Roadha Mihaaru
އިންސާނުންނަށް ވެކްސިން ދީގެން އުފާވެރި ހަބަރެއް

އިންސާނުން ބޭނުންކޮށްގެން އަޖުމަބެލި ފުރަތަމަ ވެކްސިނުން އުފާވެރި ހަބަރެއް

19 މެއި 2020

ކޮރޯނާވައިރަސްއާ ދެކޮޅަށް އިންސާނުން ބޭނުންކޮށްގެން އަޖުމަބަލަމުން އަންނަ ފުރަތަމަ ވެކްސިނުން، ވަރަށް އުއްމީދީ ނަތީޖާތަކެއް ފެނި، އޭގެ ރައްކާތެރިކަމާ މެދު ވެސް ޔަގީންކަން ބޮޑުވެއްޖެ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ކޮރޯނާވައިރަސްއާ ދެކޮޅަށް އިންސާނުން ބޭނުންކޮށްގެން އަޖުމަބަލަމުން އަންނަ ފުރަތަމަ ވެކްސިނުން، ވަރަށް އުއްމީދީ ނަތީޖާތަކެއް ފެނި، އޭގެ ރައްކާތެރިކަމާ މެދު ވެސް ޔަގީންކަން ބޮޑުވެއްޖެ އެވެ.

އެމެރިކާގެ ބައޮޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާ އިން އަށް މީހަކަށް ދިން ވެކްސިން ޑޯޒްތަކުން ދައްކައިދިނީ އިންސާނުން ބޭނުންކުރަން ރައްކާތެރި އެއްޗެއްގެ އިތުރުން ހަށިގަނޑުގައި ކޮރޯނާވައިރަސް ގިނަވިޔަނުދީ ހިފެހެއްޓުމާއި ކޮވިޑް-19 އިން ސަލާމަތްވެފައިވާ ތިބޭ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދޭ މިންވަރަށް އެ މީހުންގެ ހަށިގަނޑުން ވެސް ދިފާއީ ބާރު އުފެދުނުކަމެވެ.

މިއީ ބޮޑު ބިރުވެރިކަމެއްގައި އޮތް ދުނިޔެއަށް ލިބުނު އުފާވެރި ހަބަރެކެވެ. އިންސާނުން ބޭނުންކޮށްގެން މިހާރު ހަދަމުން އަންނަ އަޖުމަބެލުމުގެ ޓެސްޓްތަކުން ރަނގަޅު ނަތީޖާއެއް އިއުލާންކުރި ފުރަތަމަ ފަހަރަކީ މި އެވެ.

ކޮރޯނާވައިރަސްއާ ދެކޮޅަށް 80 ވަރަކަށް ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރު ވަނީ އިންސާނުން ބޭނުންކޮށްގެން ވެސް ޓެސްޓްތައް ހަދަން ފަށައިފަ އެވެ. އޮކްސްފޯޑް ޔުނިވަސިޓީން ތައްޔާރުކުރި ވެކްސިންގެ އަސަރުތައް ދެނެގަތުމަށް 800 ވަރަކަށް މީހުން ބޭނުންކޮށްގެން މިހާރު އަންނަނީ ތަހުލީލުކުރަމުންނެވެ. އަދި އެ ވެކްސިން ރާމާމަކުނަށް ދީގެން ބެލިބެލުމުން އެނގުނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވާ ކަމެވެ. މިހާރު އިންތިޒާރުކުރަނީ އިންސާނުންގެ ތަހުލީލުތަކުގެ ނަތީޖާއަށެވެ.

މޮޑާނާ އިން ދެން ކުރިއަށް ގެންދާނީ ގިނަ މީހުންނަށް ވެކްސިން ދީގެން ނުކުންނަ ނަތީޖާއެއް ހޯދާށެވެ. ފުރަތަމަ ބައިގައި ހިމެނެނީ އެ ވެކްސިނުން އިންސާނާއަށް އެއްވެސް ގެއްލުމެއް ލިބޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.

މި ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. އެމް ނިސްބަތްވަނީ މެސެންޖާ އަށެވެ.

މޮޑާނާގެ ނަތީޖާ ބިނާކުރީ 18-55 އަހަރުގެ ސިއްހަތު ރަނގަޅު މީހުން ބޭނުންކޮށްގެން ހެދި ތަހުލީލުތަކަށެވެ. އެ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯރަޓަރީގައި ޓެސްޓްހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓް ވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ.

ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.

މި ތަހުލީލުން ޔަގީންވި އަނެއް ކަމަކީ ވެކްސިން ދިން މީހުންގެ ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސްގެ މިންވަރު، ކޮވިޑް-19 ޖެހި ރަނގަޅުވި މީހުންގެ އެންޓިބޮޑީސްއާ އެއްވަރު ނުވަތަ އެއަށް ވުރެ ގިނަ ކަމެވެ.

ނިއު ޔޯކް ޔުނިވަސިޓީގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. މާކް ޖޭ މުލިގަން ވިދާޅުވީ މޮޑާނާގެ ނަތީޖާ އިން "ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ" ކަމަށެވެ.

"ނިސްބަތުން އެއީ ވަރަށް މަދު ބައެއް. އެކަމަކު ވަރަށް ރަނގަޅު ފެށުމެއް ކަމަށް ދެކެން،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ މަރުހަލާގެ ޓެސްޓްތަކުގައި އޭނާ ބައިވެރިވެވަޑައި ނުގަތަސް، ކުރިއަށް އޮތް އަޖުމަބެލުންތަކުގައި މުލިގަން ވެސް މަސައްކަތްކުރައްވާނެ އެވެ.

މޮޑާނާ އިން ވަނީ ތިން އުސޫލަކުން ވެކްސިން ޓެސްޓްކޮށްފަ އެވެ. އެއީ ވަރަށް ދަށް މިންވަރެއް ދީގެންނާއި މެދު މިންވަރަކާއި މަތީ މިންވަރެއްގެ ޑޯޒް ހިމަނައިގެންނެވެ. ފުރަތަމަ ނަތީޖާތައް ބިނާވަނީ އެންމެ ދަށްކޮށާއި މެދު މިންވަރުގެ ޑޯޒްތައް ދިން މީހުންނަށެވެ. ހަމައެކަނި ސައިޑް އިފެކްޓެއްގެ ގޮތުގައި ފެނުނީ އެކެއްގެ ގަޔަށް ވެކްސިން ޖެހި އަތުގެ ތަންކޮޅު ރަތްވުމާއި ކުޑަކުޑަކޮށް ހަންކޮޅު ހަލާކުވުމެވެ.

އެންމެ މަތީ ޑޯޒް ދިން މީހުންގެ ތެރެއިން ތިން މީހަކު ހުން އައިސް، މަސްތަކުގަ އާއި ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވި އެވެ. އެކަމަކު އެއް ދުވަހުގެ ތެރޭގައި އެ އުނދަގޫތައް ފިލި އެވެ.

އެކަމަކު ދަށް މިންވަރާއި މެދު މިންވަރުގެ ޑޯޒްތައް ދިން މީހުންގެ ކިބައިން ރަނގަޅު އަސަރުތައް ފެނުމުން، ކުރިއަށް އޮތް ތަނުގައި މަތީ ޑޯޒްތައް ދީގެން ތަހުލީލުތައް ކުރިއަކަށް ނުގެންދާނެ އެވެ.

"އެކަކަށް ބޭނުންވާ ޑޯޒް މަދުވި މިންވަރަކަށް އުފެއްދޭ ނިސްބަތް ގިނަވާނެ،" މޮޑާނާގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ޓަލް ޒަކްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަހުލީލުތައް ކާމިޔާބު ވެއްޖެ ނަމަ، މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އާންމުންނާ ހަމައަށް ވެކްސިން ނެރެވޭ ވަރު ވާނެ އެވެ.

ވެކްސިން އުފެއްދުމަށްޓަކައި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް އިން މޮޑާނާ އަށް ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ. މިއީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގައި އެމެރިކާއިން ފެންނަ އެންމެ އިސް ސައިންސްވެރިޔާ ޑރ. އެންތަނީ ފައުޗީ އިސްކޮށް ހުންނަވާ އިންސްޓިޓިއުޓެވެ.

މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.

މޯޑާނާ އިން ވަނީ ކުރިއަށް އޮތް ދިހަ އަހަރު ގުޅިގެން މަސައްކަތްކުރަން ސްވިޒަލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ލޮންޒާއާ އެކު އެއްބަސްވެފަ އެވެ. ވެކްސިން ކާމިޔާބު ވެއްޖެ ނަމަ އަހަރަކު ބިލިއަނެއްހާ ޑޯޒް އުފައްދަން ދެ ކުންފުނިން ބޭނުންވެ އެވެ.