Roadha Mihaaru
ހެލްތު އިމަޖެންސީގައި އަމަލުކުރާ ގަވައިދު ހަދައިފި

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގަވައިދު ހަދައިފި

04 ޖޫން 2020

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮޮތަށް، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގަވައިދު ހެލްތު މިނިސްޓްރީން ހަދައި އެ އަށް އަމަލުކުރަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮޮތަށް، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގަވައިދު ހެލްތު މިނިސްޓްރީން ހަދައި އެ އަށް އަމަލުކުރަން ފަށައިފި އެވެ.

މިއީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 94 ވަނަ މާއްދާ އިން ހެލްތު މިނިސްޓަރަށް ދީފައިވާ އިޚުތިޔާރުގެ ދަށުން ހެދި ގަވައިދެެކެވެ. އެ މާއްދާގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ވަކި މާއްދާއަކުން ގަވަައިދު ހެދުމަށް ލިބޭ ބާރުގެ އިތުރުން އެހެން ގިނަ ކަންތައްތަަކާ ބެހޭ ގޮތުން ގަވައިދު ހެދުމުގެ އިޚުތިޔާރު މިނިސްޓަރަށް އޮވެ އެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގަވައިދެއް ހެދޭނެ ކަމަށް 94 ވަނަ މާއްދާގެ (ރ)ގެ (ރ) ގައި ވެ އެވެ.

އެ މާއްދާގެ ދަށުން ހެލްތު މިިނިސްޓްރީން ހެދި ގަވައިދުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގިނަ ބާރުތަކެއް ދީފައި ވެ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ލަފާދޭނެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އެކުލަވައިލުމާއި އެ ގްްރޫޕުން މެމްބަރުން ވަކިކުރުމަށް ހުށަހެޅުމުގެ ބާރުވެސް ދީފައި ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަކީ މިވަގުތު މައިމޫނާ އަބޫ ބަކުރެވެ.

ގަވައިދުގައިވާ ގޮތުން، ޓެގް ގެ މެމްބަރަކު ވަކިކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެދިވަޑައިގެންފި ނަމަ މިނިސްޓަރު އެ ފިޔަވަޅު އަޅުއްވަން ޖެހޭނެ އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގަވައިދަށް އިއްޔެ އަމަލުކުރަން ފެށިއިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މިދިޔަ މާޗް 12 ން ފެށިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވައިފަ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އޭގެ ފަހުން އެކި ފަހަރު މަތިން އިތުރުކުރަމުން އައިސް މިހާރު އެ މުއްދަތު ދަންމާފައި ވަނީ މި މަހުގެ 29 ގެ ނިޔަލަށެވެ.

ގަވައިދުގެ ބައެއް މުހިއްމު ބައިތައް

- ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އެކަށީގެންވާ ހެއްކާ އެކު މިނިސްޓަރަށް ލަފާ ދެއްވުމުން. އިއުލާނު ކުރާނެ ސަރަހައްދު ކަނޑައަޅުއްވާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު.

- ފިޔަވަޅުތައް އެޅުމަށް ލިއުމުންނާއި ފޯނުން ވެސް އެންގޭނެ.

- އާއްމު ސިއްހަތުގެ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައި އޮންނަ ހާލަތުގައި ހުރިހާ ރައްޔިތުންނަށް ވެކްސިނެއް ދޭން ނިންމުމުގެ ބާރު ވެސް އޮންނާނެ.

- ވެކްސިން ދިނުމުގައި އިސްކަންދޭނެ ގިންތި ވެސްް ކަނޑައަޅުއްވާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު.

- މީހުން އެކަހެރި ކުރުމަށް އަމުރުކުރެވޭނެ.

- މާރުކޭޓުތަކާއި މިސްކިތްތަކާއި ކެފޭ ރެސްޓޯރެންޓް އަދި އާއްމުން އެއްްވެ އުޅޭ އެހެން ތަންތަން ބަންދުކުރުމުގެ އިޚުތިޔާރު އޮންނާނެ.

- ގެއިން ބޭރަށް ނުކުތުން މަނާކުރުމުގެ ބާރު އޮންނާނެ.

- ދަތުރުފަތުރު ކުރުން މަނާ ކުރެވޭނެ.

އަލަށް ހެދި ގަވައިދުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްްތަށާއި ހެލްތު މިނިސްޓަރަށް ލިބިދީފައިވާ އިޚުތިޔާރުތައް ބޭނުން ކުރުމުގައި އަމަލުކުރާނެ ގޮތްތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވެ އެވެ. އެގޮތުން، އަޅާ ކޮންމެ ފިޔަވަޅަކާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލު ކުރުމަށް ކުރަން ޖެހޭނެ ކަންތައްތައް ވެސް އެ ގަވައިދުގައި ވެ އެވެ.