Roadha Mihaaru
ކޮވިޑް ފެތުރޭތީ އެމްބިއުލާންސްގެ ދަތިކަން އެބައޮތް

ކޮވިޑް-19 ފެތުރޭތީ އެމްބިއުލާންސްގެ ދަތިކަން އެބަ އޮތް: އައިޖީއެމްއެޗް

02 މެއި 2020

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަން ޖެހޭ އުސޫލުތަކުގެ ސަބަބުން ހޭދަވާ ވަގުތާ އެކު، އެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި ދަތިތަކެެެއް އެބަހުރި ކަމަށް އައިޖީއެމްއެޗުނަ މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަން ޖެހޭ އުސޫލުތަކުގެ ސަބަބުން ހޭދަވާ ވަގުތާ އެކު، އެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި ދަތިތަކެެެއް އެބަހުރި ކަމަށް އައިޖީއެމްއެޗުނަ މިއަދު ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އެހޮސްޕިޓަލްގައި މި ވަގުތު އޮތީ ފަސް އެމްބިއުލާންސް ކަމަށާއި އެ ފަސް އެމްބިއުލާންސާ އެކު ކުރިން އައީ ރަނގަޅު ހިދުމަތެއް ދެވެމުން ކަމަށެވެ. އެކަމަކު މާލޭގައި އެހެން ވެހިކަލްތައް ނުލިބޭތީ އެމްބިއުލާންސްގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ވެހިކަލްތައް މިހާރު ނުލިބެނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވާތީ އެވެ.

"މިސާލަކަށް ޑަޔަލިސިސް ހަދަން އަންނަ ޕޭޝަންޓުން ވެސް އެބަ ޖެހޭ އެއްބިއުލާންސްގައި ގެނެސްދޭން އަޅުގަނޑުމެން، އެ މީހުން ޑަޔަލިސިސް ނުހަދައެއް ނުތިބެވޭނެ. އާދެވޭނެ ގޮތެއް ނެތް. އެހެންވީމާ ބައެއް ކަހަލަ އެެހެން އެސެންޝަލް ސާވިސްތައްް ވެސް އެބަ ޖެހޭ އަޅުގަނޑުމެން ފޯރުކޮށްދޭން،" ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.

އެމްބިއުލާންސްގެ ހިދުމަތަށް ލިބުން ލަސްވާ އަނެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ބަލި މީހަކު ނަގަން ވެސް މިހާރު ދާނީ އެއީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކަށް ވެދާނެ ކަމަށް ބަލައިގެން އެގޮތަށް ތައްޔާރުވެގެން ކަމަށް ވުމެވެ. އެގޮތުން ބަލިމީހާ ހޮސްޕިޓަލަށް ގެނައުމަށް ފަހު ވެސް އަމަލުކުރަން ޖެހެނީ ކޮވިޑް ޖެހިފައިވާ މީހަކު އުފުލުމަށް ފަހު އަމަލުކުރާ އުސޫލުން ކަމަށާއި އެކަން ކަމަށް ވެސް ވަގުތު ހޭދަވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެމްބިއުލާންސް އަކަށް [އެމްބިއުލާންސް ކްރޫއަކަށް] ނޭނގޭނެ ދެއްތޯ ޕޭޝަންޓުގެ ސިޗުއޭޝަނެއް. އިރުކޮޅަކުން، ގާތްގަނޑަކަށް ހަ ގަޑިއިރު ފަހުން ބުނާނެ އެއީ ޕޮޒިޓިވް ޕޭޝަންޓެކޭ،" ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެންވެ ކޮންމެ ބަލިމީހަކު އުފުލުމަށް ފަހު އެމްބިއުލާންސްތައް އަަލުން ޑިކޮންޓެމިނޭޓްކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެކަހަލަ ކަންތައްތަކާ ހެދި އެމްބިއުލާންސް ހިދުމަތް ކޮންމެވެސް ވަރަކަށް ލަސްވިޔަސް، އެމްބިއުލާންސެއް ލިބެން އޮއްވައި ނުފޮނުވަން ހޮސްޕިޓަލުން ނުތިބޭނެ ކަމަށެވެ. މިހާރު ކުރިމަތިވާ ދަތިކަމަށް ހަލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޑރ. އަލީ ނަޒިީމް ވިދާޅުވި އެވެ.