Roadha Mihaaru

ކުރެއްދޫގެ މުވައްޒަފުންގެ ސާމްޕަލްތަކުގެ ނަަތީޖާ މިރޭ ލިބޭނެ: ފުލުހުން

ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭސް ފެނުމަށް ފަހު ބަންދުކޮށްފައި އޮންނަތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓްގެ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓްކޮށް މިރޭ ނިމޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކުރެއްދޫގެ ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

26 އެޕްރީލް 2020

ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭސް ފެނުމަށް ފަހު ބަންދުކޮށްފައި އޮންނަތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓްގެ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓްކޮށް މިރޭ ނިމޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެއީ މިދިޔަ މާޗް 7 ގަ އެވެ. އޭގެ ފަހުން ކުރެއްދޫ އޮތީ ބަންދުކޮށްފަ އެވެ.

ނޭޝަނަލްް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު މެންދުރު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، ކުރެއްދޫން ގެނެސްފައިވާ ސާމްޕަލްތައް މިރޭ 8:30 ގެ ކުރިން ޓެސްޓްކޮށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮވިޑް-19 ގެ ޓެސްޓުތައް އަވަސް ކުރުމަށްޓަކައި އައިޖީއެމްއެޗުގެ އިތުރުން ފުލުހުންގެ ލެބޯރެޓަރީގައި ވެސް މިހާރު އަންނަނީ ޓެސްޓްތައް ހަދަމުންނެވެ.

މިއަދުގެ މެންދުރުގެ މީޑީއާ ބްރީފިންގައި އޭސީޕީ ނަވީރުން ނޫސްވެރިއެއްގެ ސުވާލެއް އަޑުއައްސަވަނީ.

މިއަދުގެ މެންދުރުގެ މީޑީއާ ބްރީފިންގައި އޭސީޕީ ނަވީރުން ނޫސްވެރިއެއްގެ ސުވާލެއް އަޑުއައްސަވަނީ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް، ކޮވިޑަށް ޓެސްޓް ކުރަން ބޭނުންކުރަން ފަށާނެ ކަމަށް އެންއީއޯސީން ކުރިން ބުނެފައި ވެ އެވެ. އެ މެޝިނުން ދުވާލަކު 100 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް އޭރު ބުނެފައި ވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވީ، ޓެސްޓުތައް ހެދުން އަވަސް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކުރިން ޓެސްޓްކުރަމުން ދިޔަ އަވަސްމިނަށް ބަދަލެއް އައިސްފައި މި ވަނީ. އެހެން ނަމަވެސް އެކަން އަލުން އަވަސް ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މި ގެންދަނީ،" އަމީން ވިދާޅުވި އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހުރިހާ މުވައްޒަފުން އެ ރިސޯޓްގައި ބަންދުވެފައި ތިބޭތާ 50 ދުވަސްވި އިރު ވެސް އެ މީހުންނާ ދޭތެރޭގައި ކަމާ ބެހޭ އިދާރާތަކުގެ ވިސްނުން ސާފުނުވާ ކަމަށް ބުނެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރެ އެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ރާއްޖެ އިން އިޓަލީއަށް ދިޔަ ފަހުންނެވެ. އެ ޓޫރިސްޓު ފުރައިގެން ދިޔަ ފަހުން، އެ ރިސޯޓުން ފުރަތަމަ ޕޮޒިޓިވްވީ އޭނާ އަށް ފަރުވާދިން 49 އަހަރުގެ ބިދޭސީ ޑޮކްޓަރެވެ.

އެ ރިސޯޓުގައި ބަލި ފެތުރިފައި އޮވެދާނެ ކަމަށް ބަލައި ހެދި ކޮންޓްރެކްޓް ޓްރޭސިންގައި އެކަހެރި ކުރި މީހުންގެ ތެރެއިން، ހަަތަރު މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ. މި އެންމެން ވެސް މިހާރު ވަނީ ރަނގަޅު ވެފަ އެވެ.