Roadha Mihaaru
ރާއްޖެ އަލުން ގުޅޭނެކަމަށް އުންމީދުކުރަން: ކޮމަންވެލްތު

އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރެސީ ކުރިއަރުވަން، އަލުން ރާއްޖެ ގުޅޭނެ ކަމަށް ހީކުރަން: ކޮމަންވެލްތު

13 އޮކްޓޯބަރ 2016

ކޮމަންވެލްތުން އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރެސީ ކުރިއަރުވަން ކަމަށާއި އެހެންވެ ރާއްޖޭން އެ ޖަމާއަތާ އަލުން ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް މިރޭ ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކޮމަންވެލްތުން އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރެސީ ކުރިއަރުވަން ކަމަށާއި އެހެންވެ ރާއްޖޭން އެ ޖަމާއަތާ އަލުން ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުން ވަކިވާން ކެބިނެޓުން މިއަދު ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދިނުމާ އެކު، ރައީސް ވަނީ އެ ގޮތަށް އެކަން ނިންމަވާފަ އެވެ. އެ ގޮތަށް ނިންމެވީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ބޭ އިންސާފުން ފިޔަވަޅު އަޅަމުން ދާ ކަމަށް ބުނެ އެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރަން ރާއްޖޭން ކުރާ މަސައްކަތް ކޮމަންވެލްތުން ބަލައި ނުގަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން ޕެޓްރީސިއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ކޮމަންވެލްތުން އަބަދު ވެސް މަސައްކަތް ކުރަނީ ޑިމޮކްރެސީގެ ހަމަތައް ކުރިއަރުވައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް އަދި ގައުމުތަކަށް ތަރައްގީ ހޯދައި ދިނުމަށެވެ. އެ ދާއިރާތަކުން ކުދި ގައުމުތަކަށް ފޯރުކޮށް ދޭ އެހީ އިތުރުކުރަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންވެ، ކޮމަންވެލްތުން ވަކިވުމަކީ ރާއްޖޭން ނިންމި ވަގުތީ ނިންމުމެއް ކަމަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕެޓްރީސިއާ ވިދާޅުވި އެވެ. އަދި ކޮމަންވެލްތުގެ އާއިލާއާ ރާއްޖޭން އަލުން ގުޅި، އެ ޖަމާއަތުން ގަބޫލުކުރާ އުސޫލުތައް ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި އެ ގައުމުތަކުގެ ރައްޔިތުން ހިމެނޭ ގޮތަށް މުޅި ކޮމަންވެލްތު އާއިލާ، މި ނިންމުމާ މެދު އަޅުގަނޑާ އެކު ހިތާމާގައި ބައިވެރިވާނެ އެވެ،" ޕެޓްރީސިއާގެ ބަޔާނުގައިވެ އެވެ.

ތިރީސް ހަތަރު އަހަރު މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު ކޮމަންވެލްތުން ވަކިވާން މި ނިންމީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި މިދިޔަ މަހުގެ 23 ގައި ރާއްޖެ ހިމަނައި، ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންކަން އިސްލާހު ނުކޮށްފި ނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރުމާ މެދު ވިސްނަން ނިންމާފައި ވަނީ މާޗް 2017 ގައި ބާއްވާ ސީމެގްގެ ބައްދަލުވުމުގަ އެވެ.

ކޮމަންވެލްތާއި އެ ޖަމާއަތުގައި ހިމެނޭ ގިނަ ގައުމުތަކަކުން ދަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންމެވެ. އެ ފަރާތްތަކުން ފާޑުކިޔާ ކަންކަމުގެ ތެރޭގައި ދައުލަތުގެ ތިން ބާރު ރައީސްގެ މުށުތެރެ އަށް ދިއުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލުމުގެ އިތުރަށް، ގާނޫނުތަކާއި އެ ނޫން ވެސް ފިޔަވަޅުތައް މެދުވެރިކޮށް ފަރުދީ އަދި ސިޔާސީ ހައްގުތައް ނިގުޅައިގަތުން ހިމެނެ އެވެ.

ކޮމަންވެލްތުން ވަކިވާން ނިންމިިއިރު، ކޮމަންވެލްތުން ރާއްޖެ އަށް ގިނަ ފަންނީ އެހީތަކެއް ދެ އެވެ. ހާއްސަކޮށް، ސްކޮލަޝިޕްގެ ފުރުސަތުތަކާއި ޑިމޮކްރެސީ ހަރުދަނާކޮށް، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ދާއިރާ އިން ދޭ އެހީތައް ހިމެނެ އެވެ. އެ ގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން ކޮމަންވެލްތުން ހާއްސަ މަންދޫބެއް ކަނޑައަޅާފައި ވާއިރު، ގާނޫނު ހެދުން ހަރުދަނާ ކުރުމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދެ މުޝީރަކު ރާއްޖެ އަށް ހަމަޖެއްސުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ކޮމަންވެލްތުން ވަކިވިޔަސް، އދ. އާއި އެ ނޫން ވެސް ބައިނަލްއަގުވާމީ ޖަމާއަތްތައް އަދި ހެޔޮ އެދޭ ގައުމުތަކާ އެކު ރާއްޖޭން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ. އެހެންވެ، ކޮމަންވެލްތުން ވަކިވުމުގެ ގެއްލުމެއް ނުލިބޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.