާރަތައް ރޭގަނޑު ނުހުޅުވާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް ނިންމައިފި އެވެ.

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އިކޮނޮމިކް މިނިސްޓްރީން ކުރިން ނިންމާފައި އޮތް ނިންމުމެއްގެ މައްޗަށް ބިނާކޮށް، އަލުން ވިޔަފާރި ގަޑިތަކަށް ގެނައި ބަދަލާ އެކު، ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި އެ ވަގުތުތައް ފިޔަވައި އެހެން ގަޑިތަކުގައި ފިހާރަތައް ހުޅުވައިގެން ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

މީގެ އިތުރުން، އައްޑޫގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދޭނީ ހެނދުނު 6:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި އެ ނޫން ގަޑިތަކުގައި އެ ތަންތަން ހުޅުވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުނެ އެވެ. ހެނދުނު 6 ން ރޭގަނޑު 10 އަށް ނޫނީ ޑެލިވަރީގެ ޚިދުމަތް ވެސް ނުދޭނެ އެވެ.

ކައުންސިލުން ބުނިގޮތުގައި މިގޮތަށް ނިންމި ނަމަވެސް ކުރިން ވެސް 24 ގަޑިއިރު ހިދުމަތް ދޭން ހުއްދަ ދީފައިވާ ވިޔަފާރިތަކަށް ފުރުސަތު އޮންނާނެ އެވެ. ވިޔަފާރީގެ މުއާމަލާތްތައް ހިންގަންވާނީ ކައުންސިލުން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް ބުންޏެވެ.

ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫގައި ދުވަސްތަކެއް ވަންދެން ވިޔަފާރިތައް ބަންދުކޮށް، ޑެލިވަރީގެ ހިދުމަތަށް ބަރޯސާވެފައި އޮތުމަށް ފަހު، ވިޔަފާރިތަކަށް ލުއި ދީފައި ވަނީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. ޑެލިވަރީގެ ހިދުމަތް ފަސޭހަކުރުމުގެ ގޮތުން އައްޑޫގައި ވަނީ ހިލޭ ވައިބާ މެރުވެރިކޮށް، އޯޑަރުކޮށް، ޑެލިވަރީގެ ހިދުމަތް ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ "ލިންކިޓް" ކިޔާ ސިސްޓަމެއް މިދިޔަ މަހުގެ ކުރީކޮޅު ތައާރަފުކޮށްފަ އެވެ.

ކޮވިޑް-19އާ ދިމާކޮށް އައްޑޫގެ ފިހާރަތައް ރޭގަނޑު ބަންދުކުރާ ގޮތަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. އެކަމަކު އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިގެން މާޗް 27 ގައި ކައުންސިލުން އެ ނިންމުން ބާތިލުކުރި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން އައި ނަމަވެސް މިހާތަނަށް މި ސިޓީން އެ ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވްއެއް ނުވެ އެވެ.