Roadha Mihaaru
ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިމުމަކީ ކާމިޔާބެއް:ޣައްސާން

ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިންމާލެވުމަކީ ބޮޑު ކާމިޔާބީއެއް: ޣައްސާން

08 ފެބުރުއަރީ 2020

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީ "ޖޯޝުގައި" ނުޖެހި ނިންމާލެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީ "ޖޯޝުގައި" ނުޖެހި ނިންމާލެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓަށް 1،000 އަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލީ ކަމަށް އެ ޕާޓީން ބުންޏެވެ. މީގެ ތެރެއިން މާލެއާ އެކު 51 ރަށެއްގައި ޕްރައިމަރީ ކުރިއަށް ގެންދިޔަ އެވެ. ޕްރައިމަރީ ބޭއްވި ރަށްރަށުގައި ވަގުތީ ނަތީޖާ ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ޣައްސާން ކުރެއްވި ޓުވީޓެއްގައި ވަނީ، ޕްރައިމަރީ ކާމިޔާބު ކުރެއްވި އެންމެންނަށް ޝުކުރު އަދާކުރައްވައި ނާކާމިޔާބުވީ ކެންޑިޑޭޓުން ޕާޓީގެ ރޫހް ކުރިއަށް ނެރެމުންދާ ކަމަށް ވިދާޅުވެ ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ އެންމެ ބޮޑަށް ފާހަގަކުރެއްވީ އެއްވެސް ހަމަނުޖެހުމެއް ނެތި ޕްރައިމަރީ ނިންމާލުމެވެ. ޖޯޝުގައި ނުޖެހި ކަމަށް ވިދާޅުވީ، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ޕްރައިމަރީގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފާޑުވިދާޅުވުމުގެ ގޮތުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްޑީޕީގެ ޕްރައިމަރީގައި ގއ. އަތޮޅުގެ ވޯޓުގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ވޯޓު ކަރުދާސްތައް ނައްތާލުމުގެ ގޮތުން ވަނީ އަންދާލައިފަ އެވެ. އަދި ފަހުން، އެމްޑީޕީގެ އޮފީހުގައި މާލޭގެ ދާއިރާއެއްގެ ވޯޓު ގުނަން އުޅުމުން ކެންޑިޑޭޓުންތަކެއް ވަނީ ވޯޓު ފޮށި ޖަހައިގަނެ މަގުމައްޗަށް ކަރުދާސްތައް އުކާލައިފަ އެވެ. ޕްރައިމަރީގައި ހިނގާ އެފަދަ ކަންކަމަކީ ޖޯޝުގައި ޖެހިގެން ހިންގާ އަމަލުތަކެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީ ނިމުމާ އެކު ސިފަކުރައްވައިފަ އެވެ.

ޕީޕިއެމުން ބުނިގޮތުގައި ކައުންސިލް އިންތިޚާބަށް އެ ޕާޓީން ބޭއްވި ޕްރައިމަރީއަކީ 2013ގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ އަށް ފަހު މިހާތަނަށް ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިޚާބެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ޕާޓީގެ ޕްރައިމަރީއަކީ ޑިމޮކްރަސީގެ އުސޫލުން ހުޅުވުނު އަލިމަގެއް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް ބޭއްވުމަކީ ޕާޓީތައް އެއްބައިވަންތަކަމާ އެކު ދެމިއޮތުމުގެ ސިއްރެއް ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލީސް މެމްބަރު އާދަމް ޝަރީފް ވެސް ވަނީ ޕީޕީއެމްގެ ޕްރައިމަރީން އެ ޕާޓީގެ އެތެރޭގެ ސިޔާސަތުތައް ހަރުދަނާވެގެން ދިޔަ ކަމަށް ވިދާޅުވެފަ އެވެ. "އެކަކަށް ވެސް ތަބަކަށްލާފައި ޓިކެޓެއް ނުދެން" ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ބުނެފައި ވަނީ ކައުންސިލް އިންތިޚާބުގައި އެ ޕާޓީން ނެރޭ ކެންޑިޑޭޓުން ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދައި ސަރުކާރަށް ވަރުގަދަ މެސެޖެއް ދޭނެ ކަމަށެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ބުނެފައިވާ ގޮތުގައި، ލާމަރުކަޒީ ނިޒާމަކީ އެ ޕާޓީގެ ވިސްނުމެއް ކަމަށާއި އަޣުލަބިއްޔަތު އެ ޕާޓީން ނަގާނެ އެވެ.