Roadha Mihaaru
ކޮވިޑް-19: މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދު

ކޮވިޑް-19: މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދުކޮށްފި

13 މާޗް 2020

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގެ ޕާކްތަކާއި މައިޒާންތައް މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލުން ބަންދުކޮށްފި އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގެ ޕާކްތަކާއި މައިޒާންތައް މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލުން ބަންދުކޮށްފި އެވެ.

ސިޓީ ކައުންސިލުން މި ގޮތަށް ނިންމީ، ކޮވިޑް-19 އާ ގުޅިގެން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއްޔެ އިއުލާން ކޮށްފައިވާތީ، ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތް ކުރުން ހުއްޓާލުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެންގެވުމުންނެވެ. އެގޮތަށް އޭނާ އެންގެވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.

މައިމޫނާ ސޮއިކުރައްވައި ނެރުއްވި އަމުރުގައި އަންގާފައި ވަނީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތް ކުރުން މިހާރުން ފެށިގެން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާތީ، ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކް އަދި އެހެނިހެން ޕާކްތަކާއި މައިޒާންތައް މިއަދުން ފެށިގެން އާންމުންނަށް ބަންދުވާނެ ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން، ސިއްހަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބައެއް ބާވަތުގެ ކަންކަން މަނާކުރުމުގެ ބާރު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބެ އެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި އެކި ކަންކަން މަނާކުރުމުގެ ބާރު އޭނާ އަށް ލިބޭނެ އެވެ.

މައިމޫނާ ސޮއިކުރައްވައި ނެރުއްވި އަމުރުގައި އަންގާފައި ވަނީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތް ކުރުން މިހާރުން ފެށިގެން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށެވެ.

ރާއްޖެ އިން ވެސް ކޮވިޑް-19 ބަލި ޖެހިފައިވާ އަށް މީހަކު މިދިޔަ ހޮނިހިރު ދުވަހުގެ ރެ އިން ފެށިގެން މިހާތަނަށް ވަނީ ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ޓޫރިސްޓް ދެމަފިރިއަކާއި ކުރަމަތި އައިލެންޑް ރިސޯޓަށް އައިސް ތިބި ޓޫރިސްޓް ދެމަފިރި އެކެވެ. ކުރެއްދޫން ޕޮޒިޓިވް ވި ބައެއް މީހުންގެ ތެރޭގައި އެ ތަނުގެ ބިދޭސީ މުވައްޒަފުންތަކެއް ވެސް ހިމެނެ އެވެ.

މާލޭގެ ޕާކްތަކާއި މައިޒާންތަކަށް މި ދުވަސްވަރު ނުދިއުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އެންގެވުން.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވުމާ އެކު، އާންމުން އެއް ތަނަކަށް އެއްވުމަށް މަގުފަހިވާ ކަންކަން ދަނީ ކެންސަލް ކުރަމުންނެވެ. ޚާއްސަކޮށް އަންނަ މަހުގެ ހަތަރެއްގައި ބާއްވަން ކުރިން ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެ މަހުގެ 18 އަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަސްކޮށްފަ އެވެ، އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން ވަނީ، ފުރަތަމަ ޓާމުގެ މިޑް-ޓާމް ޗުއްޓީ އަށް ފަހު ސްކޫލްތައް ހުޅުވުން އެއް ހަފުތާ އަށް ފަސްކޮށްފަ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ ސްކޫލްތައް ހުޅުވާނީ މި މަހުގެ 22 ގަ އެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެ ތާރީޚަށް ބަދަލެއް އަންނާނެ ކަމެއް އަދިއެއް ނޭނގެ އެވެ.