Roadha Mihaaru
އިންޑިއާގައި ތިބި 159 ދިވެއްސަކު ރާއްޖެ ގެނެސްދީފި

ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެއްސަކު ރާއްޖެ ގެނެސްދީފި

14 އެޕްރީލް 2020

ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެއްސަކު މިއަދު މާލެ ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެއްސަކު މިއަދު މާލެ ގެނެސްފި އެވެ.

އެންސްޕާ އަދި އާސަންދައިގެ އެހީގައި ބޭސްކުރަން ތިބި މީހުން ރާއްޖެ ގެނައީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓެއްގަ އެވެ.

އެމީހުން ގެނައުމަށް ފަހު، ހަމަޖައްސާފައިވާ އުސޫލުން ގެންދިޔައީ ކަރަންޓީން ފެސިލިޓީތަކަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި، އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެންސްޕާ އަދި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރަން ގޮސް ތިބި މީހުންނަށް ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެ އެހީގެ ގޮތުގައި މިހާތަނަށް 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ފޮރިން މިނިސްޓްރީން ވެސް ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި ސަރަހައްދުގެ ގިނަ ގައުމުތަކެއް އޮތީ ލޮކްޑައުންގެ ހާލަތުގަ އެވެ. އެހެންވެ މޯލްޑިވިއަން އިން މީގެ ކުރިން ވެސް ވަނީ އިންޑިއާ އާއި ލަންކާ އަދި މެލޭޝިޔާއިން ދިވެހިން ގެނެސްދީފަ އެވެ.

ސަރުކާރުން ވަނީ، ކަރަންޓީން ފެސިލިޓީތަކުން ޖާގަ ލިބޭ މިންވަރަކުން ބޭރު ގައުމުތަކުން މީހުން ގެންނާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.