Roadha Mihaaru
ޓީވީއެމުން ކުޑަކުދިން ލައްވާ ސިޔާސީ ރައިވަރެއް!

ޓީވީއެމުން ކުޑަކުދިން ލައްވާ ސިޔާސީ ރައިވަރެއް، ކުރިމަތިވީ ފާޑުކިއުން

01 މެއި 2020

ދައުލަތުގެ މީޑިއާ، ޓީވީއެމުން އިއްޔެ ހަވީރު ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަކުއްޖަކު ލައްވައި ކުރީގެ ދެ ރައީސަކަށް ފާޑުކިޔާފައިވާ ރައިވަރެއް ކިޔުއްވި މައްސަލަ ހޫނުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދައުލަތުގެ މީޑިއާ، ޓީވީއެމުން އިއްޔެ ހަވީރު ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަކުއްޖަކު ލައްވައި ކުރީގެ ދެ ރައީސަކަށް ފާޑުކިޔާފައިވާ ރައިވަރެއް ކިޔުއްވި މައްސަލަ ހޫނުވެއްޖެ އެވެ.

ޕްރެޒެންޓާ، ޝަމްރާ ޝަމީމް (ކުޑޫ) ހުށަހެޅި "ކުޑަ މަސައްކަތެއް" ޕްރޮގްރާމްގައި ބައިވެރިވި ކުދިން ލައްވައި ތަފާތު ރައިވަރުތައް ކިޔުއްވިއިރު އޭގެ ތެރޭގައި ހިމެނުނު ސިޔާސީ ރައިވަރުގެ މައިގަނޑު މާނައަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރިހުން މަކަރާއި ހީލަތް ދަސްކުރައްވައިގެން ރައީސް އަބްދުﷲ ޔާމީން، މަޖިލިސް މެމްބަރުން ގަނެގެން ކުރެއްވި ކަންތައްތަކުން ސަލާމަތްވެވެން ނެތް ކަމެވެ.

ކުދިން ލައްވައި އެ ރައިވަރު ކިޔުއްވުމަކީ ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ފަދަ އަމަލެއް ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ.

މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓް--

ބައްޕާފުޅާއި ބޭބޭފުޅާ ބެހޭ ގޮތުން ހަދާފައިވާ އެ ރައިވަރު ޓީވީއެމުން ކުޑަކުއްޖަކު ލައްވާ ކިޔުއްވުމުން އެކަން ކުށްވެރިކޮށް ކުރެއްވި ޓްވީޓެއްގައި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ގައްސާން މައުމޫން އެއްސެވީ ގައުމު އެއްބައިވަންތަ ކުރަންވީ ވަގުތު ފެނިގެން މިދަނީ ކޯލިޝަން މުގުރާލުމުގެ އަމަލެއްތޯ އެވެ. ދެން ފެންނާނީ ފެނަށް ވުރެ ލޭ އޮލަކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުޅިއެއްގެ ތެރެއަށް ފެނާއި ތެލާ އަޅައި ކިތަންމެ ވަރަކަށް ތެޅުވިޔަސް، ތެޅުވުން ހުއްޓާލުމުން ވަކިވާނެ،" ނުސީދާ ގޮތަކަށް ފާޑުވިދާޅުވަމުން ގައްސާން ވިދާޅުވި އެވެ.

ޕީއެސްއެމްގެ އަމަލު ކުށްވެރިކޮށް އަމިއްލަ މީހަކު ކުރި ޓްވީޓެއް

ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވައި ސުވާލުކުރެއްވީ ދައުލަތުގެ މީޑިއާއަށް ގެނައި އިސްލާއީ އެޖެންޑާއަކީ އެއީތޯ އެވެ. އަދި އެކަން ކުރި ބަޔަކު ވަޒީފާއިން ދުރުކޮށް ތަހުގީގުކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.

ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުވާ މިނިވަން ހިޔާލުގެ އެތައް ބަޔަކު ވެސް އަންނަނީ ޓީވީއެމްގެ އެ އަމަލު ކުށްވެރިކުރަމުންނެވެ. ހާއްސަކޮށް ކުޑަކުދިންގެ ޕްރޮގްރާމެއްގައި އެފަދަ ކަމެއް ކުރުމުން އެކަން ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ވެސް ބައެއް މީހުން ގޮވާލި އެވެ.

ޕީއެސްއެމްގެ އަމަލު ކުށްވެރިކޮށް އަމިއްލަ މީހަކު ކުރި ޓްވީޓެއް

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު، "މިހާރު" އަށް ވިދާޅުވީ އެއީ އޮޅުމަކުންވީ ކަމެއް ކަމަށެވެ. ތަފްސީލް ފަހުން ހާމަކުރައްވާނެނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ދެރަކޮށްވި ކަމެއް އެއީ،" އަލީ ވިދާޅުވި އެވެ.