Roadha Mihaaru
ރޯދައަށް ބޭނުންވާ ވަރަށް ސްޓޮކް އެބަހުރި:ވިޔަފާރިވެރިން

ރޯދަ އަށް ސްޓޮކް އެބަހުރި، އެކަމަކު މުދާ ކްލިއާ ކުރުން ލަސްވެދާނެ: ވިޔަފާރިވެރިން

20 އެޕްރީލް 2020

ރޯދަ އަށް ބޭނުންވާ ވަރަށް ސްޓޮކް އެބަހުރި ކަމަށާއި އެހެން ނަމަވެސް މިހާރު އޮތް ހާލަތުގެ ސަބަބުން ތަކެތި ޑިސްޓްރިބިއުޓް ކުރުމުގައި ލަސްތަކެއް ދިމާވުން އެކަށީގެންވާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދަ އަށް ބޭނުންވާ ވަރަށް ސްޓޮކް އެބަހުރި ކަމަށާއި އެހެން ނަމަވެސް މިހާރު އޮތް ހާލަތުގެ ސަބަބުން ތަކެތި ޑިސްޓްރިބިއުޓް ކުރުމުގައި ލަސްތަކެއް ދިމާވުން އެކަށީގެންވާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ އެކު މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. ކަލަންޑަރުގައިވާ ގޮތުން ރޯމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ އަންނަ ހުކުރެވެ. އެހެން ކަމުން މިހާރު ކަނޑައަޅާފައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ވެސް މާލެ ސަރަހައްދުގެ މީހުން ހޭދަ ކުރާނީ ލޮކްޑައުންގަ އެވެ. އެހެން މަސް މަަހަށް ވުރެ ރަމަޟާން މަހު ކާބޯތަކެތި ގިނައިން ބޭނުން ކުރާ އިރު މި އަހަރުގެ ރަމަޟާން މަހު ކާބޯތަކެެތި ދަތިތަކެއް ނެތި ލިބޭނެ ކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރާއްޖެ އަށް ގިނަ އަދަދެއްގެ ކާބޯތަކެތި އެެތެރެ ކުރާ ހެޕީމާކެޓްގެ ޖެނެރަލް މެނޭޖަރު އަލީ އިހްސާން ވިދާޅުވީ، ރޯދަ މަަހަށް ބޭނުންވާ ވަަރަށް ތަކެތި އެބަ ހުރި ކަަމަށާއި، ރޯދަ އަށް ކަނޑައެޅި ސްޓޮކް އޮންނަ އުސޫލުގެ ތެރެއިން ގެނެސްފައިވާ ކަމަށެވެ. އަދި ޝެޑިއުލްކޮށްފައިވާ ސްޓޮކް ވެސް ގެނައުމުގައި ދަތިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އިހްސާން ވިދާޅުވީ، ތަކެތި ހުރި ނަމަވެސް، ބަނދަރުން މުދާ ކްލިއާ ކުރުމުގެ ޕްރޮސެސް ލަސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ ދިމާވެފައިވާ ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޯދަ މަަހަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ހުރީ މާލޭގައި،" އޭނާ ވިދާޅުވި އެވެ.

މާލެ: އޭޕްރިލް 19، 2020: ބާޒާރުމަތީ ހުރި ފިހާރައަކުން މުދާ ބޭރުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

މާލެ: އޭޕްރިލް 19، 2020: ބާޒާރުމަތީ ހުރި ފިހާރައަކުން މުދާ ބޭރުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ކޮންޓެއިނާތައް ކްްލިއާ ކުރުމުގެ ލަސްތަކެއް ވާނެ ކަމަށް ބެލެވޭ އިރު ލޮކްޑައުނާ އެކު މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. އެމްޕީއެލުން ބުނީ، މުދާ ކްލިއާ ކުރުމުގައި ކާބޯތަކެއްޗަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އާންމުކޮށް ދުވާލަކު 150 ކޮންޓެއިނަރު ކްލިއާ ކުރި ނަމަވެސް، މިދުވަސްވަރު އެވްރެޖު ކޮށް އެމްޕީއެލުން ކްލިއާ ކުރަނީ 40 ވަރަަކަށް ކޮންޓެއިނަރެވެ.

މުދާ ކްލިއާ ކުރުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން އެމްއެޗްއޭގެ މާކެޓިން މެނޭޖަރު މުހައްމަދު ހިލާލު ވިދާޅުވީ، އާންމު ގޮތެއްގައި ރަމަޟާން މަސް ފެށެން ހަފްތާއަކަށްވާ އިރު ކަދުރު ފަދަ ސާމާނު އެއްކޮށް ކްލިއާ ކުރެވުނު ނަމަވެސް، އަދި ވެސް ކަދުރުގެ ހަތަރު ވަރަކަށް ކޮންޓެެއިނަރު ކްލިއާ ނުކުރެވި އެބަ ހުރި ކަމަށެވެ.

"މިހާރު އޮތް ގޮތުން އެ ކޮންޓެއިނަރުތައް ކްލިއާ ކުރެވެން އޮތީ މި މަހުގެ 22 ވަނަ ދުވަހު. މިއީ ދިމާވާ ދަތިކަމެއް،" އޭނާ ވިދާޅުވި އެވެ.

މުދާ ކްލިއާ ކުރުން ލަސްވާ އެއް ސަބަބަކީ ލޮކްޑައުނާ ގުޅިިގެން އެމްޕީއެލް އިން އެ މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުން މަދުވެ، ވިޔަފާރިތަކުން ވެސް މުދާ ޑިސްޓްރިބިއުޓް ކުރުމުގައި ބޭނުން ކުރާ މުވައްޒަފުން މަދު ކުރުމުންނެވެ. ކަން މިހެން އޮތް ނަމަވެސް، ކަދުރު ފަދަ ރޯދައަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް، ރާއްޖޭގެ ބަނދަރާ ހަމައަށް ގެނެވިފައިވާ ކަމަށް އެމްއެޗްއޭ އިން ވެސް ބުނެ އެވެ.

މާލެ: އޭޕްރިލް 19، 2020: ބާޒާރުމަތީގައި ހުރި ފިހާރައަކުން މީހަކު ޑެލިވަރީގެ ހިދުމަތް ދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

މާލެ: އޭޕްރިލް 19، 2020: ބާޒާރުމަތީގައި ހުރި ފިހާރައަކުން މީހަކު ޑެލިވަރީގެ ހިދުމަތް ދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ރާއްޖެ އަށް ކާނާގެ ބާވަތްތަކާއި ފިނި ކުރި މަހުގެ ބާވަތްތައް ފުޅާ ދާއިރާއެއްގައި އެތެރެ ކުރާ ޔުނައިޑެޓް ފުޑް ސަޕްލަޔާސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފު ޝަކޫރު ވިދާޅުވީ ރޯދައަށް ގެންނަން ކަނޑައެޅި ހުރިހާ ސާމާނެއް ވެސް އެބަ ހުރި ކަމަށެވެ. އޭނާ ވިދާޅުވީ، އާންމު ގޮތެއްގައި ފިނިކުރި މަހުގެ ގިނަ ބާވަތްތަކެއް ރިސޯޓްތަކަށް ސަޕްލައި ކުރި ނަމަވެސް، ރިސޯޓްތަކުގެ އޮޕަރޭޝަންތައް ހުއްޓާލައިފައި އޮތުމުން، ފިނި ކުރި މަހުގެ ބާވަތްތައް އޯވާ ސްޓޮކްވެފައިވާ ކަމަށެވެ.

"އެހެންވެ މި ތަކެތީގެ އަގުތައް މާކެޓުގައި އެހާ ދައްވެފައި ވަނީ. ވިޔަފާރިވެރިން މިހާރު ފިނި ކުރި ބާވަތްތައް ވިއްކަނީ ކޮސްޓްގަ ހަމަ،" އާތިފު ވިދާޅުވި އެވެ.

ފިނިކުރި މަހުގެ އަގުތައް ވަރަށް ބޮޑަށް ހެޔޮވެފައިވާ އިރު ކުރިން 35ރ. އަށް ލިބެން ހުރި ކުކުޅު ކިލޯއެއް މިހާރު ބާޒާރުން ލިބެނީ 29ރ. އަށެވެ. ރޯދަ މަހު ވެސް ފިނިކުރި މަހުގެ ބާވަތްތަކުގެ އަގުތައް ހުންނާނީ މި އަގުތަކުގައި ކަމަށް ބެލެވެ އެވެ.