އަލަށް ފަށާ ކޯސްތަކާ އެކު ވިލާ ކޮލެޖުގެ މޭ މަހުގެ އިންޓޭކަށް މިއަދު ހުޅުވާލައިފި އެވެ.
02 މާޗް 2020
އަލަށް ފަށާ ކޯސްތަކާ އެކު ވިލާ ކޮލެޖުގެ މޭ މަހުގެ އިންޓޭކަށް މިއަދު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބް ވިދާޅުވީ މޭ އިންޓޭކަށް ތައާރަފްކުރަން ނިންމާފައިވާ ކޯސްތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލަންޑް (ޔޫޑަބްލިއުއީ) އިން ކުރިއަށްގެންދާ މާސްޓާ އޮފް ލޯ (އެލްއެލްއެމް) ކޯސް ހިމެނޭ ކަމަށެވެ. މި ކޯހުގެ އިތުރުން، އެހެން ތިން ކޯހެއް ތައާރަފްކުރާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޖިނިއަރިން އިން ފައުންޑޭޝަން ކޯހެއް ތައާރަފްކުރަން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކޯސްތަކުގެ ތަފްސީލު މި މަހު އިއުލާނު ކުރާނެ ކަމަށް ވެސް ނަޖީބް ވިދާޅުވި އެވެ.
އަލަށް ތައާރަފްކުރާ ކޯސްތަކުގެ އިތުރުން، އެކި ފެންވަރުގެ 80 އަށް ވުރެ ގިނަ ކޯސް ވިލާ ކޮލެޖުން ކިޔެވޭނެ އެވެ. އޭގެ ތެރޭގައި ޔޫޑަބްލިއުއީގެ 14 ކޯހެއް ހިމެނެ އެވެ. މި ކޯސްތަކުގެ މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ. ކޯހުގައި ބައިވެރިވާން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހެވެ.
ވިލާ ކޮލެޖުގެ މޭ އިންޓޭކް އިއުލާން ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: ވިލާ ކޮލެޖް
ޑރ. ނަޖީބު ވިދާޅުވީ އެ ކޮލެޖުގެ ކޯސްތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އާ ކޯސްތައް ތައާރަފްކުރާ އިރު، ރާއްޖޭގައި ނުލިބޭ ނުވަތަ އެ ކޯހެއްގެ ބޭނުން ޖެހިފައިވާ ކޯސްތައް ތައާރަފްކުރަން މަސައްކަތްކުރެވެ.
"ދެން އެގޮތަށް ބަލާ އިރު، މި ކޯސްތައް އަންނަ އިރު ވެސް އަޅުގަނޑުމެން ބަލަނީ އެހެން ތަންތަނުން ވެސް އޮފާ ނުކުރާ އަދި ދިވެހި ރާއްޖެ އަށް ވެސް މިކަމަށް ނީޑް އޮތް މުހިއްމު ދާއިރާތަކުން ކޯސްތައް ތައާރަފްކުރަން،" ނަޖީބް ވިދާޅުވި އެވެ.
އެ ކޮލެޖުން މިދިޔަ ޖެނުއަރީ މަހު ތައާރަފްކުރި ސައިކޮލޮޖީ ޑިގްރީގެ މިސާލު ނަންގަވަމުން ވިދާޅުވީ، އެ ކޯހަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށެވެ.
މީގެ އިތުރުން އެ ކޮލެޖުގެ ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު ވެސް މިއަދު އެ ތަނުން ވަނީ ހުޅުވާލައިފަ އެވެ. ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ހުޅުވާލާ މި ސްކޮލާޝިޕްތައް ލިބޭ ދަރިވަރުންނަށް، ކިޔެވުމުގެ ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
ވިލާ ކޮލެޖުން ތައާރަފްކޮށްފައިވާ ސްކޮލާޝިޕް ކެޓަގަރީތަކުގެ ތެރޭގައި "އޯޕަން" ކެޓަގަރީއެއް ހިމެނެ އެވެ. މި ކެޓަގަރީގެ ދަށުން ދޭނީ ތިން ސްކޮލާޝިޕެކެވެ. އެއީ ފައުންޑޭޝަން ކިޔަވާ ދަރިވަރަކަށް ދޭނެ ސްކޮލާޝިޕަކާއި ޑިގްރީ ކިޔަވާ ދަރިވަރަކަށް ދޭ ސްކޮލާޝިޕަކާއި ޕޯސްޓް-ގްރެޖުއޭޓް ކޯހެއް ހަދާ ދަރިވަރަކަށް ދޭ ސްކޮލާޝިޕެކެވެ. މި ސްކޮލާޝިޕްތަކަށް ދަރިވަރުން ހޮވާނީ، ތައުލީމީ ފެންވަރަށް ބަލައިގެންނެވެ.
"ވިލާ ކޮލެޖް އެލަމްނައި" ސްކޮލާޝިޕް ދޭނީ ދެ ދަރިވަރަކަށެވެ. އެއީ އެ ކޮލެޖުން ފައުންޑޭޝަން ފުރިހަމަކޮށް ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރަކަށާއި ޑިގްރީ ފުރިހަމަކޮށް، ޕޯސްޓް ގްރެޖުއެޓް ކޯހެއް ފުރިހަމަކުރަން ބޭނުންވާ ދަރިވަރަކަށެވެ.
އެ ކޮލެޖުގެ އަތޮޅުތެރޭ ކެމްޕަސްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލާޝިޕް" ލިބޭނީ، އެ ކެމްޕަހެއްގައި ނުވަތަ ލާނިން ސެންޓަރެއްގައި 50 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ނަމަ އެވެ. އެ ކެމްޕަހެއްގައި 50-100 އާ ދެމެދުގެ ދަރިވަރުން ކިޔަވާ ނަމަ އެއް ފުރުސަތު ލިބޭ އިރު 100-150 އާ ދެމެދުގެ ދަރިވަރުން ކިޔަވާ ނަމަ ދެ ސްކޮލާޝިޕެއް ދޭނެ އެވެ.
ވިލާ ކޮލެޖުގެ ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.
ވިލާ ކޮލެޖުގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ކޮލެޖުން ހަތް ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ސްޓެލްކޯގެ ހަރަދުގައި އިންޖިނިއަރިން ކިޔަވައިދެނީ
ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި
ޕެންޝަން އޮފީހުން ސްކޮލާޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި
އެގްރިކަލްޗާގެ ދާއިރާތަކުން ކިޔަވަން ސްކޮލާޝިޕްތަކެއް
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި