Roadha Mihaaru
ސްމާޓްފޯނުގެ ވިޔަފާރި އަށް ބޮޑު ވެއްޓުމެއް

ސްމާޓްފޯނުގެ ވިޔަފާރި އަށް ބޮޑު ވެއްޓުމެއް

22 މާޗް 2020

ސްމާޓްފޯނުތަކުގެ ވިޔަފާރި ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް، ކޮރޯނާވައިރަހާ ހެދި ދަށަށް ހިނގައްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނުތަކުގެ ވިޔަފާރި ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް، ކޮރޯނާވައިރަހާ ހެދި ދަށަށް ހިނގައްޖެ އެވެ.

ރިސާޗް ކުންފުނި ސްޓްރެޓެޖީ އެނަޓިކްސް އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ފޯނުގެ ވިޔަފާރި އަށް ފެބްރުއަރީއާ ހަމަ އަށް 38 ޕަސަންޓްގެ ވެެއްޓުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ހަމަ އަށް 99.2 މިއަން ފޯނު ޝިޕްކޮށްފައި ވިޔަސް މި އަހަރުގެ ފެބްރުއަރީ މަހާ ހަމަށް ޝިޕްކުރީ 61.8 މިލިއަން ފޯނު ކަމަށެވެ.

ފެބްރުއަރީ މަހަކީ އާންމުކޮށް ކުންފުނިތަކުން އެ މީހުންގެ އާ އުފެއްދުންތައް ދައްކައިލާ މަހަކަށް ވިޔަސް ކޮވިޑް-19 އާ ހެދި މި އަހަރުގެ ގިނަ އިވެންޓްތަކެއް ކެންސަލްކުރަން ޖެހިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓަކީ މޮބައިލް ވޯލްޑް ކޮންގްރެސް އެވެ.

"އެހެންވެ މިދިޔަ ފެބްރުއަރީ މަހަކީ ސްމާޓްފޯން އިންޑަސްޓްރީ އަށް މި ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި ފަހަރު،" ސްޓްރެޓެޖީ އެނަލިޓިކްސްގެ އެކްޒެކެޓިވް ޑިރެކްޓަރު ނީލް މޯޒްޓަން ވިދާޅުވި އެވެ. "ސަޕްލައި އާއި ޑިމާންޑަށް މި ވަރުގެ ވެއްޓުމެއް އައި ފަހަރެއް އަދި ނާދޭ. އެހެންވެ މިއީ ސްމާޓްފޯން އިންޑަސްޓްރީ އަށް ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމެއް."

ސްމާޓްފޯންތަކުގެ ވިޔަފާރި އަށް ކުރިމަތިވަމުންދާ ލޮޅުންތަކާ ބެހޭ ގޮތުން އާންމުކުރި ރިޕޯޓްގައި އިސްކޮށް މަސައްކަތްކުރެއްވި ލިންޑާ ސުއީ ވިދާޅުވީ ވިޔަފާރި އަށް އެންމެ ބޮޑު އަސަރެއް ކުރީ އެންމެ ބޮޑު މާކެޓެއް އޮތް ޗައިނާ އިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އިން ހިލުނު ކޮރޯނާވައިރަހާ އެކު ސްމާޓްފޯނުތަކުގެ ވިޔަފާރި އަށް އެ ގައުމުން ވަނީ ހީނުކުރާ ވަރުގެ ބޮޑު ހީނަރުކަމެއް އައިސްފަ އެވެ. އެގޮތުން ފޯނުތައް ވިއްކާ ފިހާރަތައް ބަންދުކުރަން ޖެހުމާއި ފޯނު އުފައްދާ ގިނަ އަދަދެއްގެ ފެކްޓްރީތައް ބަންދުކޮށް، މަސައްކަތް ހުއްޓުމަކަށް އައިސްފައިވެ އެވެ.

ނަމަވެސް ބަލީގެ ހާލަތު ޗައިނާގައި ރަނގަޅުވެ، އާންމު ހާލަތަށް އެ ގައުމު ރުޖޫއަވާބް ފަށާފައިވާ އިރު އެމެރިކާގެ އެޕަލް ކުންފުނިން ޗައިނާގައި ހިިންގާ ތަންތަން މިދިޔަ ހަފުތާގައި ވަނީ އަލުން ހުޅުވައިފަ އެވެ.

ސްމާޓްފޯން އިންޑަސްޓްރީގެ އެންމެ ވާދަވެރި ދެ ކުންފުނި ކަމަށްވާ ދެކުނު ކޮރެއާގެ ސެމްސަންގާއި އެމެރިކާގެ އެޕަލް އިން ބުނެފައިވާ ގޮތުގައި މި އަހަރަކީ އެ ކުންފުނިތަކުން އަންދާޒުކުރި އާމްދަނީ ނުލިބޭނެ އަހަރެކެވެ.