Roadha Mihaaru
ތިން ރިސޯޓު ވެސް ކަރަންޓީނުުން ދޫކޮށްލައިފި

ކޮވިޑް-19: ޕޮޒިޓިވް ވި މީހުން ފެނުނު ތިން ރިސޯޓު ވެސް ކަރަންޓީނުުން ދޫކޮށްލައިފި

12 މާޗް 2020

ކޮވިޑް-19 ބަލީގެ މީހުން ފެނުނު ތިން ރިސޯޓަށް ވެސް އަރައިފޭބުން ރެ އިން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ކޮށްފި އެވެ.

ކޮވިޑް-19 ބަލީގެ މީހުން ފެނުނު ތިން ރިސޯޓަށް ވެސް އަރައިފޭބުން ރެ އިން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ކޮށްފި އެވެ.

އެ އިދާރާ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކުރެއްދޫ އަައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓު އަދި ކުރަމަތި މޯލްޑިވްސް ރިސޯޓަށް މިހާރު އަރައިފޭބޭނެ އެވެ.

ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިފައިވާ ދެ މީހަކު ފެނުނީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓުންނެވެ. އޭގެ ފަހުން ވެސް އެ ރިސޯޓުން ދޭއް، ބަތަލާ އިން ދޭއް އަދި ކުރަމަތިން ވެސް ކޮވިޑް-19 ބަލީގެ ދެ މީހަކު ފެނިފައި ވެ އެވެ. އަދި ބަތަލާ އިން ކޮވިޑް ޖެހުނު އުމުރުން 70 އަހަރުގެ މީހަކަށް ފަރުވާދެނީ ދަރުވަމަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓެއްގަ އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ. ނަމަވެސް އޭގެ ތެރެއިން ގެސްޓުންނާއި އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އެޗްޕީއޭގެ ބަޔާން

އުމުރުން ދުވަސްވީ މީހާ ފިޔަވައި ދެން އެންމެން މިހާރު ތިބީ ކަރަންޓީން ފެސިލިޓީތަކުގަ އެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނީ އެ ތިން ރިސޯޓު އާންމުކޮށް ހުޅުވައިލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮވިޑް-19 ބަލި ފެތުރުމުގެ ފުރުސަތު ބޮޑަށް އޮތް މީހުން ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް، ބައިތިއްބުމުގެ އިންތިޒާމު އެ ރިސޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ މީހުން އަމަލުކުރާނެ އުސޫލުތަކާއި ޕްރޮސީޖާތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދޭތޯ އެ ތިން ރިސޯޓުގެ މެނޭޖުމަންޓުން ކަށަވަރު ކުރަމުން ދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

"ހަމަ އެއާ އެކު، އެ ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން 'އެގްޒިޓް ސްކްރީން' ކުރެވޭނެ އެވެ. އަދި މީގެ އިތުރުން ބަލިން ރައްކާތެރިކުރުމަށްޓަކައި އަޅާ ފިޔަވަޅާއި މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތް ތަންފީޒު ކުރުމަށް ސިއްހީ މުވައްޒަފަކު ރިސޯޓުގައި ހަރަކާތްތެރިވަމުން ދާނެ އެވެ،" އެޗްޕީއޭ އިން ބުނެ އެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ރޭ ކަނޑައަޅާފައިވާއިރު، ރާއްޖެ އިން ވެސް މި ބަލީގެ އަށް މީހަކު ވަނީ ފެނިފަ އެވެ.