Roadha Mihaaru
ކްލަބް ރެކޯޑަކާ އެކު ލިވަޕޫލަށް 19 ޕޮއިންޓުގެ ލީޑެއް

ކްލަބް ރެކޯޑަކާ އެކު ލިވަޕޫލަށް 19 ޕޮއިންޓުގެ ލީޑެއް

30 ޖެނުއަރީ 2020

ލަންޑަން (ޖެނުއަރީ 30) - ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ކްލަބްގެ ތާރީހުގައި ރެކޯޑަކާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން 19 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 30) - ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ކްލަބްގެ ތާރީހުގައި ރެކޯޑަކާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން 19 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ވެސްޓް ހޭމް އަތުން ލިވަޕޫލުން ހޯދި މި މޮޅާ އެކު އެ ޓީމުން މި ވަނީ މި ފަހަރުގެ ލީގުގައި ވާދަކުރާ ހުރިހާ ޓީމެއް އަތުން މޮޅުވެފަ އެވެ. މިއީ ލިވަޕޫލްގެ ތާރީހުގައި އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ހުރިހާ ޓީމެއް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗާ އެކު ލިވަޕޫލުން ވަނީ ބަލިނުވެ ލީގުގައި 41 މެޗު ހަމަކޮށްފަ އެވެ. އަދި މިއީ ޖެހިޖެހިގެން ލީގުގައި އެ ޓީމުން މޮޅުވި 15 ވަނަ މެޗެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ރެކޯޑްތަކާ މެދު އޭނާގެ މާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށާއި މެޗުތަކުން މޮޅުވާނަމަ އޭނާ އަށް ނިމުނީ ކަމަށެވެ.

ތިރީސް އަހަރަށް ފަހު ލީގު ހޯދުމާ ގާތުގައި އޮތް ލިވަޕޫލަށް ދެން ބާކީ ބޭނުންވަނީ އަށް މޮޅެވެ. އެއީ ލީގުގެ ދެ ވަނައިގައި އޮތް ސިޓީ ދެން ކުޅޭ ހުރިހާ މެޗުތަކުން މޮޅުވަމުންދާނަމަ އެވެ. ލިވަޕޫލް މި ވަގުތު އެއް ވަނައިގައި އޮތީ 24 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 24 މެޗުން ވަނީ 51 ޕޮއިންޓް ލިބިފަ އެވެ.

ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ވެސްޓް ހޭމް އިން ޑިފެންސިވް ކުޅުމެއް ދައްކަމުންދިޔަ އެވެ. ލިވަޕޫލުން ލީޑުނެގީ 35 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ޕެނަލްޓީންނެވެ. މިއީ އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅެވުނު ސަޑިއޯ މާނޭގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކުޅެމުން ދިޔަ ޑިވޮކް އޮރީގީ އަށް އޭރިއާ ތެރެއިން އީސާ ޑިއޮޕް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފް ފަށައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ވެސްޓް ހޭމް އަށް އެއްވަރުކޮށްދޭން އާޖެންޓީނާގެ މިޑްފީލްޑަރު މެނުއަލް ލަންޒީނީ އަށް ލިބުނު ފުރުސަތުން އޭނާ ފައިގައި ބޯޅަ ރަނގަޅަށް ލައްވާލާ ގޮތެއްނުވުމުން އޭގެ ބޭނުމެއް ނުހިފުނެވެ.

ކައުންޓަ އެޓޭކެއްގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ސަލާހު ދިން ބޯޅަ އަކުން އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އެވެ. ތިން ވަނަ ލަނޑެއް ޖަަހަން ލިވަޕޫލްގެ ސަލާހު ފޮނުވާލި އެ ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ޖިނީ ވައިނަލްޑަމް އަށް ލިބުނު ފުރުސަތުގައި އޭނާ އަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވުނެވެ. އޭގެ ފަހުން ވެސްޓް ހޭމްގެ ޑެކްލަން ރައިސް ފޮނުވާލި ދެ ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.