26 ފެބުރުއަރީ 2020
ލަންޑަން (ފެބްރުއަރީ 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އަތުން 3-0 އިން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައަކާ ގާތަށް ބަޔާން މިއުނިކުން ޖެހިލައިފި އެވެ.
ލަންޑަން (ފެބްރުއަރީ 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އަތުން 3-0 އިން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައަކާ ގާތަށް ބަޔާން މިއުނިކުން ޖެހިލައިފި އެވެ.
ޖަރުމަނުގެ ޗެމްޕިއަން ބަޔާނުން ރޭ ރަށުން ބޭރުގައި މޮޅުވުމާ އެކު އަންނަ މަހު 18 ވަަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ކުއާޓާގެ ޖާގަ ކަށަވަރުކުރެވޭނެ އެވެ. އަދި އެ މެޗުން ޗެލްސީން ތިން ގޯލުގެ ތަފާތުން މޮޅުނުވެއްޖެ ނަމަ ބަޔާނަށް ކުއާޓާގެ ފުރުސަތު ލިބޭނެ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗު ފަށައިގެން ބަޔާނުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުން ދިޔަ ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. ޗެލްސީގެ ރޮސް ބާކްލޭ އާއި މޭސަން މައުންޓް އަދި އޮލިވިއޭ ޖިރޫޑް ވެސް އެޓޭކްތަކެއްކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ އެވެ. ފުރަތަމަ ހާފުގައި ބަޔާނުގެ ތޯމަސް މުލާ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅަތައް ހުއްޓުވީ ޗެލްސީގެ ގޯލްކީޕަރު އާޖެންޓީނާ ވިލީ ކަބަލޭރޯ އެވެ.
ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމުގައި ވިޔަސް ބަޔާނުން ވަނީ އާ ހިތްވަރަކާ އެކު ނުކުމެ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. މި ދެ ލަނޑު ކާމިޔާބުކުރީ ކުރިން އާސެނަލަށް ކުޅުނު ޖަރުމަނު ގައުމީ ޓީމުގެ ވިންގް ސާޖް ގްނަބްރީ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ގްނަބްރީ ވަނީ ޓޮޓެންހަމް ދަނޑުގައި ހަތަރު ގޯލު ޖަހައިފަ އެވެ.
ބަޔާނުގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 76 ވަނަ މިނިޓްގައި ލެވަންޑޯސްކީ އެވެ. ޗެލްސީން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވެދިޔައިރު، ދެން އެ ޓީމަށް ދިމާވި މައްސަލަ އަކީ ކުޅުންތެރިޔަކު މަދުކޮށް މެޗު ނިންމާލަން ޖެހުމެވެ. އެއީ މެޗުގެ 83 ވަނަ މިނިޓްގައި އެ ޓީމުގެ މާކޯސް އަލޮންސޯ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއީ 2012 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި ޗެލްސީ ކުޅުންތެރިޔަކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ބަޔާނުން ކުޅުނު ލެވަލްގައި ޗެލްސީ އަށް ވާދަނުކުރެވުނު ކަމަށެވެ.
"މިއީ މި ލެވަލްގައި ޗެލްސީ އަށް ފުޓްބޯޅައިގައި ފެންނަން އޮތް ހަގީގަތް. ބަޔާން ފަދަ ޓީމުތަކުގެ ލެވަލް އެ ހުރީ ހުރި ހިސާބު. މިއީ ކުޅުންތެރިންނަށް ބަލައިގަންނަން އުނދަގޫ ނަތީޖާއެއް. އެކަމަކު މީގެން ލިބޭނެ ތަޖުރިބާ ބޮޑު. ދެ ވަނަ ލެގުގައި ވެސް އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތްކުރާނަން،" 2012 ވަނަ އަހަރު ބަޔާން ބަލިކޮށް ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގައި ހިމެނުނު ލަމްޕާޑް ބުންޏެވެ.
ބަޔާން ކޯޗު ހާންސީ ފްލިކް ބުނީ ކުއާޓާގެ ޖާގަ ޔަގީންނުވަނީސް އެއްވެސް ކަމެއް ހާސިލްވި ކަމަށް ގަބޫލުނުކުރެވޭނެ ކަމަށެވެ. އަދި މިހާ ހިސާބުން ބަޔާނަށް ކުއާޓާ ފައިނަލުގެ ފުރުސަތު ލިބިއްޖެކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އެއީ އޭނާ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
ބަޔާނަކީ ޗެމްޕިއަންސް ލީގުގެ ސީޒަނެއްގެ ފުރަތަމަ ހަތް މެޗުން މޮޅުވި ތިން ވަނަ ޓީމެވެ. މީގެ ކުރިން އެކަން ހާސިލްކުރެވުނީ ރެއާލް މެޑްރިޑާއި ބާސެލޯނާ އަށެވެ. އަދި ރޭގެ މެޗަކީ މި ސީޒަނުގައި އެ ޓީމު އަމިއްލަ ދަނޑުގައި ބަލިވި އަށް ވަނަ މެޗެވެ. މިއީ އެ ޓީމުގެ ތާރީހުގައި މި އަދަދަށް އެ ސީޒަނެއްގައި އަމިއްލަ ދަނޑުގައި ބަލިވި ދެ ވަަނަ ފަަހަރެވެ.
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ކުއާޓާގެ ފަހު ޖާގަތައް ޗެލްސީ އާއި ބަޔާން އަށް
ޖިރޫޑްގެ މޮޅު ގޯލުން ޗެލްސީން އެތުލެޓިކޯ ބަލިކޮށްފި
ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ އަށް
ބެޔާން އަތުން މޮޅުވިޔަސް ބާސާއަކީ ފޭވަރިޓެއް ނޫން: ފްލިކް
ބެޔާނާއި ރެއާލް ވެސް ޗެމްޕިއަންސް ލީގުގައި ބަލިވެއްޖެ
ކޭންގެ ހަތަރު ގޯލާ އެކު ބެޔާނަށް ލަނޑުގެ އީދެއް
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް