Roadha Mihaaru
ކޮވިޑް-19: ބަލީގެ މައުލޫމާތު ސައިބޯންޏާ އެކު

ކޮވިޑް-19: ސައިބޯންޏާ އެކު، ބަލީގެ މައުލޫމާތު އުޝާމް ދެއްވައިފި

09 މާޗް 2020

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، މިހާރު ފެތުރެމުންދާ ރޯގާ، ކޮވިޑް-19އާ ގުޅޭގޮތުން، ވިލިމާލޭގެ ގިނަ ބަޔަކަށް، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އުޝާމް މައުލޫމާތު ދެއްވައިފި އެވެ. އަދި އޭނާ މިއަދު ވަނީ ގިނަ އަދަދެއްގެ ބަޔަކަށް އަތްދޮންނަ ސައިބޯނި ފުޅި ހިލޭ ބައްސަވައިފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، މިހާރު ފެތުރެމުންދާ ރޯގާ، ކޮވިޑް-19އާ ގުޅޭގޮތުން، ވިލިމާލޭގެ ގިނަ ބަޔަކަށް، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އުޝާމް މައުލޫމާތު ދެއްވައިފި އެވެ. އަދި އޭނާ މިއަދު ވަނީ ގިނަ އަދަދެއްގެ ބަޔަކަށް އަތްދޮންނަ ސައިބޯނި ފުޅި ހިލޭ ބައްސަވައިފަ އެވެ.

ކޮވިޑް-19 ޖެހިފައިވާ ހަ މީހަކު މިހާތަނަށް ރާއްޖޭން ވެސް ފެނިފައިވާއިރު، އެ ބަލީގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެހެންވެ، ރައްޔިތުންނާ ބައްދަލު ކުރައްވައި އުޝާމް މައުލޫމާތު ދެއްވީ، ބަލިން ރައްކާތެރިވާނެ ގޮތާއި އާއްމު ސާފުތާހިރު ކަމާ ގުޅޭގޮތުންނެވެ.

"އަތްދޮވުމާއި ސާފުތާހިރުކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުން އަޅުގަނޑުގެ ބޭނުމަކީ. މި ބައްޔާ މެދު ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށް ފެނިގެން ކުރި ކަމެއް މިއީ،" އުޝާމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ބައްޔާ ގުޅޭ މައުލޫމާތު ހިމެނޭ ޕޯސްޓަރު ވެސް އޭނާ ވަނީ އާއްމުންނަށް ބައްސަވައިފަ އެވެ. އަދި އަތް ދޮންނަން ބޭނުންކުރާ 1،000 ފުޅި ވެސް ބެއްސެވި އެވެ.

ކޮވިޑް-19ގެ މައުލޫމާތު، ވިލިމާލޭގެ ރައްޔިތުންނަށް އުޝާމްގެ ފަރާތުން ދެނީ: އޭނާ ވަނީ ހިލޭ ހޭންޑްވޮޝް ވެސް ބައްސަވާފައި

ކޮވިޑް-19ގެ މައުލޫމާތު، ވިލިމާލޭގެ ރައްޔިތުންނަށް އުޝާމްގެ ފަރާތުން ދެނީ: އޭނާ ވަނީ ހިލޭ ހޭންޑްވޮޝް ވެސް ބައްސަވާފައި

ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި މި މައުލޫމާތުތައް ދެއްވުމަށް، އުޝާމްއާ އެކީގައި އޭނާގެ ދާއިރާގެ އޮފީހުގެ ބައެއް މީހުން ވެސް ބައިވެރިވި އެވެ. ޚާއްސަކޮށް އުޝާމްގެ ޓީމުގެ މީހުންގެ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، މިއީ މި ބައްޔާ ގުޅޭގޮތުން ބޭއްވި ފުރަތަމަ ހަރަކާތް ކަމަށް ވެސް ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އުޝާމް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅޭގޮތުން ހާހަކަށް ވުރެ ގިނަ މީހުންނަށް މައުލޫމާތު ދީފައިވާނެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި އއ. ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެެވެ. އެ ދެ ރިސޯޓު ވެސް މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.

ކުރެއްދޫ ރިސޯޓުގައި ބަލި ފެތުރިފައިވަނީ އެ ރަށުގައި ހުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންނެވެ. ގައުމަށް ފުރުމުގެ ކުރިން އޭނާ މާލޭގައި ދެ ދުވަސް ހުރުމާއެކު، އޭނާގެ ފަރާތުން އިތުރު ބަޔަކަށް އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ބެލެވި، މާލޭން ވެސް އިތުރު ބަޔަކު ވަނީ ކަރަންޓީންކޮށްފަ އެވެ.