Roadha Mihaaru
ވާވޭ އަކީ އެޕަލް އާއި ސެމްސަންގަށް ބިރެއް

ބާރު ދުވެލީގައި ވާވޭ އަރަނީ، އެޕަލް އާއި ސެމްސަންގަށް ބިރެއް

22 ފެބުރުއަރީ 2017

ސްމާޓްފޯން މާކެޓްގައި ވާވޭ އޮތީ އެޕަލް އަދި ސެމްސަންގް އަށް ވުރެ ފަހަތުގަ އެވެ. އެކަމަކު ގާޓްނާ ކޮންސަލްޓޭންސީ ގުރޫޕުން ބުނާ ގޮތުގައި އެ ދެ ކުންފުންޏަށް ވުރެ ވާވޭގެ ދުވެލި ބާރެވެ. ފާއިތުވި އަހަރު ވާވޭ ހޯދި ކާމިޔާބީ އަށް ބަލާއިރު އެޕަލް އަދި ސެމްސްންގަށް ވުރެ ވެސް ވިޔަފާރި ރަނގަޅެވެ. މާނަ އަކީ ނިސްބަތުން ބޮޑު ފައިދާއެއް ވާވޭ ހޯދާފައި ވުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯން މާކެޓްގައި ވާވޭ އޮތީ އެޕަލް އަދި ސެމްސަންގް އަށް ވުރެ ފަހަތުގަ އެވެ. އެކަމަކު ގާޓްނާ ކޮންސަލްޓޭންސީ ގުރޫޕުން ބުނާ ގޮތުގައި އެ ދެ ކުންފުންޏަށް ވުރެ ވާވޭގެ ދުވެލި ބާރެވެ. ފާއިތުވި އަހަރު ވާވޭ ހޯދި ކާމިޔާބީ އަށް ބަލާއިރު އެޕަލް އަދި ސެމްސްންގަށް ވުރެ ވެސް ވިޔަފާރި ރަނގަޅެވެ. މާނަ އަކީ ނިސްބަތުން ބޮޑު ފައިދާއެއް ވާވޭ ހޯދާފައި ވުމެވެ.

ގާޓްނާ ކޮންސަލްޓޭންސީ ގުރޫޕުން ޖަމާކޮށްފައި ހުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2016 ގައި ވާވޭ 2015 އަށް ވުރެ ފައިދާ އިތުރުކޮށްފައި ވެ އެވެ. އެޕަލް އަދި ސެމްސަންގަށް 2015 އަށް ވުރެ 2016 ދަށެވެ.

ގެލަކްސީ ނޯޓް7 އަށް ދިމާވި ހާދިސާއާ ގުޅިގެން ސެމްސަންގަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ބެލެނުނު ނަމަވެސް އެކަން އެ ގޮތަށް ފެންނާކަށް ނެތެވެ.

ކޮންސަލްޓޭންސީ ފާމްތަކުން ވަކި ދާއިރާއަކަށް ނިސްބަތްކޮށް ހަދާ ރިޕޯޓްތަކަކީ ވިޔަފާރި މާކެޓްގައި ކުންފުނިތަކުގެ ދުޅަހެޔޮ މިންވަރު ދައްކައިދޭ މިންގަނޑެކެވެ. އެ ކުންފުންޏަކުން އެހެން ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ އާއި ލިބޭ ފައިދާ އެ މަސައްކަތަކަށް ޚާއްސަ ފާމްތަކުން އަބަދުވެސް އަންދާޒާކުރެ އެވެ.

ގާޓްނާގެ މި ރިޕޯޓާ ގުޅިގެން ވާވޭއާ މެދު ބެލެވެނީ އެޕަލް އަދި ސެމްސަންގް އަށް ހުރި އެންމެ ބޮޑު ވާދަވެރި އަކީ ވާވޭ ކަމަށެވެ. އެހެން ނަމަވެސް ސްމާޓްފޯން މާކެޓުން ވާވޭ ހޯދާ ފައިދާ އަކީ އެޕަލް އަދި ސެމްސަންގުން ހޯދާ ޖުމުލަ ފައިދާއާ އަޅާ ކިޔޭ މިންވަރެއް ނޫނެވެ. ޗައިނާގެ ވާވޭ އަކީ މުއްސަަނދި ކުންފުންޏެކެވެ. އެހެނެއްކަމަކު ސްމާޓްފޯން ސެކްޓަރުގައި ދަރަޖަކުރެވި، ލިސްޓްކުރެވެނީ އެޕަލް އަދި ސެމްސަންގްގެ ފަހަތުގަ އެވެ.

ޗައިނާގެ ސްމާޓްފޯނު ކުންފުނިތަކުން މާކެޓުން ބޮޑު ބައެއް އަތުލާފައިވެ އެވެ. އަގު ހެޔޮ އެހެނަސް ރީތި ފޯނުތައް ދުނިޔޭގެ މާކެޓަށް ތައާރުފުކޮށް، ޝޯމީ، އޮޕޯ، ވަން ޕްލަސް، ވީވީ، ޒީޓީއީ އަދި ލެނޮވޯ ފަދަ ކުންފުނިތައް އެކުވެ ވަނީ މޮޅަށް ކުޅެފަ އެވެ. މި ސަބަބާ ހެދި ބާރުގަދަ ބައެއް އެހެން ކުންފުނިތަކަށް ވަނީ ނޭވާލާން ދަތިވެފަ އެވެ.

ސްމާޓްފޯން މާކެޓް އަންދާޒާކުރާ މީހުން ދެކޭ ގޮތުގައި އެޕަލް އަދި ސެމްސަންގް ވިޔަފާރި ވައްޓަފާޅި ބަދަލުނުކޮށްފި ނަމަ، ވާވޭ އަދި ޝޯމީ ފަދަ ޗައިނާ ކުންފުނިތަކުން ކުރާ އުނދަގޫ ހީނުކުރާހާ ބޮޑުވާނެ އެވެ.