Roadha Mihaaru
ތިން ރިސޯޓުން 249 ޓޫރިސްޓަކު ފުރުވާލައިފި

ތިން ރިސޯޓުން 249 ޓޫރިސްޓަކު ފުރުވާލައިފި

12 މާޗް 2020

ކޮވިޑް-19 ބަލީގެ މީހުން ފެނުނު ތިން ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް 249 މީހަކު އެ މީހުންގެ ގައުމުތަކަށް މިހާރު އަނބުރާ ފޮނުވައިލާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދެންމެ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 ބަލީގެ މީހުން ފެނުނު ތިން ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް 249 މީހަކު އެ މީހުންގެ ގައުމުތަކަށް މިހާރު އަނބުރާ ފޮނުވައިލާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދެންމެ ބުނެފި އެވެ.

ދަރުބާރުގޭގައި ބޭއްވި ނިއުސް ބްރީފިންގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 107 ޓޫރިސްޓުން، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން 15 އަދި ކުރަމަތި އައިލެންޑް ރިސޯޓުން 127 މީހަކު މިހާތަނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އެ ތިން ރިސޯޓު ރެއިން ފެށިގެން އާންމުކޮށް ހުޅުވާލާފައިވާއިރު، އެ ތަންތަނުން މީހުން ބާލަނީ ނުވަތަ ފުރުވައިލަނީ "އެގްޒިޓް" ސްކްރީނިން" ހެދުމަށް ފަހު ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެ ތިން ރިސޯޓުގައި ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ކުރެއްދު އާއި ބަތަލާ އަދި ކުރަމަތި ރިސޯޓުގައި ހަރަކާތްތެރިވާ ޑޮކްޓަރުން ގެންދަވަނީ "ހައި ރިސްކް" އަދި "ލޯ ރިސްކް" ވަޒަން ކުރުމަށް ފަހު އެވެ.

"ލޯ ރިސްކް ފަތުރުވެރިންނޭ މި ދަންނަވަނީ އެއްވެސް ކަހަލަ ކޮންޓެކްޓެއް، އެ ރަށްރަށުގައި ހުރި ކޭސްތަކާ ނެތް މީހުން. މި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާ މީހުން، އެ މީހުންގެ ފްލައިޓް ގަޑިތަކާ ކައިރިކޮށް، ފްލައިޓްގެ ގަޑިއަށް މާލެ އަށް ގެނައުމަށްޓަކައި އެ ރަށްރަށުގައި އެގްޒިޓް ސްކްރީނިން ހަދާ. އެއްވެސް އަލާމާތެއް ހުރި ތޯ ބެލުމުގެ މަސައްކަތްތަކެއް ކުރިއަށް ދޭ. އަދި އެ މީހުން މާލެ އަށް ގެނެވޭއިރު އެއާޕޯޓުގައި ޕޮލިހުންގެ ޓީމުތަކެއް ތިބޭ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއާޕޯޓުގެ ޑިޕާޗާ ނުވަތަ އިމިގްރޭޝަން ބައިގައި ވެސް ސްކްރީނިން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައި ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން މިހާރު ތިބީ ކަރަންޓީން ފެސިލިޓީތަކުގަ އެވެ. އަދި ހާލަތު ހުރި ގޮތުން، އުމުރުން 70 އަހަރުގެ މީހާ އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓުގައި އެޑްމިޓް ކޮށްފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އަށް މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މިރޭގެ ބްރީފިންގައި މަބްރޫކް ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، އެކި މީސްމީހުންގެ 98 ސާމްޕަލެއް ނެގިއިރު 81 ޓެސްޓު ވަނީ ނެގެޓިވް ވެފަ އެވެ. ނަތީޖާ ނުލިބި ވަނީ ދެ ކޭސްއެއްގެ އެވެ. ކޮންޓެކްޓް ޓްރޭސިން ހަދާފައި ވަނީ 243 މީހެއްގެ އެވެ.

މަކްރޫކް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޓެސްޓް ކުރި ހަތަރު މީހެއްގެ ނަތީޖާ މިއަދު ވަނީ ޑަބަލް ނެގެޓިވް" ވެފަ އެވެ. މާނަ އަކީ ދެ ފަހަރަށް ޓެސްޓު ކުރުމުން ވެސް ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމެވެ. އެ ހަތަރު މީހުން ވެސް ބައިތިއްބާފައި ތިބީ ވިލިވަރު ކަރަންޓީން ފެސިލިޓީގަ އެވެ. އޭގެ ތެރެއިން ފުރަތަމަ މީހާ އަކީ ށ. ފޯކައިދޫން ގެނައި ދިވެހި މީހާ އެވެ. ދެން ތިބީ ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކާއި ބަތަލާ ރިސޯޓުގެ ބިދޭސީ އެކެވެ.

މަބްރޫކް ވިދާޅުވީ، އެ ހަތަރު މީހުން ވެސް އެ މީހުންގެ ރަށަށް ނުވަތަ ރިސޯޓަށް އަނބުރާ ފޮނުވައިލުމުގެ ކަންކަން ކުރިއަށް ދާ ކަމަށެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރޭ ވަނީ އިއުލާންކޮށްފަ އެވެ. އެއާ އެކު، ރާއްޖޭގައި ވެސް މިއަދު ވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފައިވާ ގާނޫނުގެ ދަށުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވީ މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.