Roadha Mihaaru
ފްރެންޗް އޯޕަންގެ ޓިކެޓްތައް ރިފަންޑްކޮށްފި

މާލީ ހާލަތަށް ވިސްނައި ފްރެންޗް އޯޕަންގެ ޓިކެޓްތައް ރިފަންޑްކޮށްފި

09 މެއި 2020

ޕެރިސް (މެއި 9) - ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ މެޗުތައް ބަލަން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ފައިސާ ރިފަންޑް ކޮށާްދޭން ފްރެންޗް ޓެނިސް ފެޑެރޭޝަނުން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (މެއި 9) - ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ މެޗުތައް ބަލަން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ފައިސާ ރިފަންޑް ކޮށާްދޭން ފްރެންޗް ޓެނިސް ފެޑެރޭޝަނުން ނިންމައިފި އެވެ.

ބޮޑު ހަތަރު ޓެނިސް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ފްރެންޗް އޯޕަން ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ މި މަހުގެ 24 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށެވެ. ފްރާންސްގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވުމާ އެކު ފްރެންޗް އޯޕަން ފަސްކުރީ އަންނަ ސެޕްޓެމްބަރު މަހު 27 އިން އޮކްޓޫބަރު 11 އަށެވެ. އެކަމަކު ފްރާންސްގެ ޓެނިސް ފެޑެރޭޝަނުން ބަލަމުން އައީ ފުރުސަތު ލިބުނުހާ އަވަހަކަށް ފްރެންޗް އޯޕަން ބޭއްވުމަށެވެ.

ދާދި ފަހުން ފްރާންސް ސަރުކާރުން ވަނީ ސެޕްޓެމްބަރުގެ ކުރިން އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވޭނެކަން އިއުލާނުކޮށްފަ އެވެ. މިއާ އެކު ފްރެންޗް ޓެނިސް ފެޑެރޭޝަނުން ވަނީ ސެޕްޓެމްބަރުގެ ތެރޭގައި ފްރެންޗް އޯޕަން ބޭއްވުމާ މެދު ގޮތެއް ކަނޑައެޅުން މަޑުޖައްސާލުމަށް ފަހު މެއި މަހު މުބާރާތް އޮންނާނެ ކަމަށް ބަލައި ޓިކެޓް ނެގި ފަރާތްތަކަށް ރިފަންޑް ދޭން ނިންމައިފަ އެވެ.

އެ ގޮތުން ޓިކެޓް ނެގި ހުރިހާ ފަރާތަކަށް ފްރެންޗް ޓެނިސް ފެޑެރޭޝަނުން ވަނީ މެސެޖެއް ފޮނުވައިފަ އެވެ. ފްރާންސްގެ މީޑިއާ އަކަށް އެ ފެޑެރޭޝަނުގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ މިއީ އެންމެނަށް ވެސް އުނދަގޫ ހާލަތެއް ކަމަށްވާއިރު އެކެއް އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ.

"ޔަގީނުން ވެސް ކޮންމެ މީހަކަށް ވެސް މާލީ ގޮތުން އުނދަގޫތަކެއް ހުންނާނެ. މި ދަނޑިވަޅުގައި އަހަރެމެން ބޭނުމެއް ނޫން ނެތް އިވެންޓެއްގެ ޓިކެޓް ފައިސާތަކެއް އަހަރެމެން އަތުގައި ބަހައްޓަން. މި ފައިސާ މި ވަގުތު އެ މީހުންނަށް މުހިއްމުވާނެ އެހެން ކަންތައްތައް ހުންނާނެ. އެ ސަބަބަށްޓަކައި މާލީ ހާލަތަށް ވިސްނައި އަހަރެމެން ޓިކެޓް ރިފަންޑްކުރަން ނިންމީ،" އޮފިޝަލް ބުންޏެވެ. "އަލުން މުބާރާތް ބާއްވާނަމަ ފަހުން އާ ޓިކެޓްތައް ވިއްކާނެ."

ޓެނިހުގެ ދުނިޔޭގެ ފެޑެރޭޝަން، އެސޯސިއޭޝަން އޮފް ޓެނިސް ޕްރޮފެޝަނަލްސް (އޭޓީޕީ) އިން ވަނީ ކުޅުންތެރިންނަށް ދިމާވާ މާލީ އުނދަގޫތަކަށް އެހީތެރިވުމުގެ ގޮތުން ރިލީފް ފަންޑެއް އެކުލަވާލައިފަ އެވެ. މި ފަންޑަށް މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ފައިސާ ޖަމާކުރަމުންނެވެ.

ކޮރޯނާވައިރަސް ފެތުރެމުންދާތީވެ މި އަހަރު ދެން ޓެނިސް ސީޒަން ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިން ހީކުރެވުނު ކަމަށާއި އެހެން ނަމަވެސް ކަންތައްތައް ބަދަލުވަމުންދާ ގޮތަށް ބަލާއިރު އޮގަސްޓް މަހު އަލުން ފެށިދާނެ ކަމަށް އޭޓީޕީގެ ޗެއާމަން އަންދްރެއާ ގޯޑެންޒީ ވަނީ މިދިޔަ މަހު ބުނެފަ އެވެ.

ބައެއް ޓެނިސް މުބާރާތްތައް ވަނީ މި އަހަރު ނުބޭއްވޭނެތީވެ ކެންސަލްކޮށްފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑްގައި ބާއްވާ ބޮޑު މުބާރާތެއް ކަމަށްވާ ވިމްބަލްޑަން ހިމެނެ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ވިމްބަލްޑަން ކެންސަލްކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.