Roadha Mihaaru
ސަރުކާރަށް ބްލޭންކް ޗެކެެއް ނުދެވޭނެ: މެމްބަރުން

ސަރުކާރަށް "ބްލޭންކް ޗެެކް" އެއް ނުދެވޭނެ: ބައެއް މެމްބަރުން

23 އެޕްރީލް 2020

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރަން އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތް ނިންމާއިރު، "ބްލޭންކް ޗެކް" އެއް ދޭ އުސޫލުން އެއްވެސް ބެލުމެއް، ހިފެހެއްޓުމެއް ނެތި ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރަން އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތް ނިންމާއިރު، "ބްލޭންކް ޗެކް" އެއް ދޭ އުސޫލުން އެއްވެސް ބެލުމެއް، ހިފެހެއްޓުމެއް ނެތި ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ގާނޫނުގައި އޮތް ގޮތުން އިސްތިސްނާވާ، އާދަޔާ ހިލާފު ވަގުތުތަކަކީ އެންމެ ބޮޑަށް ފާރަވެރިވާން ޖެހޭ ވަގުތުތައް ކަމަށެވެ. އެހެންވީމާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ އުސޫލުތަކަށް އަމަލުކުރުން ހުއްޓައިލުމަށް އެދޭ އިރު އެ ފުރުސަތު ލިބުމުން ފިނޭންސް މިނިސްޓްްރީން މަސައްކަތް ކުރާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕްލޭން ގަވަރުނަރު އަލީ ހާޝިމަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ލިބެން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

"ހަރަދު ކުރާނެ ގޮތާއި އަދި ހަރަދު ކުޑަކުރާނެ ގޮތުގެ ފުރިހަމަ ތަފްސީލީ ރިޕޯޓެއް އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ. ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭނެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި މީހާގެ މޫނަށް ބަލާފައި ގޮތް ނިންމުމަކީ މާ ކުރީގެ ގޮތެކެވެ. އަދި އެއީ މިހާރު ކަން ކުރަން ވިސްނާނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ. ފިނޭސް މިނިސްޓަރާ އޮންނަ ގާތް ކަމާއި އޭނާ އަަކީ އެއް ޕާޓީއެއްގެ ބޭފުޅަކަށް ވުމަކީ "ބްލޭންކް ޗެކް" އެއް ދޭންވީ ސަބަބެއް ނޫން ކަމަށް ވެސް އީވާ ވިދާޅުވި އެވެ. ސަރުކާރުން އެދޭ ކަންތައް މަޖިލީހުން ކޮށްދޭ ކަމަށާއި އެކަމުގައި ޝައްކެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

"އާދަޔާ ހިލާފަށް ރިޕޯޓިން މެކޭނިޒަމެއް އޮންނަން ޖެހޭނޭ. އާދަޔާ ހިލާފަށް ހަރުކަށި، ފާރަވެރި، ދެފުށް ފެންނަ ރިޕޯޓިން މެކޭނިޒަމެއް އޮންނަން ޖެހޭނޭ. ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ރައްޔިތުންނަށާއި އެމްއެމްއޭގެ ގަވަރުނަރަށް މަހުން މަހަށް ރިޕޯޓް ކުރެވޭނެ މެކޭނިޒަމެއް އޮންނަން ޖެހޭނެ،" އީވާ ވިދާޅުވި އެވެ.

އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ހޯދަން ޖެހޭ: އިލްޔާސް ލަބީބް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުއްވި ކަރުދާހުގައި އާމްދަަނީ އިތުރުކުރަން ކުރާނެ ކަންތައްތަކެއް ރަނގަޅަށް ފާހަގަވާން ނެތް ކަމަށާއި އާމްދަނީ އިތުރު ކުރެވޭނެ ކަންތައްތަކެއް ސަރުކާރުން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް އޭނާ ވިދާޅުވެ ދެއްވި އެވެ.

"ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ހިންގައިގެން މިވަގުތަށް ދައުލަތަށް ކިހާ އާމްދަނީއެއް ލިބިދާނެތޯ؟ އަދި ފަހުން ލިބޭ ގޮތަށް އަޅުގަނޑުމެން ކޮމިޓްމެންޓެއް ހޯދާފައި އެ ވަރަށް ފައިސާ ޗާޕު ކުރާނީތޯ ނޫންތޯ، އެ މަސައްކަތް ކުރެވިދާނެ،" އިލްޔާސް ވިދާޅުވި އެވެ.

މި ހާލަތުަގައި ދައުލަތުން ކުރާ ހަރަދު ކުޑަކުރުމަކީ ވެސް އިލްޔާސް ވިދާޅުވި ގޮތުގައި ކުރަން ޖެހޭ ކަމެކެވެ. އެގޮތުން ރާއްޖެ އަށް މިވަގުތު ކޮންްމެހެން ބޭނުންވާ ބާވަތްތައް ފިޔަވައި އެހެން ބާވަތްތައް އެތެރެ ނުކުރަން ވެސް ބާރު އަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ފައިސާ ދޫކުރާއިރުގައި ވަރަށް ސްޓްރިކްޓް މެޝާސް އެބަނަގަން ޖެހޭ ހަރަދު ކުޑަކުރުމަށް. ހަރަދު ކުރަން ޖެހޭނީ މިވަގުތު ކޮންމެހެން ހަރަދު ކުރަން ޖެހޭ ކަންތައްތަކަށް،" އިލްޔާސް ވިދާޅުވި އެވެ.

"ރާއްޖޭން ބޭރުން އިމްޕޯޓް ކުރާ މުދަލުގައި ވެސް އަޅުގަނޑުމެން އެބަޖެހޭ ސަރުކާރުން އެސެެންޝަލް އައިޓަމްތަކުގެ ލިސްޓެއް އެކުލަވާލައި، މިވަގުތު ރާއްޖެ އަށް އެތެރެ ކުރެވޭނީ މި ލިސްޓްގައި ހުންނަ އެއްޗިހި އެކަނި ކަަމަށް ކަނޑައަޅަން."

އިލްޔާސް ވިދާޅުވި ގޮތުގައި، ދައުލަތުގެ މުދަލަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ހުއްޓައިލުމުގެ ފުރުސަތު ސަރުކާރަށް ދޭންވީ އެދިފައިވާ ގޮތަށް އެއް އަަހަރު ދުވަހަކަށް ނޫނެވެ. އޭގެ ބަދަލުގައި ހަ މަސް ދުވަހަށް ފުރުސަތު ދިނުމަށް ފަހު ހާލަތު އަލުން ބަލަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ހަރަދުކުރާ ގޮތް މަހުން މަހަށް ބަލަން ޖެހޭނެ: އަފީފް

ވިލުފުށީީ ދާއިރާގެ މެމްބަރު ހަސަން އަފީފް، އޭނާ ވިދާޅުވީ ސަރުކާރަށް ފައިސާ ހޯދޭނެ ގޮތް ހަަމަޖެއްސިޔަސް ކޮރަޕްޝަން ހިންގިޔަ ނުދޭން ފާރަވެރިވާން ޖެހޭ ކަމަށް

ވިލުފުށީީ ދާއިރާގެ މެމްބަރު ހަސަން އަފީފް، އޭނާ ވިދާޅުވީ ސަރުކާރަށް ފައިސާ ހޯދޭނެ ގޮތް ހަަމަޖެއްސިޔަސް ކޮރަޕްޝަން ހިންގިޔަ ނުދޭން ފާރަވެރިވާން ޖެހޭ ކަމަށް

އިލްޔާސްގެ ވިސްނުމަށް ތާއީދު ކުރައްވަމުން ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ހަ މަހަށް ފަހު ފައިސާ ހަރަދުކުރާ ގޮތް މަހުން މަހަށް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން ސަރުކާރަށް ލިބޭ ފައިސާ އުފެއްދުންތެރި ކަންކަމަށް ހަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފައިސާ އަކީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަމަށް ވެސް ހަރަދުކުރެވޭ ފައިސާއަކަށް ހަދަން އެބަޖެހޭ. އާދެ އިއްޒަތްތެެ ރައީސް މިއަދު އަޅުގަނޑުމެންގެ ގައުމުގައި އުފެއްދުންތެރިކަމުގެ ސިނާއަތުގެ ތެރެއިން މި އޮތީ މަސްވެރިކަން، ޓުއަރިޒަމް މި އޮތީ ހުއްޓުމަކަށް އައިސްފައި. އަޅުގަނޑުމެން އެބަޖެހޭ ދަނޑުވެރިކަމަށް މީގެ ތެރެއިން ފައިސާ ހަރަދުކުރަން،" އަފީފް ވިދާޅުވި އެެވެ.

ދީފައިވާ ހުއްދަތަކުގެ ތެރެއިން ފެންނަ ފޫނުުބެދުންތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމެއް ކުރޭތޯ މަޖިލީހުން ވަރަށް ފާރަވެެރިކަމާ އެކީގައި ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.