Roadha Mihaaru
ޔާމީނަށް ކަފާލާތު ނުދެނީ އިންތިޚާބު ގާތްވުމުން:އިދިކޮޅު

ޔާމީން، ކަފާލާތުގެ ދަށުން ދޫނުކުރަނީ އިންތިޚާބު ގާތްވެފައި އޮތުމުން: އިދިކޮޅު

11 ޖެނުއަރީ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ނުކޮށް އުޅެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގާތްވެފައި އޮތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ނުކޮށް އުޅެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގާތްވެފައި އޮތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ހުކުމް ކޮށްފަ އެވެ.

އެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އިސްތިއުނާފްގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިިނިވަންކުރަން ވަނީ އެދިފަ އެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތް ކަމަށް މިދިޔަ ޑިސެމްބަރު 18 ގައި ހައި ކޯޓުން ބުނި ނަމަވެސް އެކަމާ މެދު އެ ކޯޓުން އަދިވެސް ގޮތެއް ނުނިންމަ އެވެ. އެހެންވެ، އެ މައްސަލައިގައި ހައި ކޯޓުން ގޮތެއް ކަނޑައެޅުން ލަސްވާތީ ޔާމީންގެ ގާނޫނީ ވަކީލުންނާއި ޕީޕީއެމް/ޕީއެންސީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މިއަދު ލޯކަލް ކައުންސިލް އިންތިޚާބު ބޯމައްޗަށް އޮތީމާ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލް ނުކޮށްގެން މި އުޅެނީ ވެސް. އަދި ކަފާލާތު ނުލިބިގެން މި އުޅެނީ ވެސް،" އަބްދުއްރަހީމް

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ސަރުކާރު އައިފަހުން ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ޔާމީން ބަންދުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އައިއިރު ވެސް ޔާމީން ހުންނެވީ ނުހައްގުން ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށާއި މިހާރު ޔާމީން ކަފާލާތުގެ ދަށުން މިނިވަންކޮށް ނުދީގެން އުޅެނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތުމުން ކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ލޯކަލް ކައުންސިލް އިންތިޚާބު ބޯމައްޗަށް އޮތީމާ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލް ނުކޮށްގެން މި އުޅެނީ ވެސް. އަދި ކަފާލާތު ނުލިބިގެން މި އުޅެނީ ވެސް،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ހައި ކޯޓުގައި އިސްތިއުނާފް އަޑުއެހުންތައް ފަށާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފް ކުރުމާ އެކު ކަފާލާތު ލިބެން ޖެހޭނެ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބާ ދިމާކޮށް ޔާމީން ބަންދުކުރީ ނުހައްގުން ކަން ހައި ކޯޓުން އޭރު މައްސަލަ ނިމުނު ގޮތުން ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބައެއް ބޭފުޅުންނަށް ވަރަށް ފަސޭހައިން ކަފާލާތު ލިބިފައިވާ ކަމަށާއި އެކަމަކު ޔާމީނަށް މިހާތަނަށް ވެސް އެ ފުރުސަތު ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އިންތިޚާބެއް ކައިރިވުމުން ނުހައްގުން ޖަލުގައި އެމަނިކުފާނު ގެންގުޅުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.