Roadha Mihaaru
ވެށިފަހިން ލިއުންދީ ފްލެޓާއި ގޯތި ނުލިބޭ މީހުން ހޯދަނީ

ވެށިފަހިން ލިއުންދީ ފްލެޓާއި ގޯތި ނުލިބޭ މީހުންގެ މައުލޫމާތު ހޯދަނީ

24 ފެބުރުއަރީ 2020

އެމްޑީޕީގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުން އެކަން ހައުސިން މިނިސްޓްރީ އަށް އަންގަން މިއަދު އެދެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުން އެކަން ހައުސިން މިނިސްޓްރީ އަށް އަންގަން މިއަދު އެދެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ 2010ގައި ފެށި ވެހިފަހި މަޝްރޫއުގައި، މާލެ އިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެހެންވެ އެ މަޝްރޫއުން މިހާތަނަށް ބޯހިޔާވަހިކަން ކަށަވަރުނުވެ ތިބި އެންމެން ހައުސިން މިނިސްޓްރީ އަށް އެކަން ލިއުމުން އަންގައިދޭން ވަނީ އެދިފަ އެވެ.

އޭގެ ތެރޭގައި، ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށް ފަހު ފްލެޓް ހަވާލުނުކޮށް ތިބި މީހުންނާއި މާލެ އިން ލިބިފައިވާ ކުޑަ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތައް ހިމެނެ އެވެ.

ފްލެޓާއި ގޯތި ނުލިބޭ ކަން އަންގާއިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުން ހުށަހަޅަން ޖެހެ އެވެ. އަދި މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުން ވެސް ހުށަހަޅަން ވަނީ އެދިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އައިޑީކާޑުގެ ކޮޕީ އާއި ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ އަންނަ މަހުގެ 22 ގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ވެށިފަހި މަޝްރޫއު ހުޅުވާލީ ތިން ކެޓަގަރީ އަށެވެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި، ޖޫން، 30، 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފަ އެވެ.

އެމްޑީޕީގެ ވެރިކަން 2012 ގައި ނިމުމުން، އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ ސަރުކާރުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުން އެމްޑީޕީން ހިތްހަމަނުޖެހުންފާޅުކުރި އެވެ.

ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ އެތައް ހާސް މީހުންގެ ތެރެއިން ފްލެޓް ނުލިބި އެންމެ ދަތި ހާލުގައި ދިރިއުޅެމުންދާ 4،000 މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ގެންގުޅުނެވެ.