Roadha Mihaaru
ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް މަޖިލީހުން ބަލަނީ

19 މެއި 2020

ތަހުގީގަށް ރ. އަތޮޅުގެ ޕޮލިސް ސްޓޭޝަނަކަށް ހާޒިރު ކުރި މީހަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތަހުގީގަށް ރ. އަތޮޅުގެ ޕޮލިސް ސްޓޭޝަނަކަށް ހާޒިރު ކުރި މީހަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.

ކޮވިޑް-19އާ ގުޅޭގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން އެ ކޮމެޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިދިިޔަ މަހުގެ 20 ވަނަ ދުވަހު ރ. މީދޫ، ހުސްނުހީނާގޭ އަހުމަދު އަނީސް، ކިޔާ މީހަކު އެއަތޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، ފުލުހަކު އޭނާއަށް އަނިޔާ ކުރި މައްސަލަ އެ ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ސާފު ކުރަން ޖެހޭ ކަންކަން ސާފުކޮށް އެއީ ވަކި މައްސަލައެއްގެ ގޮތުގައި އެ ކޮމެޓީން ބަލަމުން އަންނަ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އޭގެ އިތުރުން އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ 18 ވަނަ ދުވަހު، ކ. މާފުށީ ޖަލުގެ ޔުނިޓް 9 ގައި ތިބި ގައިދީންނަށް ކާން ދިނުމަށް އެ ޔުނިޓް ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުމެ ހަމަނުޖެހުން ހިންގި މައްސަލައެއް ވެސް ކޮމެޓީން ބަލަމުން އަންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ހަމަނުޖެހުމުގައި ގައިދީންނަށާއި ޖަލު އޮފިސަރުންނަށް ވެސް އެކިވަރުގެ އަނިޔާވި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލައެއް ކަމަށް ފާހަގަ ކުރެވޭތީ މަޖިލީހުގެ އެހެން ކޮމެޓީއަކުން އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭވިއޭޝަން ސެކިއުރީޓީގެ މުވައްޒަފުންނާ ގުޅުންހުރި ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއް ވެސް ކޮމެޓީން އަންނަނީ ބަލަމުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ މުއައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތައް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައިވަނީ އިދާރީ މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒު ކޮށްގެން ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވެ 24 ގަޑިއިރު ޑިއުޓީގައި މަސައްކަތް ކުރާ އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ރެގިއުލޭޓް ކުރުމުގައި ދަތިތަކާ ކުރިމަތިވެ، ހިދުމަތަށް ބުރޫއަރާ ހާލަތަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއާޕޯޓް ސެކިއުރިޓީ ޔަގީން ކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަ ކުރެވޭ." އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19އާ ގުޅޭގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި 84 ކަމެއް ފާހަގަކޮށް 9 ކަމެއް ހުށަހަޅަން މިއަދު ވަނީ ފާސްކޮށްފަ އެވެ.