Roadha Mihaaru
ކްލޮރިން އަޅައިގެން މާލޭގެ މަގުތައް ދޮންނަނީ

ކްލޮރިން އަޅައިގެން މާލޭގެ މަގުތައް ދޮންނަނީ

22 މާޗް 2020

ކޮވިޑް-19 އިން ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތުގައި މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ސާފުކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އިން ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތުގައި މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ސާފުކުރަން ނިންމައިފި އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކޮވިޑް-19 އާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތް އެ ކައުންސިލުން މާދަމާ ފަށާނެ ކަމަށާއި އެކަމުގައި އެމްއެންޑީއެފުން ބައިވެރިވާނެ ކަމަށެވެ. އަދި ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް މާދަމާ ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވެ އެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 318،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 13،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 އާންމުންގެ ތެރޭގައި ފެތުރިދާނެ ކަމަށް ބަލައި، އާންމުން އެއްވެ އުޅުން މަދުކުރުމަށާއި ސާފުތާހިރުކަމަށް އިސްލަން ދިނުމަށް ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ލަފާ ދެމުންނެވެ. ބޭރު ގައުމުތަކުން މީހުން ރާއްޖެ އަށް އައުމުން ކަރަންޓީނުކުރުމާއި ޓެސްޓްކުރުން ފަދަ ކަންކަން ކުރަމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގައި އާންމުންގެ އެއްބާރުލުމަށް ވެސް އަންނަނީ އެދެމުންނެވެ.