Roadha Mihaaru
ހުރިހާ ބޭންކެއްގެ ލޯނުތައްވެސް ފަސްކޮށްދޭނެ: ގަވަރުނަރު

ހުރިހާ ބޭންކެއްގެ ލޯނުތައް ވެސް ފަސްކޮށްދޭނެ: ގަވަރުނަރު

26 މާޗް 2020

ވިޔަފާރިތަކާއި އާންމުން ނަގާފައިވާ ލޯނުތައް، ކޮވިޑް-19 އާ ގުޅިގެން، ހަ މަހަށް ފަސްކުރަން ރާއްޖޭގެ ހުރިހާ ބޭންކަކުން ވެސް އެއްބާރުލުން ދޭން އެއްބަސްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިޔަފާރިތަކާއި އާންމުން ނަގާފައިވާ ލޯނުތައް، ކޮވިޑް-19 އާ ގުޅިގެން، ހަ މަހަށް ފަސްކުރަން ރާއްޖޭގެ ހުރިހާ ބޭންކަކުން ވެސް އެއްބާރުލުން ދޭން އެއްބަސްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަކު ލޯނުތައް ފަސްކުރިކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކަންޏެވެ.

އެ ބޭންކުން ބުނީ ލޯނު ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރަނީ އިންޓަރެސްޓްގެ ބައި ވެސް އެ މުއްދަތުގައި ދައްކަން ނުޖެހޭ ގޮތަށް ކަމަށެވެ. އެކަމަކު ހަ މަހަށް ފަހު ލޯނު އަނބުރާ ދައްކަން ފަށާއިރު ހަ މަހުގެ އިންޓަރެސް، ލޯނަށް އިތުރުވާނެ އެވެ.

ލޯނުތައް ދެއްކުން ހަ މަހަށް ފަސްކުރުމުގެ އިތުރުން ދެން އަންނަ ހަ މަހު ދައްކަން ޖެހޭ އަދަދުން 20 ޕަސެންޓް މަދުކޮށްދޭން ވެސް ބީއެމްއެލުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ މަދުކުރާ ބައި ވެސް ލޯނުގެ ތެރެއަށް އިތުރުވާނެ އެވެ.

ރާއްޖޭގައި މިވަގުތު އަށް ބޭންކަކުން ހިދުމަތް ދެ އެވެ. ބީއެމްއެލްގެ އިތުރުން ރާއްޖޭގެ މާލީ ބާޒާރުގައި ހިންގަމުން އަންނަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އާއި ހަބީބް ބޭންކް ލިމިޑެޓް (އެޗްބީއެލް) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި ހޮންކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ) އާއި މޮރީޝަސް ކޮމާޝަން ބޭންކް (އެމްސީބީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ.

"މިހާރު"ން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ހާޝިމް ވިދާޅުވީ ރާއްޖޭގައި ގިނައިން ހިންގަނީ އެހެން ގައުމުތަކުގެ ބޭންކްތަކުގެ ބްރާންޗްތައް ކަމުން ލޯނުތައް ފަސްކުރަން ހެޑް އޮފީހަށް އަންގަން ޖެހޭތީ އެކަމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. ނަމަވެސް އެ ބޭންކްތަކުން ލޯނު ނަގާފައިވާ ފަރާތްތަކަށް ވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް އެދެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި ވޯކިން ކެޕިޓަލްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާގެ ލޯނު ބޭންކްތައް މެދުވެރިކޮށް ދޫކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެ ލޯނުތައް ދޫކުރަނީ ހަ ޕަސެންޓް އިންޓަރެސްޓް ރޭޓެއްގައި ތިން އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އަދި ލޯނު ނެގުމަށް ފަހު ހަ މަސް ދުވަހުގެ ގްރޭސް ޕީރިއޭޑެއް ލިބެ އެވެ.