Roadha Mihaaru

ހަސަން ލަތީފްްގެ ބިލް ގާނޫނުއަސާސީއާ ހިލާފު: ރޮޒައިނާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަރުން ހޮވައި ނިމެންދެން، މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފްގެ ބިލް ގާނޫނުއަސާސީއާ ޚިލާފް: ރޮޒައިނާ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

04 މެއި 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަރުން ހޮވައި ނިމެންދެން، މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިޚާބީ މަގާމެއްގެ ދައުރު ގާނޫނުއަސާސީ އިސްލާހު ނުކޮށް، ގާނޫނަކުން އިތުރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދައުރެއްގެ މުއްދަތު ސިމްޕަލް މެޖޯރިޓީން ފާސްކުރާ ގާނޫނަކުން ބަދަލު ކުރުމަކީ ނަތީޖާ ގޯސް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ގަބޫލު ކުރަން، މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅުކަން. މިއަދުގެ ހާލަތު އޮތް ގޮތުން އެ ކަން އިހުސާސް ވެސް ކުރެވޭ. އެކަމަކު ގާނޫނުއަސާސީ އިސްލާހު ނުކުރަން ވެގެން، އޭގެ މާނައެއް ނޫން، މި މަޖިލީހުން ކަނޑައެޅިގެން ގާނޫނުއަސާސީއާ ދެކޮޅު ހެދުމަކީ،" އެމްޑީޕީގެ މެމްބަރު ރޮޒައިނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދިގުދެމިގެންދާނެ މުއްދަތެއް ވެސް އަދި ޔަގީން ނުވާ ކަމަށާއި އެތައް އަހަރަކަށް މި މުއްދަތު ދިގުލައިގެން ހިނގައްޖެ ނަމަ ދެން ވެސް މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭ ހާލަތްތަކުގައި އެ ކަން ނުކޮށް ތިބޭނީތޯ އޭނާ ސުވާލު ކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި ހަސަން ލަތީފު ވިދާޅުވީ، ގާނޫނުއަސާސީގައި އުފެދިފައި ނެތް ހާލަތެއްގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރިން ވެސް ކުރާ ކަމެއް ކަަމަށެވެ. އެއީ ރާއްޖޭގެ ގާނޫނުއަސާސީން ވެސް ދީފައިވާ ޖާގައެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބިލާ މެދު އެ ޕާޓީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އެ ބިލް މަޖިލީހަށްް ބަަލައިގަތުމަށް މިއަދު ވަނީ ފާސްކޮށްްފަ އެވެ. ބިލް ބަލައިގަންނަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑަައިގެންނެވި 69 މެމްބަރުންގެ ތެރެއިންް 53 މެމްބަރުންގެ ވޯޓުންނެެވެ. ބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަ މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު އިންނެވި އެވެ.

ހަސަން ލަތީފުގެ ބިލާ މެދު ހިތްހަމަޖެހިވަޑައި ނުގެން ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި ރޮޒެއިނާ އާއި މަަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ހިމެނިވަޑައިގަންނަވަ އެވެ.