Roadha Mihaaru
އެއާޕޯޓު ޖުލައި މަހު ހުޅުވާލަނީ

އެއާޕޯޓު، ޖުލައި މަހު ހުޅުވާލަނީ

20 މެއި 2020

ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާ ނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތައް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާ ނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތައް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމުގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންނަށް މިރޭ ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ އެއާޕޯޓުތައް ހުޅުވައިލުމަށް ފަހު ޓޫރިޒަމަށް ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ވެސް ދޭނެ ކަމަށެވެ. މި ކަންކަން ކުރުމަށްޓަކައި ހާއްސަ ގައިޑްލައިންތައް ކަމާ ގުޅޭ އިދާރާތަކުން އެކުލަވާލަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު، ޓޫރިސްޓުން އައުމުގައި އަމަލުކުރާނެ ހާއްސަ ގައިޑްލައިނެއް ޓޫރިޒަމް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން އަލުން ޓޫރިސްޓުން ގެންނަ އިރު ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގާނެ އެވެ. މީގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ހިމަނާފައިވެ އެވެ.

އެ ގައިޑްލައިންގައި ކަނޑައަޅާފައި އޮތީ، ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ޓެސްޓް ކުރާށެވެ.

މި ހާއްސަ ގައިޑްލައިންގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކުގައި އަމަލުކުރާނެ ގޮތްތައް ވަކިވަކިން ކަނޑަައަޅާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ހާލަތު ރަނގަޅުވާ ނަމަ ޖުލައި މަހާއި އޮކްޓޫބަރު މަހާ ދެމެދު ޓޫރިސްޓުންނަށް ގައުމު ހުޅުވައިލާނެ ކަމަށެވެ. މިގޮތަށް ހުޅުވައިލުމާ އެކު ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރޭތީ، ރާއްޖޭން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި ބޯޑަރު ބަންދުކުރީ މާޗް 27 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަލިމަޑުކަމުގައި، ރާއްޖޭގެ އިގްތިސާދަށް ބޮޑު އަސަރެއް ކޮށްފައިވާ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާ އޮންނަ ޓޫރިޒަމް ދާއިރާ އޮތީ އެއްކޮށް ހުއްޓިފަ އެވެ.