Roadha Mihaaru
ރާއްޖެ، ކޮމަންވެލްތާ ގުޅެން ދެކޮޅު ގައުމެއް ނެތް

ރާާއްޖެ އަލުން ކޮމަންވެލްތާ ގުޅެން އެއްވެސް ގައުމަކުން ދެކޮޅު ނޫން ކަން އަންގައިފި

24 ޑިސެމްބަރ 2019

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅެން މެމްބަރު ގައުމުތަކުގެ މައްސަލައެއް ނެތް ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ޖަމާއަތުން އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅެން މެމްބަރު ގައުމުތަކުގެ މައްސަލައެއް ނެތް ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ޖަމާއަތުން އަންގައިފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިކިއާ ސްކޮޓްލެންޑް މިގޮތަށް އެންގެވީ، ރައީސަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް އެއްވެސް ގައުމަކުން ދެކޮޅު ނުހެދުމަކީ އެ ޖަމިއްޔާއާ އަލުން ގުޅުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. ކޮމަންވެލްތަށް ވަނުމުގެ މުހިއްމު ހަރުފަތެއް ރާއްޖެ އިން ފުރިހަމަ ކޮށްފައިވާއިރު، ރާއްޖެއަކީ އެ ޖަމާއަތުގެ މެމްބަރަކަށް ހެދުމަށް އެެހެން ގައުމުތަކުން ބާރުއަޅަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ކުރީކޮޅު ކޮމަންވެލްތުގެ ފުރިހަމަ މެމްބަރަކަށް ރާއްޖެ ވާނެ އެވެ. އެއާއެކު އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރުވާންޑާގެ ވެރިރަށް، ކިގާލީގައި އޮންނަ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ބައިވެރިވެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮމަންވެލްތުގައި 53 ގައުމު ހިމެނެ އެވެ.

ރައީސަށް، ޕެޓްރިކިއާ އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ރާއްޖެއަށް އެ ޖަމިއްޔާގެެ ޓީމުން ޒިޔާރަތްކޮށް ހެދި ދެ އެސެސްމަންޓާއި އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ރިޕޯޓުތައް މެމްބަރު ގައުމުތަކާ ހިއްސާކޮށް ހުރިހާ ގައުމަކުން ވެސް އެ ރިޕޯޓުތައް ބަލައިގެންފައިވާ ކަމަށެވެ. ރާއްޖެ މިހާރު އޮތީ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންވެލްތާ ގުޅުނުތާ 34 އަހަރު ފަހުން އޮކްޓޫބަރު 13، 2016 ގައި ރާއްޖެ އެ ޖަމާއަތުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ އެ ޖަމާއަތާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގަ އެވެ. ސަރުކާރުން އޭރު ބުނީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ މާ ބޮޑަށް ބެހެމުންދާ ކަމަށެވެ. ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް އަލުން ހުށަހެޅީ ޑިސެމްބަރު 6، 2018ގަ އެވެ.