07 ޖެނުއަރީ 2020
މެންޗެސްޓާ (ޖެނުއަރީ 7) – އޮތް ހަމައެކަނި އޮފާއަކީ މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުން ކަމަށް ވިޔަސް އެ ފުރުސަތުގެ ބޭނުން ނުހިފާނެ ކަމަށާއި އެ ހާލަތުގައި އޭނާ ދާނީ ޗުއްޓީއަކަށް ދިވެހިރާއްޖެ އަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެންޗެސްޓާ (ޖެނުއަރީ 7) – އޮތް ހަމައެކަނި އޮފާއަކީ މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުން ކަމަށް ވިޔަސް އެ ފުރުސަތުގެ ބޭނުން ނުހިފާނެ ކަމަށާއި އެ ހާލަތުގައި އޭނާ ދާނީ ޗުއްޓީއަކަށް ދިވެހިރާއްޖެ އަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ދުނިޔޭގައި އުފެދުނު އެންމެ ވިސްނުންތޫނު އަދި އެންމެ ކާމިޔާބު އެއް ކޯޗު ގާޑިއޯލާ އަކީ، އެލެކްސް ފާގަސަން 2013 ވަނަ އަަހަރު ރިޓަޔާކުރުމުން މެންޗެސްޓާ ޔުނައިޓެޑުން ގެންނަން ބޭނުންވި ކޯޗެކެވެ. އެކަމަކު ބާސެލޯނާ އިން ވަކިވެ އެ ދުވަސްވަރު ހުސްކޮށް ހުރި ގާޑިއޯލާ ވަނީ ފާގަސަން ވަކިވިއިރު ބަޔާން މިއުނިކާ ހަވާލުވާން އެއްބަސްވެފަ އެވެ.
ފާގަސަން އަށް ފަހު ޔުނައިޓެޑުގައި އަދިވެސް ކޯޗަކު ރަނގަޅަށް ހަރުލެއްވޭ ގޮތެއް ނުވެ އެވެ. ޑޭވިޑް މޮއިސް އާއި ލުއިސް ވެން ހާލް އާއި ހޯސޭ މޮރީނިއޯ އަދި މިހާރު ހުރި އޮލެ ގުނަ ސޯލްޝެއާ އަށް ވެސް ފާގަސަން ހިނގި މަގާ ގާތަށް ވެސް ނުދެވެ އެވެ. އެހެންވެ ޔުނައިޓެޑުން ދެން ކޯޗަކު ހޯދާއިރު ގާޑިއޯލާއާ މެދު ވިސްނާނެ ކަމަށް ބެލެވެ އެވެ.
އެކަމަކު ގާޑިއޯލާ ދެކޭ ގޮތުގައި އިންގްލެންޑުގެ އެންމެ ޝަރަފްވެރި އެއް ކްލަބް ކަމަށްވާ ޔުނައިޓެޑުގެ ވާދަވެރިޔާ މެންޗެސްޓާ ސިޓީގައި މަސައްކަތްކޮށްފައިވާތީ އޭނާ ޔުނައިޓެޑަށް ކޯޗުކޮށްދެވޭނެ ގޮތެއް ނޯންނާނެ އެވެ.
"އަހަންނަށް އެއްވެސް އޮފާއެއް ލިބިފައިނެތިއްޔާ އަހަރެން ހުންނާނީ ދިވެހިރާއްޖޭގައި. ފަހަރެއްގައި ރާއްޖޭގައެއް ނޫން އެއީ އެތަނުގައި ގޮލްފް ކޯހެއް ނޯންނާތީ. އެކަމަކު (ޔަގީނުން ވެސް) ސިޓީގައި މަސައްކަތްކުރުމަށް ފަހު އަހަރެން ޔުނައިޓެޑުގައި މަސައްކަތް ނުކުރާނަން. (ބާސެލޯނާގައި މަސައްކަތްކޮށްފައިވާތީ) ރެއާލް މެޑްރިޑުގައި ވެސް މަސައްކަތްނުކުރާނެ ބީދައިން،" އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގައި މިރޭ އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
ދެ ޓީމުގެ ކާމިޔާބީ އާއި ދެ ޓީމު ދުނިޔޭގެ ފުޓްބޯޅައިގައި އޮތް ހިސާބަށް ބަލާއިރު ޔުނައިޓެޑާއި ސިޓީއާ ދެމެދު އޮތީ ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެމެދު އޮތް ފަދަ ވާދަވެރި ކަމެއް ނޫނެވެ. އެކަމަކު އަރަބި މަހުޖަނުން ހަވާލުވެ ސިޓީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރަކަށް ހަދައި މިވަގުތު އެ ޓީމު އޮތީ ޔުނައިޓެޑަށް ވުރެ ހުރިހާ ގޮތަކުން ވެސް މަތީގަ އެވެ. އެހެންވެ ޔުނައިޓެޑް އަލުން އަނބުރާ އިނގިރޭސި ފުޓްބޯޅައިގެ އުހަށް އަރާ ނަމަ ވާދަކުރަން އޮތް އެއް ޓީމަކީ ވެސް ސިޓީ އެވެ. އެހެންވެ ސިޓީ އެހިސާބަށް ގެންދިއުމަށް އެހީތެރިވެފައި ދެން ގާޑިއޯލާ ގޮސް އަލުން ޔުނައިޓެޑާ ހަވާލުވުން އޭނާ އަށް އައިބު ކަމަކަށްވަނީ އެވެ.
ގާޑިއޯލާ (ކ) ސިޓީގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: އޭއެފްޕީ
އެހެންވެ ޔުނައިޓެޑާ ހަވާލުވުމަށް ވުރެ، ވަޒީފާއެއް ނެތި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުން ނުވަތަ އެހެން ތަނެއްގައި ގޮލްފް ކުޅެން ހުރުން ވެސް ގާޑިއޯލާ އަށް މާ ހިތްހަމަޖެހޭ ކަމަކަށްވަނީ އެވެ. ފުޓްބޯޅައިގެ ޕްރެޝަރު ބޮޑުވެ ސިކުނޑި އަށް ހާސްކަން ވެރިވުމުން ގާޑިއޯލާ އެ ހާސްކަން ފިލުވާލަން އެންމެ ފަހުން އިހުތިޔާރުކުރީ ވެސް ރާއްޖެ އެވެ. އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ބައިނަލްއަގްވާމީ މެޗުތަކަށް އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމުން ލިބުނު ކުރު މުއްދަތުގައި ރާއްޖެ އައިސްފަ އެވެ.
އާއްމުކޮށް ޔޫރަޕުން ދިގު ދަތުރަކަށް ފަހު ކުޅުންތެރިންނާއި ކޯޗުން ރާއްޖެ އަންނަނީ ފިނި މޫސުން ނުވަތަ އޮފް ސީޒަނަށް އެކަށީގެންވާ ޗުއްޓީއެއް ލިބުމުންނެވެ. ގާޑިއޯލާ ވެސް ކުރިން ސީޒަނުގެ މެދުތެރެއިން ލިބޭ ބްރޭކުތަކުގައި ޗުއްޓީ ހޭދަކުރަންދަނީ މެޑިޓްރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ ސްޕެއިނުގެ އިބީޒާ ނޫނީ މާބެއްލާ އަށެވެ. ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ސްޕެއިން ގައުމީ ޓީމުގެ މެޗުތައް ބަލާލާށެވެ. އެކަމަކު މިދިޔަ އަހަރު ސިޓީގެ ނަތީޖާތައް ދަށްވެ ހާސްކަމާ ކުރިމަތިލާން ޖެހުމުން 11 ގަޑިއިރުގެ ދަތުރަކަށް ފަހު އޭނާ އައީ ރާއްޖެ އަށެވެ.
ސްޕެއިނަށް އުފަން ގާޑިއޯލާ އަކީ ޔޮހާން ކްރައިފްގެ ކޯޗުކަމުގައި ބާސެލޯނާގައި 1990-2011 އަށް ވިދާލި މިޑްފީލްޑަރެކެވެ. އެ ކްލަބާ އެކު ސްޕެނިޝް ލީގު ހަ ފަހަރު އަދި ޔޫރަޕިއަން ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ. ސްޕެއިން ގައުމީ ޓީމަށް 1992-2001 އަށް ކުޅެ 1992 ވަނަ އަހަރު ބާސެލޯނާ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި އެވެ.
މޮޅަށް ކުޅޭ ކުޅުނަސް މޮޅު ކޯޗަކަށް ނުވެވޭނެ ކަމަށް ބުނެވޭ ބަސް ގާޑިއޯލާ ވަނީ ކޯޗެއްގެ ގޮތުގައި ނުކުމެ ދޮގުކޮށްފަ އެވެ. ބާސެލޯނާގެ ޔޫތު ޓީމަށް އަހަރެއްހާ ދުވަހު ކޯޗުކޮށްދިނުމަށް ފަހު 2008 ގައި ސީނިއާ ޓީމާ ހަވާލުވި އެވެ. ލިއޮނަލް މެސީ އާއި ޒަވީ ހެނާންޑޭޒް އަދި އަންދްރޭ އިނިއެސްޓާ ފަދަ ކުޅުންތެރިންނާ އެކު އޭނާ ބާސެލޯނާ އަށް ޖެހިޖެހިގެން ތިން އަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދިނެވެ. އޭގެ ފަހުން ބަޔާން މިއުނިކާ ހަވާލުވެ އެ ޓީމަށް ޖަރުމަން ލީގު ތިން ފަހަރު ކާމިޔާބުކޮށްދިނެވެ.
ބަޔާން ދޫކޮށްލުމަށް ފަހު އޭނާ ސިޓީއާ ހަވާލުވީ 2016 ގަ އެވެ. އެ ޓީމަށް ޕްރިމިއާ ލީގު މިދިޔަ ދެ އަހަރު ކާމިޔާބުކޮށްދިން ނަމަވެސް މި ފަހަރުގެ ނަތީޖާތައް ދަށްވުމާ އެކު މި ސީޒަނަށް ފަހު ސިޓީން ވަކިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އޭނާ އަންނަ ސީޒަނުގައި އަލުން ބާސެލޯނާއާ ހަވާލުވުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ ކުރިން ބާސެލޯނާ އިން ވަކިވެ ބަޔާން މިއުނިކާ ހަވާލުވުމުގެ ކުރިން ނެގި ގޮތަށް އެއް އަހަރުގެ ބްރޭކެއް ނެގުމުގެ ފުރުސަތު އެބައޮތެވެ. އެ ފަހަރު އޭނާ އަހަރެއްހާ ދުވަސް ހޭދަކުރީ އެމެރިކާގަ އެވެ. މި ފަހަރު ބްރޭކެއް ނަގައިފިއްޔާ ދުވަސްތައް ހޭދަކުރާނީ ރާއްޖޭގައި ބާވަ އެވެ؟ ފުޓްބޯޅަ އަށް ފަހު ގާޑިއޯލާ އެންމެ ގަޔާވާ ކުޅިވަރު ކަމަށްވާ ގޮލްފް ކުޅެން އޭނާ ހިތްހަމަޖެހޭ ވަރުގެ ގޮލްފް ކޯހެއް އޮތް ނަމަ، އެއީ ވުން ވަރަށް ގާތްކަމެކެވެ.
"ފޮޑެން އަކީ ޕްރިމިއާ ލީގުގެ އެންމެމޮޅު ކުޅުންތެރިޔާ"
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ އަށް
"ޔުނައިޓެޑާ ހަވާލުވެވުމުން ހިތާމައެއް ނުކުރަން"
ޔުނައިޓެޑް ބަލިވިއިރު ރޮނާލްޑޯއަށް އެހީ ނުވެވުނު
"ސިޓީ ނޫނީ ޔުނައިޓެޑްގެ ރެކޯޑަށް ނިމުމެއް އަންނާނެ"
ޔުނައިޓެޑާ އޮތީ ހީކުރި ވަރަށް ވުރެ ބޮޑު ދުރުމިނެއް
ފުރަތަމަ ލެގުން ޔުނައިޓެޑް ބަލިވިޔަސް ކޯޗު އުއްމީދުގައި
ޔުނައިޓެޑް ދަނޑުގައި ކުޅެން ޖެހިލުމެއްނުވޭ: ގާޑިއޯލާ
މޮރީނިއޯގެ ވާހަކަތަކަށް ގާޑިއޯލާ ރައްދުދީފި