Roadha Mihaaru
ބިރެއް ނުފިލާ، މުހިންމީ ރައްޔިތުންގެ އެއްބާރުލުން

ބިރެއް ނުފިލާ، މުހިންމީ ރައްޔިތުންގެ އެއްބާރުލުން

30 މާޗް 2020

ކިރިޔާ ކަމެއް ދޫކޮށްލެވިއްޖެ ނަމަވެސް ގޯހުން ހިނގައިދާނެ އެވެ! ކަރަންޓީންގައި ތިބި އިޓަލީގެ ދެ މީހަކު، ޓެސްޓްގެ ނަތީޖާ އައުމުގެ ކުރިން ރާއްޖެ އިން ފުރުވާލުމަކީ، މިހާތަނަށް ހެދި އެންމެ ބޮޑު ގޯހެވެ. އަދި އެ ގޯހާ އެކު، އެހެން ބައެއް ކަންކަން ވެސް މި ވަނީ ވަރަށް ބޮޑަށް ބަދަލުކުރަން ޖެހިފަ އެވެ. ބަދަލު ވެސް ކޮށްފި އެވެ. އެ ކޭސްއާ އެކު މިހާރު ނިންމާފައި ވަނީ ކަރަންޓީންގައި ތިބި އެންމެން ވެސް، ދޫކޮށްލުމުގެ ކުރިން ޓެސްޓް ހަދާށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު އަދި އަހުމަދު ހަމްދޫން

ކިރިޔާ ކަމެއް ދޫކޮށްލެވިއްޖެ ނަމަވެސް ގޯހުން ހިނގައިދާނެ އެވެ! ކަރަންޓީންގައި ތިބި އިޓަލީގެ ދެ މީހަކު، ޓެސްޓްގެ ނަތީޖާ އައުމުގެ ކުރިން ރާއްޖެ އިން ފުރުވާލުމަކީ، މިހާތަނަށް ހެދި އެންމެ ބޮޑު ގޯހެވެ. އަދި އެ ގޯހާ އެކު، އެހެން ބައެއް ކަންކަން ވެސް މި ވަނީ ވަރަށް ބޮޑަށް ބަދަލުކުރަން ޖެހިފަ އެވެ. ބަދަލު ވެސް ކޮށްފި އެވެ. އެ ކޭސްއާ އެކު މިހާރު ނިންމާފައި ވަނީ ކަރަންޓީންގައި ތިބި އެންމެން ވެސް، ދޫކޮށްލުމުގެ ކުރިން ޓެސްޓް ހަދާށެވެ.

އިޓަލީގެ ދެ މީހުންގެ ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފުރުވާލި މައްސަލަ ކުރިމަތިވުމުގެ ކުރިން ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިދިޔަ ބުރާސްފަތިދުވަހު ދަރުބާރުގޭގައި "މިހާރު"ގެ ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ. އޭނާއާ އެކު ނޫސްވެރިން ހޭދަކުރި ދޮޅުގަޑިއެއްހާ އިރު ވެސް ފެނުނީ ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑު ދަންވަންދެން ކުރައްވާ މަސައްކަތުގެ ބުރަކަމާއި ވަރުބަލިކަމެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މައިމޫނާ އާއި އޭނާގެ ދަށުން މަސައްކަތްކުރާ އެހެން އެންމެންގެ ކުރިމަތީގައި ވެސް އޮތީ ގައުމީ މަސައްކަތެކެވެ. އެ އެންމެން ތިބީ އެކަމުގައި ފަސްޖެހުމެއް ނެތި އެވެ.

ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރުނަ ނުދޭން ސިއްހީ ދާއިރާގެ ޚިދުމަތްތެރިންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުގެ މީހުން ވަމުން އަންނަ ގުރުބާނީ، މައިމޫނާ ވަރަށް ތަފްސީލްކޮށް ކިޔައިދެއްވި އެވެ.

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 12 ގައި އިއުލާން ކުރައްވާއިރު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 12 ގައި އިއުލާން ކުރައްވާއިރު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރާއްޖެ އަށް އެ ވައިރަހާ އެކު އެތެރެވި މީހުން ދެނެގަނެ ފުރާނަ ސަލާމަތްކޮށްދިނުމުގައި، އަމިއްލަ އަށް ނުރައްކަލުގެ ތެރެއަށް ހުށަހެޅި، އިންސާނިއްޔަތުކަން އިސްކޮށް ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނާއި އެ ނޫން ވެސް އަމަލީ ގޮތުން އުޅޭ އެންމެންގެ ޚިދުމަތަކީ ނަމޫނާއެކެވެ. އެކަމަކު މި ބުރަ މަސައްކަތުން ލުޔެއް ލިބުމާ އެންމެ ބޮޑަށް ގުޅިފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އެއްބާރުލުމާ އެވެ.

ސިއްހީ ދާއިރާގައި 30 އަހަރުގެ ތަޖުރިބާއާ އެކު ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމުގައި ހުންނެވި މައިމޫނާ ވިދާޅުވީ ރާއްޖެ އަށް ނުރައްކަލެއް ނެތް ކަމަށް ދެކި ހިތްހަމަޖެހިލަން އަދި ކައިރި ވެސް ނުވާ ކަމަށެވެ. އެގޮތަށް ވިސްނައިފި ނަމަ، ރައްކާތެރިކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ، އޭނާގެ ސިއްހީ ކެރިއަރުގައި ވެސް އެންމެ ތަފާތު، ގޮންޖެހުން ބޮޑު ތަޖުރިބާ އެވެ. އެކަމަކު މިކަމުގައި ފިޔަވަޅުތައް އެޅުމުގެ އިރުޝާދުތައް ކުރިއަށް ނެރެމުން އަންނަނީ މިފަދަ ހާލަތްތަކުގައި ރާއްޖެ އިން ކުރިން އަމަލުކުރަމުން އަންނަ ގޮތާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗުއޯގެ އިރުޝާދުތަކާ ވެސް އެއްގޮތަށެވެ.

"ކިރިޔާ ތަންފުކެއް ދޫކޮށްލެވިއްޖެ ނަމަ ވެސް ރައްކާތެރިކަމެއް ނެތް. ގޯހުން ހިނގައިދާނެ. އެކަން ވިޔަ ނުދޭން އަޅުގަނޑުމެން [ސިއްހީ ޚިދުމަތްތެރިންނާ އެކު އުފައްދާފައިވާ ޓާސްކް ފޯސް] އިން އެއްވެސް ކަމެއް ދޫކޮށެއް ނުލަން. ފިޔަވަޅުތަކާއި އިރުޝާދާ އެއްގޮތަށް ތި ގޮތުގައި [އާއްމުން] ހިފަހައްޓާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އޮތް ބައްދަލުވުމެއްގައި، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

މިދިޔަ ހުކުރު ދުވަހު އޮތް ބައްދަލުވުމެއްގައި، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެންމެ ބާރު ގަދަ އަދި ބޮޑު ޒިންމާއެއް އުފެއްލެވުމާ ހަވާލުވެ ހުންނެވި މައިމޫނާ މި ގޮތަށް ވިދާޅުވި އިރު ހަނދާންކޮށްދެއްވީ، މި ވައިރަހުން ދިވެހި ރައްޔިތުން ސަލާމަތްކުރަން، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅުވައި، އާއްމުންގެ ތެރެއަށް ނުކުމެ ނޫޅެ ގޭ ބަންދުގައި ތިބެން ދީފައިވާ އިރުޝާދެވެ. މީގެ، 32 އަހަރު ކުރިން ސިއްހީ ޚިދުމަތާ ގުޅިވަޑައިގެން، އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި މުހިއްމު ޚިދުމަތްތަކެއް ކޮށްދެއްވި މައިމޫނާ ވިދާޅުވީ މިހާތަނަށް އަޅާފައިވާ ކޮންމެ ފިޔަވަޅަކާ ގުޅިފައި ވަނީ ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަން ކަމަށެވެ.

މިދިޔަ ޑިސެމްބަރު، 31 ގައި ޗައިނާގެ ވޫހާން އިން ފެނުނު މި ވައިރަހަށް އެކި ގައުމުތަކުން މިއަދާ ހަމައަށް 600،000 އަށް ވުރެ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ހަލުވިކަމާ އެކު އެކި ގައުމުގައި އަދިވެސް ވައިރަސް ފެތުރެމުންދާއިރު، ރާއްޖޭގައި ވެސް ދެ ދިވެއްސަަކާ އެކު 16 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން ދެ ދިވެހިން ނޫން އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ.

މައިމޫނާ، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓވިއު ދެެއްވަނީ.

މައިމޫނާ، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓވިއު ދެެއްވަނީ.

މައިމޫނާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި އަދިވެސް ވައިރަސް ވަރަށް ބާރަށް ފެތުރެމުންދާ އިރު ރާއްޖެ ވެސް އިސްތިސްނާ ނުވާ ކަމަށެވެ. އެ ފުރުސަތު ނުވަތަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހިދާނެ އެއްވެސް ކަމަކަށް އިހުމާލުނުވެ މަސައްކަތް ކުރަނީ އެ ވިސްނުމުގައި ކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"ރާއްޖެ އަށް ބިރެއް ނެތް ކަމަށް އަޅުގަނޑުމެންނަކަށް ނުދެންނެވޭނެ. ރައްކާވެ ތިބުމުގެ މި ފިޔަވަޅުތަކާ އެކު ކުރިއަށް ދާން ހުރިހާ ލެވެލްއަކުން ވެސް މަސައްކަތް ކުރަނީ. ރައްޔިތުން ވެސް ވީ އެ ގޮތުގައި ތިބެން. ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި އަދިވެސް އަންނަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް، މަސައްކަތްތަކެއް ކުރަމުން،" މައިމޫނާ ވިދާޅުވި އެވެ.

ފެތުރިއްޖިއްޔާ މިއަށް ވުރެން އަދި މާ ބުރަ މަސައްކަތްތަކެއް، ކުރަން ޖެހި ނުރައްކާ ބޮޑުވެގެން ހިނގައިދާނެ. ފެތުރުނަ ނުދޭން މިހާރު ވެސް ވަރަށް ގަދައަށް މަސައްކަތް ކުރަމުން އަންނަނީ. --މައިމޫނާ

އޭނާ ވިދާޅުވި ގޮތުގައި ޗައިނާގައި ވައިރަސް ފެތުރޭކަން އެނގުމާ އެކު ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް އަޅަމުން އަޔަސް އެކަން އެއީ އަދި ނިމުމެއް އޮތް ކަމެއް ނޫނެވެ.

"އަޅުގަނޑުމެންގެ ޒިންމާގެ ދަށުން ކަމެއް ދޫވެއްޖެ ނަމަ ދެން ވާނެ ގޮތެއް އަޅުގަނޑުމެންގެ މި ޓީމުގެ ކުރިމަތީގައި އަބަދުވެސް އޮންނަނީ. ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ ގޮތުގައި ތިއްބަވާ ޑޮކްޓަރުން ވެސް އެއްވެސް ކަމެއް ދޫވިޔަ ނުދޭން އެ މަސައްކަތް ކުރައްވަނީ،" މައިމޫނާ ވިދާޅުވި އެވެ.

ޓާސްކްފޯހުގެ މަޝްވަރާތަކާއި ކުރެވެމުން އަންނަ މަސައްކަތަށް ބަލައި މިހާރު އަންދާޒާކޮށްފައި ވަނީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު މަހެއްހާ ދުވަހު ހިފަހައްޓާލަން ޖެހޭނެ ކަމަށެވެ. އާއްމުންގެ ތެރެއަށް ވައިރަސް ފެތުރުނަ ނުދީ ހިފެހެއްޓުމަކީ އެންމެ ބޮޑު އަމާޒެވެ.

"އެ ހާލަތު ބަދަލުވާ އިރު ދެން އޮންނާނީ ފަރުވާދިނުން، އެހެން މީހުން ރައްކާތެރިކޮށް މި ފެތުރުނަ ނުދޭން މަސައްކަތް ކުރުން. ދެން އެއާ އެކު ކްރިޓިކަލްވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ކަންތައްތައް. އެއީ، އައިސީޔޫ ފެސިލިޓީސްތައް. އެ ލެވެލްތަކަށް މިހާރު ވިސްނިފައި ހުރީ.“

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ރައްޔިތުން ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތް. ހަމަ އެގޮތަށް ރައްޔިތުން ތިއްބެވުން މުހިއްމު. މިކަމަކީ ބަޔަކަށް ގެއްލުމެއް ދޭކަށް ނުވަތަ ދަތިތަކެއް ކުރިމަތިކުރާކަށް ކުރާ މަސައްކަތެއް ނޫން. އެންމެންގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރެވޭ މަސައްކަތެއް. ކަނޑައެޅޭ ގޮތްތަކަކަށް އަމަލުތައް ބެހެއްޓުން ވަަރަށް މުހިއްމު,“

ކޮވިޑް-19 އާ ގުޅޭ މަޝްވަރާ ބައްދަލުވުމެއްގައި މައިމޫނާ ވާހަކަ ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީން އަޑުއައްސަވަނީ.

ކޮވިޑް-19 އާ ގުޅޭ މަޝްވަރާ ބައްދަލުވުމެއްގައި މައިމޫނާ ވާހަކަ ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީން އަޑުއައްސަވަނީ.

އިރުޝާދުތަކަށް އަމަލުނުކޮށްފި ނަމަ އެ ހުރިހާ މަސައްކަތެއް ދާނީ، މައިމޫނާ ސިފަކުރެއްވި ގޮތުގައި، ފެނަށެެވެ. އެ ފިޔަވަޅުތަކާ ދެކޮޅުހަދައިފި ނަމަ ވަރަށް ދެރަ ގޮތްތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ނަސޭހަތް މައިމޫނާ ދެއްވީ، މިހާތަނަށް ވެސް ޓާސްކް ފޯހުގެ އިރުޝާދުތަކަށް އާއްމުން ފުރިހަމަ އަށް ބޯލަނބަލުން އަންނަ ކަން ފާހަގަކުރައްވަމުންނެވެ. އޭނާ އެދިވަޑައިގަތީ ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތުގައި ދެމިތިބުމަށެވެ.

"ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާ ފެންނާތީ ވަރަށް ހިތްހަމަޖެހޭ. ކުރެވުނު މަސައްކަތުން މި ހިސާބުގައި މި ތިބީ. މިއީ ކާމިޔާބީއެއް ކަމަށް ބެލިދާނެ އެކަމަކު ކުރިއަށް އޮތީ މަސައްކަތް. ކާމިޔާބީއެކޭ ކިޔާފައި ހުއްޓާލުމަށް ފުރުސަތެއް ނެތް,“ މައިމޫނާ ވިދާޅުވި އެވެ.