Roadha Mihaaru
ފައިނުގެ ފަޚުރު، ބިޔަ ކާނިގަސްތައް މޫދުގައި!

ފައިނުގެ ފަޚުރު، ބިޔަ ކާނިގަސްތައް މޫދުގައި!

29 ޖެނުއަރީ 2020

މީގެ 60 ވަރަކަށް އަހަރު ކުރިން، ރ. އަތޮޅުގައި އަަތޮޅުވެރިކަން ކުރެއްވި އަހުމަދު ޝާތިރު އެ އަތޮޅު ފައިނަށް ކުރެއްވި ފުރަތަމަ ދަތުރުގައި ވެސް އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ ރަށުގެ އަތިރިމަތީގައި ހުރި ބިޔަ ކާނި ގަސްތަކެވެ. ގިނަ ބޭނުންތަކެއް ހިފޭނެ ގަހުގެ ލަކުޑީގެ ދަހިވެތިކަމުގައި، އެއިން ގަހެއް ކަނޑާލުމަށް އޭނާ އަމުރު ކުރެއްވި އެވެ. އެކަމަކު ފައިނުގެ ބައެއް މީހުން އެކަމާ ދެކޮޅު ހަދައި އިހްތިޖާޖް ކުރި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ 60 ވަރަކަށް އަހަރު ކުރިން، ރ. އަތޮޅުގައި އަަތޮޅުވެރިކަން ކުރެއްވި އަހުމަދު ޝާތިރު އެ އަތޮޅު ފައިނަށް ކުރެއްވި ފުރަތަމަ ދަތުރުގައި ވެސް އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ ރަށުގެ އަތިރިމަތީގައި ހުރި ބިޔަ ކާނި ގަސްތަކެވެ. ގިނަ ބޭނުންތަކެއް ހިފޭނެ ގަހުގެ ލަކުޑީގެ ދަހިވެތިކަމުގައި، އެއިން ގަހެއް ކަނޑާލުމަށް އޭނާ އަމުރު ކުރެއްވި އެވެ. އެކަމަކު ފައިނުގެ ބައެއް މީހުން އެކަމާ ދެކޮޅު ހަދައި އިހްތިޖާޖް ކުރި އެވެ.

އެ ދުވަހު އެ މީހުންގެ ބަހަކަށް ވީ، "ކަރުގައި ފުރޯއިން ޖަހާފައި ނޫނީ ގަސް ކަނޑަން ނުކެރޭނެ" ކަމަށެވެ. ދޯނި ބަންނަން ވިޔަސް، ގެދޮރު އަޅަން ވިޔަސް އަދި އުވަ ދަވަން ވިޔަސް ލަކުޑީގެ ބޭނުމުގައި ގަސް ނުކެނޑޭނެ ކަމަށެވެ. އެކަމަކު ޝާތިރު ކައިވެނި ބައްލަވައިގެން އުޅުއްވީ މާލޭގެ ގަނޑުވަރުތެރޭ ބޭފުޅަކާ ކަމަށް ވުމުން، އިސާހިތަކު އެ މައްސަލަ ގަނޑުވަރާ ހަމައަށް ފޯރި އެވެ.

ފައިނުގެ ދުވަސްވީ މީހުން ބުނާ ގޮތުން، ދެވަނަ ދަތުރުގައި ޝާތިރު ރަށަށް ވަޑައިގެންނެވީ އަނބިކަނބަލުންނާ އެކުގަ އެވެ. އަދި އޭނާގެ އަމުރަށް ކިޔަމަން ވާން ނުކެރިގެން، ރަށުގެ މީހުން ގަސް ކަނޑަން ހުއްދަ ދިނީ އެވެ.

ދެރޭ ދެ ދުވާލުން، ފަސް ރުފިޔާގެ އުޖޫރައަކަށް މީހަކު ލައްވާ އެ ގަހުގެ ބޮޑު ބައެއް ކަނޑާލި ދުވަސް، އަދިވެސް ފައިނުގެ ދުވަސްވީ މީހުންގެ ހިތުން ނުފިލަ އެވެ. އެ ޒަމާނުގައި އަތޮޅުވެރިޔާގެ އެންގުމަށް، ގަހެއް ކަނޑާލަން ދެކޮޅުހަދައި، އިހްތިޖާޖް ކުރުމުން އެ މީހުންގެ ހިތުގައި ގަހަށް އޮތް ލޯބި ވަޒަން ކުރެވެ އެވެ. މިއަދު ވެސް އެ ލޯތްބަކަށް ބަދަލެއް ނާދެ އެވެ.

ފައިނުގެ އަތިރިމަތީގައި ވާހަކަދައްކާލަން ބަޔަކު މަޑުކޮށްލައިގެން ތިބި އިރު، އޭގެ ތެރެއިން ދެ އަންހެނަކު މިދިލި އޮށް ފެޅުމުގެ މަސައްކަތިގައި.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ފައިނުގެ އަތިރިމަތީގައި ވާހަކަދައްކާލަން ބަޔަކު މަޑުކޮށްލައިގެން ތިބި އިރު، އޭގެ ތެރެއިން ދެ އަންހެނަކު މިދިލި އޮށް ފެޅުމުގެ މަސައްކަތިގައި.---މިހާރު ފޮޓޯ: ހުސައިން ވަހީދު

އެކަމަކު ހިތާމައަކީ، ފައިނު ރައްޔިތުން، ދިރިއުޅުމުގެ އެއްބައިގެ ގޮތުގައި ސިފަކުރާ އެ ގަސްތައް ދެން މާ ގިނަ ދުވަހު ހުންނާނެ ކަމަށް އެ މީހުންނަށް ގަބޫލުނުކުރެވުމެވެ. ރަށުގެ އުތުރު ފަރާތު އަތިރިމަތި ގިރާލުމުގެ ސަބަބުން، ގިނަ ގަސްތައް މިހާރު ވެއްޓިއްޖެ އެވެ. ބާކީ ހުރި ގަސްތައް ވެސް ހުރީ ވެއްޓެން ކައިރިވެފަ އެވެ.

މިއީ އެ މީހުންނަށް ކެތްކުރަން ދަތި ހިތާމައެކެވެ.

ތާރީހީ ގަސްތަކެއް، އާދަޔާހިލާފު ލޯތްބެއް

ގެއާ ކުރިމައްޗަށްވާ ގޮތަށް އަތިރިމަތީގައި ހުންނަ މި ބޮޑެތި ކާނި ގަސްތައް މަރިޔަމް ވަހީދާއަށް ވަރަށް ހާއްސަ އެވެ. ގަސްދޮށުގައި ޖޯލިތައް އެލުވާފައި ހުންނައިރު، އެ ޖޯލިތައް އޭނާގެ ބައްޕަ ބަލަހައްޓަނީ ފަރުވާތެރިކަމާ އެކު އެވެ. އެއީ އޭނާ ކުޑައިރު، އާއިލާގެ އެހެން ކުދިންނާ އެކު ކުޅެން އުޅުނު ތަނެވެ. ޒުވާންވެ، ހަޔާތުގެ ގިނަ ވަގުތުތަކެއް، ގަސް ދޮށުގައި އުނދޯލީގައި ހޭދަކުރި އެވެ. މިހާރު އެ މަޖާ ނަގަނީ އޭނާގެ ދަރިންނެވެ.

ފައިނު އަތިރިމަތި ކުރިން އޮތްގޮތް އަދި މިހާރު ރަށް ގިރާލައި، ގަސްތައް ވެއްޓިފައި

ފައިނު އަތިރިމަތި ކުރިން އޮތްގޮތް އަދި މިހާރު ރަށް ގިރާލައި، ގަސްތައް ވެއްޓިފައި

ކުޑަ އާބާދީއެއް އޮންނަ ފައިނަކީ ހިތްފަސޭހަ، އަރާމު، ރީތި ރަށެކެވެ. ރީތި ދޮންވެލިގަނޑު މަތީ ހެދިފައި ހުރި، 200 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބިޔަ ކާނި ގަސްތައް އެ ރަށު މީހުން ދެެކެނީ ފަޚުރެއްގެ ގޮތުގަ އެވެ. ރަށުގެ ގިނަ މީހުންނާއި ކުދިން، ގިނަ ވަގުތުތައް ހޭދަކުރަނީ ވެސް އަތިރިމަތީގައި ގަސްތައް ދޮށުގަ އެވެ.

އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން، ކުޑަކުދިން ސްކޫލުން ނިމުމުން ދެން އެންމެ އަވަހަށް އަންނާނީ ގަސްތައް ދޮށަށް އަތިރިމައްޗަށެވެ. ގަހަށް އަރައި ފުންމައި، އެތަނުގައި ދުވެ ކުޅެ ހަދަ އެވެ. ދުވަސްވީ މީހުން، ކަށިކެޔޮ ކޮށައި، ލީލި އަޅައި، ރޯނު ވަށަން ނުކުންނަނީ ގަސްތަކުގެ ހިޔަލަށެވެ. އަތިިރިއާ ދުރުގައި ހުންނަ ގެތަކުގެ މީހުން ވެސް، ހަވީރު ފިންޏަށް، ކުދިވެރިން ގޮވައިގެން އެ ސަރަހައްދަށް ދިޔުމަކީ އާދައެކެވެ. ދުވާލުގެ ވަގުތުގައި އެ ގަސްތައް ދަށުން މީހުން ހުސް ނުވާނެ އެވެ.

"އަޅުގަނޑުމެން ބޮޑެތިވީ މި ގަސްތަކުގެ ހިޔަލުގައި. ކާފަ ނިޔާވަންދެން، ގިނަ ވަގުތު ހޭދަކުރީ މިތަނުގައި. މިއީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުމޭ ވެސް ބުނެވިދާނެ،" މަރިޔަމް ބުންޏެވެ.

ގަހުން ވެއްޓޭ ފަތްތައް ނަގައި، އެ ރަށުގެ އަންހެނުން ގަވައިދުން އަތިރިމަތި ކުނިކަހަ އެވެ. ދަތްގަނޑުގެ ބަދަލުގައި އިލޮށިފަތިން އެ މީހުން ސާފުކުރަނީ، ފަސްގަނޑުގެ ހުދުކަން ގެއްލިޔަ ނުދީ، ވީހާ ވެސް ރީތިކޮށް އެތަން ބޭއްވުމަށް ކަމަށް ބުނެ އެވެ.

ފައިނުގެ މީހުން ގަބޫލުކުރާ ގޮތުގައި އެ ގަސްތަކަކީ އެ މީހުންގެ ހިމާޔަތެވެ. ސުނާމީ އާއި ގަދަ އެތައް ކޮޅިގަނޑެއްގައި ގޮނޑުދޮށް ހިމާޔަތް ކޮށްދީފައިވަނީ، އެއްގަހާއި އަނެއް ގަސް މުލުން ގުޅިފައިވާ ބިޔަ އެ ގަސްތަކެވެ.

އެކަމަކު އެތައް އަހަރެއް ކުރިއްސުރެ ފައިނަށް ރައްކާތެރިކަން ދެމުން ދިޔަ ގިނަ ގަސްތައް، ރަށް ގިރުމުގެ ސަބަބުން އެންމެ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ވެއްޓިފަ އެވެ.

ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވި ގޮތުގައި ރަށުގެ އެންމެން ވެސް ހިޔާވަހިކަން ހޯދައި، ބިޔަ ހަ ގަސް ވެއްޓުމަކީ އެ ރަށުގެ ތާރީހުގައި ވެސް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. އެ ގަސްތައް އޭނާ ދެކެވަޑައިގަންނަވަނީ، ކާބަފައިންގެ ޒަމާނުއްސުރެ ދަމަހައްޓައިދީފައިވާ ތަރިކައެއްގެ ގޮތުގަ އެވެ. އެހެންވެ، އެ ގަސްތައް ނެތިދިއުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.

އަތިރިމަތީގައި ހުރި ކާނިގަހެއް މޫދަށް ވެއްޓުނަ ނުދޭން ކުޑަކުދިންތަކެއް ވާ އައްސައިގެން ދަމަނީ

އަތިރިމަތީގައި ހުރި ކާނިގަހެއް މޫދަށް ވެއްޓުނަ ނުދޭން ކުޑަކުދިންތަކެއް ވާ އައްސައިގެން ދަމަނީ

"އެ ގަސްތަކުގެ ބޭނުން މި ރަށުގެ އެންމެން ވެސް ހިފާނެ. ގަސްތަކުގެ ފަލަމިނަށް ބަލާލިޔަސް އެނގޭނެ އޭގެ މުހިއްމުކަމާއި އެއިން އަޅުގަނޑުމެންނަށް ލިބޭނެ ފައިދާތައް،" ނާސިރު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް މީހުން ގެއިން ފެން ހޮޅި ގުޅައިގެން ވެސް، އަތިރިމަތީގައި ހުރި ބިޔަ ކާނި ގަސްތަކަށް ފެންދެ އެވެ. ގަސް ވެއްޓުނަ ނުދިިނުމަށް، ވާ އައްސާފައި ނުވަތަ ގަސް ބުޑުގައި ވެލި ބަސްތާ ބަހައްޓާފައި ހުއްޓާ ވެސް ބައެއް ފޮޓޯތަކުން ފެނެ އެވެ. އެކަމަކު އެއް ދުވަހަށް ވުރެ އަނެއް ދުވަހު، އެ ހިސާބުން ބައެއް ގިރާލަ އެވެ.

"އަޅުގަނޑުގެ ދަރިފުޅު ވެސް އަހަނީ ދެން ގަސްތައް ސަލާމަތެއް ނުވާނެހޭ. ކުރިން އޮތް ގޮތަކަށް ނުހެދޭނެހޭ،" މަރިޔަމް ބުންޏެވެ.

"މިހާރު ހަމަ ކުރެވެނީ ގާތް މީހަކު މަރުވެގެން އުޅޭ ކަމުގެ އިހުސާސް."

މިއީ މޫސުމީ ގިރުމެއް ނޫން!

އިރުވައި މޫސުމުގައި ހަޅަ ޖަހާ ދުވަސްވަރު، ފައިނު އުތުރު ފަރާތަށް އަބަދުވެސް ރާޅު އަރައިި ރަށް ގިރަ އެވެ. އެކަމަކު މިހާ ބޮޑަށް ދުވަހަކު ވެސް ރަށް ގިރާ ނުލާ ކަމަށް އެ ރަށު މީހުން ބުނެ އެވެ.

އެހެންވެ، އެ މީހުން ދެކޭ ގޮތުގައި މިއީ މޫސުމީ ބަދަލެއް ނޫނެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން، އާދަޔާހިލާފަށް ރަށް ގިރުމުގެ މައްސަލައިގެ އަސްލުގެ ގޮތުގައި ފައިނު މީހުން އިނގިލި ދިއްކުރަނީ އެ ރަށުގައި އަލަށް ހަދާފައިވާ ބަނދަރަށެވެ.

ކާނި ގަސްތައް ހުރި ފަޅީގައި، އެ ގަސްތަކާ އިންވެގެން ފައިނު ބަނދަރު ހަދަން ފެށީ 2015 ވަނަ އަހަރު އެވެ. ފަޅު ކޮންނަން ފެށިތާ ކައިރީގައި ވެސް ރަށް ވަރަށް ބޮޑަށް ގިރި އެވެ. އެކަމަކު ސަރުކާރުން އެކަމަށް ހައްލެއް ގެނައީ، ބޮޑު ހިލަ ޖަހައިގެންނެވެ. އޭގެ ފަހުން މިދިޔަ ތިން އަހަރުގެ ތެރޭގައި އެ މައްސަލަ މާ ބޮޑަށް ކުރިމަތި ނުވެ އޮވެފައި، ރަށް އާދަޔާ ހިލާފަށް ގިރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފައިނުގެ ބައެއް މީހުން ބުނާ ގޮތުގައި ކުރިން އެ ރަށަށް ބޮޑެތި ރާޅު އެރި ނަމަވެސް، ގޮނޑުދޮށުގައި ފަސްގަނޑު ހުންނަނީ ހިފެހެއްޓިފަ އެވެ. ހިމާޔަތަށް ހުންނަނީ ކާނި ގަސްތަކެވެ. އެކަމަކު މިހާރު ވަރަށް ޕްރެޝަރުގައި ރާޅު އަރާއިރު، ފައިބައިގެން ދަނީ ފަސްގަނޑު ކަނޑާލައިފަ އެވެ. މުލުން ގުޅި، ލާމެހިފައިވާ ބިޔަ ގަސްތަކަށް ވެސް ފަސްގަނޑު ސަލާމަތެއް ނުކުރެވެ އެވެ.

ފައިނު ކުރިން އޮތް ގޮތާއި މިހާރު އޮތް ގޮތް: އެ ރަށް މިހާރު ވަނީ ވަރަށް ބޮޑަށް ގިރާލާފައި

ފައިނު ކުރިން އޮތް ގޮތާއި މިހާރު އޮތް ގޮތް: އެ ރަށް މިހާރު ވަނީ ވަރަށް ބޮޑަށް ގިރާލާފައި

ރަށަށް ލިބިފައިވާ އާދަޔާހިލާފު ރީތިކަމާ އެކު ފައިނު މީހުން އެންމެ ފުރަތަމަ ބޭނުންވީ އެ ރީތިކަން ނުގެއްލޭނެ ފަދަ ގޮތަށް ބަނދަރު ހަދާށެވެ. އެގޮތުން 2011 ވަނަ އަހަރު، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ރަށުގެ ބަނދަރު ހަދަން ނިންމީ، އަތިރިމައްޗަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް، ރަށާ ތަންކޮޅެއް ދުރުގައި ބަނދަރެއް ކޮނެފައި، އޭގެ ބޭރުން ރިވެޓްމެންޓް ޖަހައި ފާލަމަކުން ރަށާ ގުޅުވާލާށެވެ. އެކަން ކުރީ ފައިނު ރައްޔިތުންގެ މަޝްވަރާގެ މަތިންނެވެ.

އެކަމަކު އެ މަޝްރޫއު ރަނގަޅަށް ފަށައި ނުގަނެވި އުޅެނިކޮށް، ސަރުކާރު ވެއްޓުމާ އެކު އެކަން ވެސް ހުއްޓުނީ އެވެ.

ރައްޔިތުން ބޭނުންވި މި ފަދަ ބަނދަރަކަށް، މިދިޔަ ސަރުކާރުން ތާއީދެއް ނުކުރެ އެވެ. އެހެންވެ، ކުރިން ކޮނުނު ތަން އޮތް ގޮތަށް ބާއްވާފައި، ފައިނުގެ އުތުރު ފަރާތުގައި ބަނދަރެއް ހެދީ އެވެ. ފައިނުގެ ބައެއް މީހުން ބުނިގޮތުގައި، އެގޮތަށް ބަނދަރު ހަދައިފި ނަމަ، އަތިރިމަތި ވަރަށް ބޮޑަށް ގިރާނެކަމުގެ އިންޒާރު އޭރު ވެސް ބައެއް ފަންނީ މީހުން ދިނެވެ.

ސަރުކާރުގެ ސަމާލުކަން ލިބިއްޖެ، އުއްމީދު ކުރަނީ ހައްލަކަށް

މީގެ ދޮޅު މަސް ކުރިން ފެށިގެން، ފައިނު ގިރަން ފެށުމާ އެކު އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް އެ ރަށުގެ ގިނަ މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކަމާ ގުޅޭ އިދާރާތަކަށް ފޮޓޯ އާއި ސިޓީ ފޮނުވައި ހާލަތު ކިޔައިދީ، ސޯޝަލް މީޑިއާގެ ޒަރީއާއިން މައުލޫމާތު އާއްމުކުރި އެވެ.

ނަސީރު ވިދާޅުވީ ރަށަށް ދިމާވެފައިވާ މި ކަންބޮޑުވުން ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މި ވަގުތުގެ އަމާޒު ހުރީ ވަގުތީ ހައްލަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މި ވަގުތު ނިންމާފައިވަނީ ގިރަމުންދާ ސަރަހައްދަށް، ގަސްތައް ދަށަށް ފަސް އަޅާށެވެ. އެހެން ސަރަހައްދަކުން ގެންނަ ވެލި އެތަނަށް އަޅައި، އަތިރިމަތި ކުރިން އޮތް ގޮތަށް ހަދަން ވަނީ ނިންމާފަ އެވެ.

ނަސީރު ވިދާޅުވީ ކަމާ ބެހޭ ފަންނީ ބޭފުޅުންގެ ލަފައާ އެއްގޮތަށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފައިނަކީ ތިމާވެއްޓާއި ރަށުގެ ފެހިކަމަށް ލޯބި ކުރާ ގިނަ ބަޔަކު އުޅޭ ރަށެކެވެ. މިދިޔަ ސަރުކާރުން އެ ރަށުގައި އަޅަން އުޅުނު އެއާޕޯޓަށް ވެސް ނޫނެކޭ ބުނެ، އެކަމާ ދެކޮޅަށް އިހުތިޖާޖް ކުރީ ރަށުގެ ފެހިކަން ގެއްލިޔަ ނުދިނުމަށެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ތަރައްގީގެ އެފަދަ މަޝްރޫއުތަކުން އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ.

އެކަން މިހާރު އެ މީހުން ދަނީ ތަހައްމަލު ކުރަމުންނެވެ. އެ މީހުންގެ ހުރިހާ ވެސް އެއްޗަކީ ރަށުގެ އަތިރިމައްޗެވެ. އެކަމަކު އެތަނުގެ ރީތިކަން ވެސް ގެއްލުނީ އެވެ.