Roadha Mihaaru
ވަޒީފާއަށް ރާއްޖެ އާދެވޭނީ ޚާއްސަ ހުއްދައެއް ލިބިގެން

ވަޒީފާ އަށް ބިިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފި

22 މާޗް 2020

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެ އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރާއްޖެ އަށް ބިދޭސީން އެތެރެވުން ކޮންޓްރޯލްކޮށް މޮނިޓަކުރެވޭނެ ގޮތް ހެދުމަށް ހާއްސަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް އެމްޕްލޮއިމަންޓް އެޕްރޫވަލް ހޯދައިގެން އަންނަ ބިދޭސީންނާއި ޗުއްޓީ އަށް ދިއުމަށް ފަހު ވަޒީފާ އަށް އެނބުރި ރާއްޖެ އަންނަ ބިދޭސީންނަށް ވެސް ރާއްޖެ އެތެރެވެވޭނީ އެ މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، އެފަދަ ބިދޭސީން ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ހުއްދަ އަށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އީމެއިލް މެދުވެރިކޮށް އެ ހުއްދައަށް އެދެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ހުއްދަ ލިބުނުކަން އެ މީހަކަށް އަންގާނީ ވެސް އީމެއިލް މެދުވެރިކޮށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާ ކުރުމާއި ފަތުރުވެރިން ރަށްރަށަށް އެރުވުން މަނާ ކުރުމުގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ތިބެގެން ކާބޯތަކެތީގެ ޚިދުމަތް ނުދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އޮފީސްތަކާއި ސްކޫލްތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ. އަދި ވަޒީފާގެ ބޭނުމަށް ރާއްޖެ އަށް އެންމެ ގިނައިން މީހުން އަންނަ ބަންގްލާދޭޝް އިން މީހުން އައުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ރާއްޖެއިން އެ ވައިރަސް ފެނުނު މީހުންގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.