މިދިއަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ، ވެރިރަށް މާލެ ކުރިމަތިލީ އަލިފާނުގެ ބޮޑު ހުޅަކާ އެވެ. ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ނިންވާލެވުނު އިރު، އެކެއްގެ ފުރާނަ ގެއްލި، އެތައް ގެއެއް އަލުން ބޭނުންނުކުރެވޭ ވަރަށް އަނދާހުލިވި އެވެ.
02 މެއި 2020
މިދިއަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ، ވެރިރަށް މާލެ ކުރިމަތިލީ އަލިފާނުގެ ބޮޑު ހުޅަކާ އެވެ. ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ނިންވާލެވުނު އިރު، އެކެއްގެ ފުރާނަ ގެއްލި، އެތައް ގެއެއް އަލުން ބޭނުންނުކުރެވޭ ވަރަށް އަނދާހުލިވި އެވެ.
މާލޭގައި އެއްޗެހި ގުދަންކުރުމާއި ތޮއްޖެހުން ބޮޑުކަމުން، މާލެއަކީ، އަލިފާނުގެ ބޮމެކެވެ. މިއަދު ރާއްޖޭގެ ވެރިރަށް ބަދަލުވެފައި މި އޮތީ ބަލީގެ ބޮމަކަށެވެ. ފަސޭހައިން ފެތުރެމުން ދާ ކޮރޯނާވައިރަސް ވަދެ، ހާލި ހެދުމުގެ ފުރުސަތު އެންމެ ބޮޑަށް ހުޅުވި، އަދި ގިނައިން ޕޮޒިޓިވް ވަމުން އެދަނީ، ކުރިއްސުރެ ވެސް އެފަދަ ނުރައްކަލެއް އޮތް ކަމަށް އެތައް ބަޔަކު ލަފާކުރި، ބިދޭސީން ދިރިއުޅޭ ތަންތަނުންނެވެ.
ކުރީގެ ހުރިހާ ސަރުކާރުތަކެއް ވެސް ފެއިލްވެފައި އޮތް ބިދޭސީންގެ މައްސަލަ ހަމަޔަކަށް ނޭޅި އަދި އެޅޭނެ ގޮތުގެ ރަނގަޅު މަގެއް ވެސް ފެންނަން ނެތް ތަނުގައި، މާލޭގެ ބައެއް ގެތަކުގައި މަތިމައްޗަށް އެނދުތައް އަރަމުން، މީހުންތަކުން ފުރެމުން ދިޔައީ އެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް، ބިދޭސީ މަސައްކަތު މީހުން ގެންގުޅެނީ، އެއް ތަނެއްގައި އެތައް ބަޔަކު ތޮއްޖައްސައިގެންނެވެ. އެނދެއް ދިނީމާ ނިމުނީ އެވެ.
ބިދޭސީން ނިދަން ޖާގަ ދޭން، ބިދޭސީންގެ "ސަރުދާރުތައް" ހިންގާ އެތައް ތަނެއް ވެސް މާލޭގައި އެބަ ހުއްޓެވެ. ކުދިކުދި ގޯޅިތަކުގަ އާއި މަގުތަކަށް ވާ ގޮތަށް ހުންނަ އެ މަރުކަޒުތަކަކީ، ބައްޔެއް ފެތުރެން ވެސް އެންމެ އެކަށީގެންވާ މާހައުލެވެ. އެކެއްގެ ގަޔަށް އަނެއްކަކު ފައި އެއްލައިގެން ތިބެން ޖެހޭހާ ކުދިކުދި ޖާގަތަކުގައި އެ މީހުން އުޅޭ އިރު، އެއީ އެހާމެ ސިއްރުން ފެތުރޭ ކޮރޯނާވައިރަސްއަށް ރަނެކެވެ.
ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ ކްލަސްޓާތަކަށް ބަލާއިރު، ގިނައީ އެއް ތަނެއްގައި ވަޒީފާ އަދާކޮށް، އެއް ތަނެއްގައި ދިރިއުޅޭ މީހުންގެ ބައިގަނޑުތަކެވެ. ބައެއް ކްލަސްޓާތަކުގައި 90 އިން 70 އިން އެހަރަ ދަނީ މައްޗަށެވެ. ޓެސްޓްގެ ނަތީޖާ ލިބޭ ވަރަކުން، ކްލަސްޓާތައް ބޮޑުވެ ދެ އެވެ.
މާލެ އިން ލޯކަލް ސްޕްރެޑް، މިދިއަ މަހު 15 ގައި، ފުރަތަމަ ފެނުމުގެ ކުރިން ވެސް، ކަމާ ބެހޭ ފަރާތްތަކުން ބުނަމުން އައީ، ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަން ދެނެގަނެވިއްޖެ ކަމަށެވެ. އަދި އެމީހުން އެހެން ތަންތަނަށް ބަދަލުކުރާނެ ވާހަކަ ވެސް ބުންޏެވެ. އެކަމަކު ބަލި ފެތުރެން ފެށި އިރު އެކަން އޮތީ، ތަފާތު ސަބަބުތަކާ ހެދި، ރަނގަޅަށް ކުރިއަށް ނުގެންދެވި އެވެ. އެހެންކަމުން ބިދޭސީ މަސައްކަތު މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ކޮންޓެކްޓް ޓްރޭސިން ހަދަން ފެށުމާ އެކު، ކުރިން ނުގޮވާ އޮތް ބޮން އެދަނީ ގޮވަމުންނެވެ.
މާލޭގައި ތޮއްޖެހިގެން ބިދޭސީން އުޅެމުން އަންނަ 23 ތަނެއް މިހާރު އޮތީ ކަރަންޓީންގަ އެވެ. އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަނީ، ރެޑް ކްރެސެންޓާއި ފުލުހުންނެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ތަންތަނުގައި މިހާރު ވެސް ވަނީ ވައިރަސް ފެތުރިފަ އެވެ. މީގެ ދެ ދުވަސް ކުރިން، އޭގެ ތެރެއިން އެއް މަރުކަޒުން އެކަނި ވެސް 95 މީހުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.
"އެއީ އައިސޮލޭޝަންގައި އޮތް ތަނެއް. ކުރިން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން އެ ތަނުން ހެދި ޓެސްޓްތަކުން 95 ކޭސްއެއް ޕޮޒިޓިވްވީ،" ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.
އެ 23 ތަނުގައި ދިރިއުޅެމުން އަންނަ މީހުން އަދަދު ގާތްގަނޑަކަށް 1،100 އަށް އަރަ އެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބިދޭސީން އުޅޭ އެކޮމެޑޭޝަންތަކަށް ޓާގެޓްކޮށް، އެތަންތަން ބަލަހައްޓަމުން އަންނަ ކަމަށެވެ.
ބަލީގެ މަންޒަރު ދައްކައިދޭ "ގުދުން" ރާއްޖޭގެ ހާލަތު މުޅިން ތިރިވާ ތަނެއް އަދި ނުފެނެ އެވެ. ބައެއް ދުވަސް ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އަށް ކައިރިކޮށްފައި، އަނެއް ބައި ދުވަސް ދުވަހު ގާތްގަނޑަކަށް ވިއްސަށް ވެއްޓުމުގެ މާނައަކީ، ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، ކޭސްތައް ތިރިއަށް ޖެހުމެއް ނޫނެވެ. އެގޮތަށް ދިމާވަނީ ޓެސްޓް ހެދޭ މިންވަރުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ޓެސްޓް ގިނައިން ހެދި، އަވަހަށް ނަތީޖާ ލިބޭ ނަމަ، އަދިވެސް އޮތީ ގިނަ ކޭސްތަކެއް ފެނުމެވެ.
ނަމަވެސް ބަލި ކޮންޓްރޯލްކުރުގެ ބާރު އެޗުޕީއޭގެ އަތްދަށުން އަދި ދުލެއްނުވެ އެވެ. ކްލަސްޓާތައް ހޯދައި، އެއާ ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި މިހާރު ޕޮޒިޓިވްވާ ގިނަ މީހުން ތިބީ ވެސް، ކަރަންޓީން ކޮށްފައި ހުރި ތަންތަނުގަ އެވެ. އެހެންކަމުން އެ މީހުންގެ ފަރާތުން، އެތަންތަނުން ބޭރުން ބަޔަކަށް ބަލި ޖެއްސުމުގެ ފުރުސަތު ކުޑަ އެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިހާރު ދެނެގަނެވިފައިވާ ކްލަސްޓާތަކުން މި އަދަދަށް ކޭސްތައް ފެންނާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ. އެހެންކަމުން އެ ކްލަސްޓާތައް މޮނިޓާ ކުރަމުން އަންނާތީ ކޮވިޑް-19ގެ "ހާލަތު މިއޮތީ ކޮންޓްރޯލްގެ ދަށުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.
- ބަންގްލަދޭޝް: 261
- ދިވެހިން: 157
- އިންޑިއާ: 51
"މިސާލަކަށް އެތައް މިތަނުން އެއްވެސް ލިންކެއް ނުފެނި ބައިވަރު އިތުރު ކޭސްތަކެއް ފެންނަން ފަށައިފި ނަމަ އެ ހިސާބުން އަަޅުގަނޑުމެން ބުނާނީ އެއީ އަންކޮންޓްރޯލްޑް ސްޕްރެޑެކޭ،" އިއްޔެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އައިޑެންޓިފައިކޮށްފައި ހުރި ކްލަސްޓާތަކެއްގެ ތެރެއިން އިތުރު ކޭސްތައް ފެނުމަކީ އަޅުގަނޑުމެން އެކްސްޕެކްޓް ވެސް ކުރާ ކަމެއް."
ގިނަ އަދަދެއްގެ ބިދޭސީން ބައްޔަށް ޕޮޒިޓިވް ވާތީ ބައެއް އުސޫލުތަކަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ރެންޑަމްކޮށް ހަދާ ޓެސްޓްތައް ވެސް، އެންމެ ގިނައިން ބަލި ފެންނަ ސަރަހައްދުތަކަށް، ނުވަތަ އެންމެ ގިނައިން ބިދޭސީ ހަރަކާތްތެރިވެ އުޅޭ، ބާޒާރު މަތީ ހިސާބުގަނޑަށް އަމާޒުކުރެ އެވެ.
މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެތައް އަނދާ ހުލިވެފައި: ކެމިކަލް ގުދަންތައް މިހާރު ވަނީ މާލެއިން ބޭރަށް ގެންގޮސް --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެކަމަކު މާލޭގައި ބަލި ފެތުރެމުން ދާ ގޮތަށް ބަލާއިރު ސަބަބު ގޮސް ގުޅިފައި މި އޮތީ، ކުރިއްސުރެ ވެސް އަތުން ކޮންޓްރޯލް ގެއްލިފައި އޮތް، ބިދޭސީންގެ މައްސަލަ އެވެ. ގަވާއިދަށް އުޅޭ މީހުންނާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތޮއްޖެހުން ބޮޑު ދިރިއުޅުމެވެ. މިކަހަލަ ބައްޔެއް ފެތުރެން ފަށައިފި ނަމަ، އެއީ ކުރިން ވެސް ލަފާކުރި ގޮތަށް، ގޮވަން ހުރި ބޮންތަކެވެ.
ހ. ތިލަފުށީ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ އެކު، ސަރުކާރުން ވަނީ މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ކޮށްފަ އެވެ. އެއިން ދައްކައިދެނީ ސަރުކާރުން ބޭނުން ވެއްޖެ ނަމަ، ނުކުރެވޭ ކަންކަމަށް ވުރެ ގިނައީ ކުރެވެން ހުރި ކަންކަން ކަމެވެ.
ދެން އޮތީ މާލޭގެ ނުރައްކާތެރި ތޮއްޖެހުން ހަމަޔަކަށް އެޅުވުމެވެ. އެއީ ކެމިކަލް ގުދަންތައް ބަދަލުކުރުން ކަހަލަ ފަސޭހަ މަސައްކަތެއް ނޫނެވެ. އެކަމަކު ކޮވިޑް-19 އިން ދައްކައި މިދެނީ، މި ތޮއްޖެހުން މިހާރު ފުދިއްޖެ ކަމެވެ. ދެން އެއާ އެކު އުޅެވެން ނެތް ކަމެވެ.
ފްރޮންޓްލައިން ކޮވިޑް ކޭސްތައް ގިނައީ އެއާޕޯޓުގައި
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި
މަރުވި ބިދޭސީ މީހާގެ 66 ކޮންޓެކްޓެއް ހޯދައިފި
ބޮޑެތި ކްލަސްޓާތައް ގުޅެނީ ބާޒާރުމައްޗާ: އަފްޒަލް
ލޮކްޑައުން އަށް ފަހު ވެސް މި ބައްޔާ އެކު އުޅެން ޖެހޭ
"އިންޑެކްސް ކޭސް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް"
ހައި ރިސްކް މީހުންގެ ކޮވިޑް ކޭސްތައް ގިނަވެއްޖެ
ކޮވިޑަކީ ސިޔާސީކަމެއް ނޫން: އެޗްޕީއޭ
އޮތީ ލެވެލް ނުވައެއްގައި، 10 އަކުން ލޮކްޑައުންއަށް!