Roadha Mihaaru
ތުލުސްދޫން ބަންގްލަދޭޝް ދެ މީހަކު ޕޮޒިޓިވްވެއްޖެ

ތުލުސްދޫން ބަންގްލަދޭޝް ދެ މީހަކު ޕޮޒިޓިވްވެއްޖެ

27 އެޕްރީލް 2020

ކ. ތުލުސްދޫގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅޭ ބަންގްލަދޭޝްގެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކ. ތުލުސްދޫގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅޭ ބަންގްލަދޭޝްގެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މި ދެ ބިދޭސީން ޕޮޒިޓިވްވީ އެ ރަށުގައި ކަރަންޓީނުގައި ތިއްބަ އެވެ. ދެ މީހުންގެ ސާމްޕަލް ނެގީ މީގެ ދެ ދުވަސް ކުރިންނެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް، "މިހާރު" އަށް ވިދާޅުވީ ދެ ބިދޭސީންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެގެން ކަރަންޓީންގައި ތިބި ބައެއް ކަމަށެވެ. އެ ދެ މީހުންގެ އިތުރުން ވެސް 14 ބިދޭސީއަކު ކަރަންޓީންގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ އިން ޕޮޒިޓިވްވި މީހަކާ [ޕޮޒިޓިވްވި] ދެ މީހުން ބައްދަލުވީ،" އޭނާ ވިދާޅުވި އެވެ.

ކަރަންޓީނުގައި ތިބި ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ 40 މީހެއްގެ ސާމްޕަލް އެ ރަށުން ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ޕޮޒިޓިވްވީ އެ ދެ މީހުންނެވެ.

ތުލުސްދޫގެ ހާލަތާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަދި އެއްޗެއް ނުބުނެ އެވެ.

އަނީސް ވިދާޅުވި ގޮތުގައި މިމަހުގެ 21 އިން ފެށިގެން އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ. އެހެންކަމުން ރަށަށް މީހުން އަރައި ފޭބުން މަނަލެވެ. އަދި ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މިހާތަނަށް އިތުރު ހަރުކަށި ފިޔަވަޅެއް ނާޅާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ. ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 102 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. އެ ލިސްޓުގައި ދެން އެންމެ ގިނައީ ދިވެހިންނެވެ. މިހާތަނަށް 80 ދިވެއްސަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. ދެން އުޅެނީ އިންޑިއާގެ 13 މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ އެކެކެވެ. އަދި "އެހެނިހެން" ކެޓަގަރީގައި ފަސް މީހަކު އުޅޭ ކަމަށް ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.

ތުލުސްދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މާލެ ފިޔަވައި ދެން އެ ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވަނީ ހއ. އުލިގަމާއި އުތުރުގެ ތިން އަތޮޅަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަނެވެ. އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއް އެޗްޕީއޭ އިން ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.

އެޗްޕީއޭގެ މޮނިޓަރިން ލިސްޓަށް ލާފައި ވަނީ ހއ. އަތޮޅުން ދިއްދު އާއި އުތީމުގެ އިތުރުން ށ. ނަރުދު އާއި ށ. ފުނަދު އާއި ށ. މިލަންދު އާއި ށ. ފީވަކާއި ށ. މާއުގޫނދު އާއި ނ. ވެލިދު އާއި ހޮޅުދު އާއި ނ. މާފަރާއި ނ. މިލަދު އާއި ނ. ކެނދިކުޅުދު އާއި ނ. ހެނބަދޫ އެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުއްޓަށް މި މަހުގެ 21 ވަނަ ދުވަހު އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ ގިނަ މީހުން މިހާތަނަށް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. ނަމަވެސް އަމާޒު ދޯނީގެ މައްސަލައާ ގުޅިގެން ރަށްރަށަށް ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑު ކަން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 214 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެންމެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވި ދުވަހަކީ އިއްޔެ އެވެ.