Roadha Mihaaru
ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކާ އެކު ފާޑުކިޔުން

ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކާ އެކު ފާޑުކިޔުން ބޮޑުވެއްޖެ

16 ފެބުރުއަރީ 2020

ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު ފާޑޫކިޔުން އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު ފާޑޫކިޔުން އަމާޒުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނެ އެންމެ ދިގު މުއްދަތަކީ ތިން މަހެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލުގައި ހުށަހަޅާފައި އޮތީ އެ މުއްދަތު އިތުރު ކުރުމަށެވެ.

އެ ބިލްގައި ހުށަހަޅާފައި ވަނީ ޕްރޮބޭޝަނަށް ގިނަވެގެން ހިމެނޭނެ މުއްދަތު ހަ މަހަށް އިތުރު ކުރުމަށެވެ. އަދި މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ޕްރޮބޭޝަންގެ މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރުމުގެ ބާރު އޮންނާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އަހަރަކު ލިބޭ 30 ދުވަހުގެ ސަލާމުގެ ޗުއްޓީ ބޭނުން ކުރުމުގައި މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭނީ ޖެހިޖެހިގެން ދެ ދުވަހަށް ވުރެ އިތުރަށް ސަލާމުގައި ހުރެއްޖެ ނަމަ އެވެ. އެކަމަކު އެ ބިލްގައި ހުށަހަޅާފައި އޮތީ އެންމެ ދުވަހަކު ސަލާމް ބުންޏަސް، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އެންގޭ ގޮތަށެވެ.

މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖް ބެހުމުގެ އުސޫލުތަކަށް ވެސް ބަދަލު ގެންނަން އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. މިހާރު ގާނޫނު އޮޮންނަ ގޮތުން ސާވިސް ޗާޖްގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން އެއް ޕަސެންޓް އިދާރީ ފީގެ ގޮތުގައި ނެގުމަށް ފަހު ދެން ހުރި ފައިސާ މުވައްޒަފުންނަށް ބަހަން ޖެހޭނެ އެވެ.

އެ ބިލުގައި އިސްލާހު ހުށަހަޅާފައި އޮތީ ސާވިސް ޗާޖް ބެހުމުގައި މުވައްޒަފުން މަސައްކަތްކުރި ގަޑިއިރަށް ބެލުމުގެ އިހްތިޔާރު ވަޒީފާ ދޭ ފަރާތްތަކަށް ލިބޭ ގޮތަށެވެ. އެގޮތުން ގަޑިޖެހޭ މުވައްޒަފުންނާއި ހާޒިރުނުވާ މުވައްޒަފުންނަށް ހާޒިރުނުވާ ނިސްބަތުން ސާވިސް ޗާޖުން އުނި ކުރެވިދާނެ ކަމަށް އެ ބިލުގައިވެ އެވެ.

އެކަމަކު ސާވިސް ޗާޖް ދޭ ގޮތުގެ ތަފްސީލުތައް ކޮންމެ އަހަރަކު ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް ފޮނުވަން ޖެހޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ. އަދި ހިިންގުމުގެ ދާއިރާގައި އިސް މީހުންނަށް ސާވިސް ޗާޖް ނުދިނުމުގެ ބާރު ވެސް ލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

ވަޒީފާގެ އެއްބަސްވުން ނަހަދާ ވަޒީފާ އަދާކުރުވާ ނަމަ، ވަޒީފާ ދޭ ފަރާތް 2،000ރ. އިން ވެސް ޖޫރިމަނާ ކުރަން އެ ބިލުގައި ހިމަނާފައިވެ އެވެ. އަދި ވަޒީފާގެ އެއްބަސްވުމުގައި ކުރިން ހިމަނަން ލާޒިމްކުރާ ބައެއް މައުލޫމާތުތައް ހިމަނަން ލާޒިމްނުވާ ގޮތަށް އިސްލާހު ގެންނަން ވެސް އެ ބިލުގައިި ހިމަނާފައިވެ އެވެ.

ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމާއި ސަލާމް ބުނުމުގެ އުސޫލު ހަރުކަށި ކުރަން އެ ބިލުގައި ހިމަނާފައި އޮތުމުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމުން ވަޒީފާގެ ޔަގީންކަން ނުލިބި، ހަ މަސް ވަންދެން ތިބެން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަމަށް ބައެއް މީހުން ފާޑު ކިޔާފައިވެ އެވެ. އަދި އެ މުއްދަތުގައި ވަޒީފާއިން ވަކިކުރިޔަސް، ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޯންނާނެ ކަން ގިނަ މީހުން ފާހަގަ ކޮށްފައިވެ އެވެ.

މަޖިިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަކީ މަސައްކަތްތެރިން އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ. އަދި މިހާރު ވެސް ބައެއް ތަންތަނުގައިި ތިން މަހަށް ވުރެ ވެސް އިތުރަށް މުވައްޒަފުން ދާއިމީ ނުކޮށް، މަސައްކަތް ކުރުވަމުންދާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވަނީ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމުން ރިސޯޓްތަކުގައި ދެން ގިނަވާނީ ވަގުތީ މުވައްޒަފުން ކަމަށެވެ. އަދި ގާނޫނުތައް އަބަދުވެސް ހަދަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށް ކަމަށާއި ގެއްލުންވާ ގޮތަށް ނޫން ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.

މެޑިކަލް ސެޓްފިކެޓް ނެތި އެންމެ ދުވަހަކު ވެސް ސަލާމް ނުބުނެވޭ ގޮތަށް ހެދުމުން ބަލިވާ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކަންވީތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިިވެ އެވެ. އަދި އާއިލާގެ މީހަކު އާދައިގެ ކަމެއްގައި ބަލިވެގެން ސަލާމް ބުނާ ކޮންމެ ފަހަރަކު ވެސް މެޑިކަލް ސެޓްފިކެޓް ހޯދަން މަސައްކަތް ކުރަންވީތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

މަސައްކަތްތެރިިންގެ ހައްގުތައް ހަނިކުރީ ކުރީގެ ސަރުކާރުން ކަމަށް ބުނެ މިފަހަރު ދައްކާނީ ކޮން ހުއްޖަތެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކުރަން އިސްލާހު ހުށަހެޅިއިރު، 2008 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނު ވުޖޫދަށް އައިއިރު ވެސް ގާނޫނުގައި އޮތީ ޕްރޮބޭޝަންގެ މުއްދަތަކީ ގިނަވެގެން ހަ މަސް ކަމަށެވެ. އެކަމަކު ފަހުން އެ ގާނޫނު އިސްލާހުކޮށް، ތިން މަހަށް ވަނީ އެ މުއްދަތު ކުރުކޮށްފަ އެވެ.