Roadha Mihaaru
މަސްހިފަން އުޅެނިކޮށް، ޖެވެލިން ޗެމްޕިއަން މަރުވެއްޖެ

މަސް ހިފަން މޫދަށް ފޭބި، ޖެވެލިން ޗެމްޕިއަން ޔައުގޫބް މަރުވެއްޖެ

09 މާޗް 2020

ކ. އެނބޫދޫ ފަޅަށް މަސް ހިފަން ފޭބި، ރާއްޖޭގެ ޖެވެލިން ޗެމްޕިއަނެއް ކަމަށްވާ އަދި ކުރިން ގައުމީ ޕޫލުގައި ވެސް ހިމެނުނު ދުވުންތެރިޔާ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސާޖަންޓް ޔައުގޫބް އަހުމަދު މިއަދު މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކ. އެނބޫދޫ ފަޅަށް މަސް ހިފަން ފޭބި، ރާއްޖޭގެ ޖެވެލިން ޗެމްޕިއަނެއް ކަމަށްވާ އަދި ކުރިން ގައުމީ ޕޫލުގައި ވެސް ހިމެނުނު ދުވުންތެރިޔާ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސާޖަންޓް ޔައުގޫބް އަހުމަދު މިއަދު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ދަގަނޑު ހަރައިގެން ފަރުމަސް ހިފަން މޫދަށް ފޭބި، ގދ. ހޯޑެއްދޫ، ބާޑީގޭ ޔައުގޫބްގެ ހަށިގަނޑު ފެނުނީ ގެއްލިގެން ރިޕޯޓު ކުރުމުން، އޭނާ ހޯދުމަށް ކޯސްޓް ގާޑުގެ ޑައިވަރުން ކުރި މަސައްކަތުން ކަމަށެވެ. ޔައުގޫބްގެ ހަށިގަނޑު ސިފައިންގެ ޑައިވަރުންގެ ޓީމަށް ފެނުނީ ކަނޑުން 20 މީޓަރު އަޑިންނެވެ.

އުމުރުން 34 އަހަރުގެ ޔައުގޫބަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ލޯބިކުރާ އަދި އެކަމަށް ވަރަށް ގިނައިން ނުކުންނަ ޒުވާނެކެވެ. ފަހަކަށް އައިސް އޭނާގެ ފޭސްބުކް ފުރާލީ، މަހަކަށް ނުކުމެ މަސްތަކާ އެކު ނަގާފައިވާ ފޮޓޯތަކުންނެވެ.

އެމްއެންޑީއެފުން ބުނީ، މިއަދަކީ ޔައުގޫބުގެ ޑިއުޓީ ދުވަސް ނޫން ކަމަށް ވުމުން ފީނަން ދިޔައީ ކަމަށެވެ.

ޔައުގޫބް (ކ-2) ޝިފާޒް (ވ) އާއި މޯޑް (ކ) އަދި ރިޒާ (ކ-3) އާ އެކު ރޭހެއްގައި ދުވަނީ.

ޔައުގޫބް (ކ-2) ޝިފާޒް (ވ) އާއި މޯޑް (ކ) އަދި ރިޒާ (ކ-3) އާ އެކު ރޭހެއްގައި ދުވަނީ.

ޔައުގޫބް ވަނީ ގައުމީ އެތުލެޓިކްސް މުބާރާތުން، އެތުލެޓިކްސް ފީލްޑް އިވެންޓެއް ކަމަށްވާ ޖެވެލިން އުކުމުން 2008، 2010، 2011، 2014، 2015، 2017 އަދި 2018 ގައި ރަން މެޑަލް ހޯދައިފަ އެވެ. އަދި އެ އިވެންޓުން މިދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުން ވެސް ރަން މެޑަލް ހޯދި އެވެ.

އޭގެ ކުރިން ޔައުގޫބް ފާހަގަކުރެވުނީ މެދު އަދި ދިގު ރާސްތާ ދުވުންތަކުންނެވެ. އޭނާ ވަނީ 2007 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ 5000 މީޓަރު ދުވުން ރަން މެޑަލް އަދި އެ އަހަރާއި 2008 ވަނަ އަހަރު 10000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގެ 10 ކިލޯމީޓަރު ދުވުމުން ވެސް އެއް ވަނަ ހޯދި އެވެ. ޔައުގޫބް ވަނީ ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުމުގެ ޕޫލުގައި ހިމެނިގެން، ރާއްޖޭގެ މިހާރުގެ މެރެތަން ރެކޯޑް ހޯލްޑަރު ޝިފާޒް މުހައްމަދާ އެކު ތަމްރީންތައް ވެސް ހަދައިފަ އެވެ. އެކަމަކު ބޭރު މުބާރާތެއްގެ ދުވުމުގެ އިވެންޓެއްގައި ރާއްޖެ ތަމްސީލްކޮށްފައެއް ނުވެ އެވެ.