Roadha Mihaaru
ހަތަރު މިނިސްޓަރަކާ އެކު އޮންލައިންކޮށް ކޮމިޓީ ބާއްވަނީ

ހަތަރު މިނިސްޓަރަކާ އެކު އޮންލައިންކޮށް އިގްތިސާދީ ކޮމިޓީ ބާއްވަނީ

05 އެޕްރީލް 2020

ކޮވިޑް19ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖް ތަންފީޒުކުރަން މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު މަޝްވަރާކުރަން ކެބިނެޓުގެ ހަތަރު ވަޒީރަކާ އޮންލައިންކޮށް ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރޭ ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް19ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖް ތަންފީޒުކުރަން މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު މަޝްވަރާކުރަން ކެބިނެޓުގެ ހަތަރު ވަޒީރަކާ އޮންލައިންކޮށް ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރޭ ނިންމައިފި އެވެ.

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ އެކު ކޮމިޓީ ކުރިއަށް ގެންދާށެވެ. އެ ކޮމިޓީ އަށް ހުށަހެޅި، މެމްބަރުން މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަރުދާހުގައި 17 ކަމެއް ހިމަނާފައިވެ އެވެ.

އޭގެތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅޭ ކަންކަން ހިމެނެ އެވެ. މި މިނިސްޓްރީތަކުގެ ވަޒީރުންނާ އޮންލައިންކޮށް ބައްދަލުކުރަން ކޮމިޓީން ފާސްކުރީ، އެ ބޭފުޅުންގެ އަރިހުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހުރި ކަމަށް ބައެއް މެމްބަރުން ވިދާޅުވަމުންނެވެ. އެއް ހުށަހެޅުމަކީ މިނިސްޓްރީތަކަށް ކަންބޮޑުވުންތައް ލިޔެ، ޖަވާބު ހޯދުމެވެ. އެކަމަކު އޭގެ ބަދަލުގައި ނިމުނީ، ކޮމިޓީ އަށް ހުށަހެޅި ކަންކަން ދިރާސާކުރުމުގައި ސީދާ ވަޒީރުންނާ މަޝްވަރާ ކުރައްވާށެވެ.

ކޮމިޓީން ކުރާ މަސައްކަތުގެ ތެރޭގައި، އެކި މިނިސްޓްރީތަކާ ގުޅައިގެން ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރި ކަން ކޮމިޓީގެ މުގައްރިރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވެސް ފާހަގަކުރެއްވި އެވެ. އޮންލައިންކޮށް ކޮމިޓީ ހިންގާއިރު ވެސް އެންމެ އެދެވޭ ނަތީޖާއަކާ ހަމައަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މުގައްރިރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ވާޗުއަލްކޮށް ކުރިއަށް ގެންދަން އެސްއޯޕީއެއް ހަދާފައި އޮތްއިރު، މިނިސްޓަރުންނާ ސުވާލުކުރުމުގެ ކުރިން ފަސް ދުވަހު ނޯޓިސްއެއް ދޭން ޖެހޭ ކަމަށެވެ. އެކަމަކު މި ހާލަތުގައި، އެ މުއްދަތު އަދި އެހެން އޮތަސް ވީއެންމެ އަވަހަކަށް ޖަވާބުދާރިވެވަޑައިގެން ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މިނިސްޓަރުގެ ފަރާތުން އަޅުގަނޑުމެން ހޯދަން ބޭނުންވާ މައުލޫމާތަކީ ކޮބައިން އަޅުގަނޑުމެން ދަންނަވަން ޖެހޭ، އެކަން ކުރިއަށް ގެންދަވަން ވެސް ޖެހޭ،" މުގައްރިރު ވިދާޅުވި އެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި މި ހަފުތާގައި ލޯނު ދޫކުރަން ފަށަން ވަނީ ނިންމައިފަ އެވެ. ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވަޒީފާއިން މުވައްޒަފުން ވަކި ނުކުރާ ކުންފުނިތަކަށް ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ރިސޯޓުތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. މި ލޯނު ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު ދެއްކުމަށްޓަކައި ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.