Roadha Mihaaru
ކްރައުން ކޮމްޕެނީގެ ރިސޯޓްތައް ޖުލައި 1 ގައި ހުޅުވަނީ

ކްރައުން ކޮމްޕެނީގެ ރިސޯޓްތައް ޖުލައި 1 ގައި ހުޅުވަން ތައްޔާރުވަނީ

16 މެއި 2020

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) ގެ ރިސޯޓްތައް، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ބަންދުކުރުމަށް ފަހު އަންނަ ޖުލައި 1 ގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) ގެ ރިސޯޓްތައް، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ބަންދުކުރުމަށް ފަހު އަންނަ ޖުލައި 1 ގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

ޗަމްޕާ ކުންފުނިން ރާއްޖޭގައި ނުވަ ރިސޯޓާއި ހޮޓެލްއެއް ހިންގަ އެވެ. މީގެ ތެރޭގައި ހުރަވަޅި ރިސޯޓާއި ކުޑަދޫ މޯލްޑިވްސް އާއި އިންނަހުރާ އާއި ކޮމަންޑޫ މޯލްޑިވްސް އާއި ވެލިގަނޑު ރިސޯޓާއި ކުރެއްދޫ އާއި ވިލަމެންދޫ އާއި މީރު އައިލެންޑް ރިސޯޓް އަދި ޗަމްޕާ ސެންޓްރަލް ހޮޓެލް ހިމެނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭން ބޭރުން މީހުން އައުން ކޮންޓްރޯލްކޮށް ދަތުރުތައް ހުއްޓާލުމާ އެކު ޓޫރިސްޓުން އައުން ހުއްޓި އިގްތިސާދަށް ވަނީ ހީނަރުކަން އައިސްފަ އެވެ. ނަމަވެސް ޖުލައި މަހު ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންވެ ސީސީއާރުން ވަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް ހާއްސަ އޮފާތަކެއް އިއުލާންކޮށްފަ އެވެ. މި އޮފާތަކުގެ ތެރޭގައި ބޮޑެތި ޑިސްކައުންޓުތައް ލިބޭ "އާލީ ބާޑް" އޮފާތައް ހިމެނެ އެވެ. މި އޮފާތައް މުޅި އަހަރަށް ދެމިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ އިއުލާން ކޮށްފަ އެވެ.

ސީސީއާރު ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ޓޫރިސްޓުންނަށް މިހާރު ވެސް ބުކިން ހެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މިހާރު ބުކިން ހައްދާ ފަރާތްތަކަށް 10 ޕަސެންޓް ފައިސާ ދެއްކުމަށްފަހު ޗުއްޓީ ހޭދަކުރާ ދުވަސް ގާތްވުމުން ބާކީ ބައި ދެއްކޭނެ އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާ އެކު ގިނަ އަދަދެއްގެ ރިސޯޓުތައް ވަނީ ބަންދުކޮށްފަ އެވެ. މީގެ ތެރޭގައި ސީސީއާރުގެ ހުރިހާ ރިސޯޓެއް ހިމެނެ އެވެ. ނަމަވެސް ސަރުކާރުގެ ޕްލޭނާއެކު އަންނަ ޖުލައި މަހު ހުރިހާ ރިސޯޓުތަކެެއް ހުޅުވާލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިގޮތުގައި ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލެވޭނެ ޕްލޭނެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ. އެ ޕްލޭނުގައި ލަފާކޮށްފައިވާ ގޮތުން އަންނަ ޖުލައި މަހު ނުވަތަ އޮކްޓޯބަރު މަހު ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.