Roadha Mihaaru
"ޓޫރިސްޓުންނަށް ހަމަލާ ދިނީ ބަދަލު ހިފުމުގެ ގޮތުން"

ހުޅުމާލޭގައި ޓޫރިސްޓުންނަށް ހަމަލާ ދިނީ ބަދަލުހިފަން: ފުލުހުން

30 އެޕްރީލް 2020

މިއަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ތިން ޓޫރިސްޓަކަށް ވަޅިން ހަމަލާ ދިނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުުހުން ކުރާ މަސައްކަތާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިއަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ތިން ޓޫރިސްޓަކަށް ވަޅިން ހަމަލާ ދިނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުުހުން ކުރާ މަސައްކަތާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ތިން ޓޫރިސްޓަކަށް ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ ހަމަލާ ދިން މައްސަލައިގެ ތަހުގީގުތައް ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުގީގުން ހޯދި ހޯދުންތަކުން މިއީ ރ. މަޑުއްވަރީގައި މިދިޔަ އަހަރު ފަހުކޮޅުގައި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ އަށް މީހަކު ހައްޔަރު ކޮށްފަ އެވެ. މީގެ ތެރެއިން ހަ މީހަކު ފެބްރުއަރީ 13 ގައި ހައްޔަރުކުރި އިތުރު މީހަކު މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން އަމަލީގޮތުން ހަމަލާދިނުމުގައި ބައިވެރިވީ ހަތަރު މީހަކު ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ތިން ބިދޭސީންނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހެއްކަން ފާހަގަކުރެވޭ. އެމީހުން ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލުތައް ހޯދައި، އެ ސައިކަލުތަކުގައި ބަދަލުކޮށްފައި ހުރި ނަން ބޯޑުތައް ވެސް ތަހުގީގަށް ވަނީ ހޯދިފައި." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކުރި މީހުން ދިރިއުޅޭ ގެތައް ބަލައި ޗެކު ކުރި އިރު އެމީހުން ގެންގުޅުނު ވަސީލަތްތަކުން ޓެރަރިޒަމަށް ހިތްވަރުދޭ ތަކެއްޗާއި ހަމަލާއާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ވަޅިން ހަމަލާ ދީފައިވަނީ ތިން ފިރިހެނުންނަށެވެ. މީގެ ތެރޭގައި ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހެއް ހިމެނެ އެވެ.