Roadha Mihaaru
ޔުނައިޓެޑް ދަނޑުގައި ކުޅެން ޖެހިލުމެއްނުވޭ: ގާޑިއޯލާ

ޔުނައިޓެޑް ދަނޑުގައި ކުޅެން ޖެހިލުމެއްނުވޭ: ގާޑިއޯލާ

24 އެޕްރީލް 2019

މެންޗެސްޓާ (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މޮޅުވުން މަޖުބޫރު މެޗަކަށް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ދަނޑުގައި ކުޅެން މިހާރު ޖެހިލުންނުވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މޮޅުވުން މަޖުބޫރު މެޗަކަށް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ދަނޑުގައި ކުޅެން މިހާރު ޖެހިލުންނުވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ މި ވަގުތު ލީގުގެ ދެ ވަނައިގައި އޮތީ 34 މެޗުން 86 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ 35 މެޗުން 88 ޕޮއިންޓް ހަމަކޮށްގެންނެވެ. ސިޓީން މިރޭ ވާދަވެރި ޔުނައިޓެޑްގެ ދަނޑުގައި މޮޅުވެގެން އެއް ވަނަ އަށް އެރޭނެ އެވެ.

ޔުނައިޓެޑް ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ސިޓީ ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ގާޑިއޯލާ ބުނީ ޔުނައިޓެޑް ދަނޑުގައި ސިޓީ ޖެހިލުންވެ ތިބެ ކުޅުނު ދުވަސްތައް މިހާރު މާޒީވެފައިވާ ކަމަށެވެ.

"ކުރިން ވެފައި ހުރި ކަންތައްތައް އަހަރެން ދިރާސާނުކުރަން. އެއީ މާޒީ. މިހާރު މި އޮތީ މީގެ 10 އަހަރު ކުރިން އޮތް ސިޓީ ޓީމެއް ނޫން. މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މި ޓީމު ކުރިއަރައިގެން ދިޔައީ ވަރަށް ބާރަށް. ސިޓީ މިހާރު ދައްކާ ކުޅުން އެކަމަށް ހެކިދޭނެ. ހަގީގަތަކީ މިހާރު އޮތް ސިޓީ ޓީމެއް ޔުނައިޓެޑް ދަނޑުގައި އަސްލު ކުޅުން ދައްކަން ޖެހިލުމެއް ނުވާނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

ސިޓީން ޕްރިމިއާ ލީގު ހޯދުމަށްޓަކައި ބާކީ އޮތް ހަތަރު މެޗުން މޮޅުވާންޖެހޭ ކަމަށާއި ގިނަ ބަޔެއްގެ ނަޒަރުގައި އެންމެ އުނދަގޫވާނީ ޔުނައިޓެޑް މެޗު ކަމަށް ވިޔަސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ގާޑިއޯލާ ދެކެ އެވެ.

"ނަމާއި މަޝްހޫރުކަމާއި ކާމިޔާބީ އަށް ބަލާއިރު އެންމެ ވަރުގަދަ ޓީމަކާ ދެން އަހަރެމެން ކުޅެން އޮތީ މެންޗެސްޓާ ޔުނައިޓެޑާ. އެކަމަކު އެހެން ޓީމުތައް ވެސް ވަރުގަދަ ޗެލެންޖެއް ދޭނެ. ބާންލީ، ލެސްޓާ އަދި ބްރައިޓަން މިއީ ވެސް ފަސޭހަ މެޗުތަކެކޭ އަހަރެން ނުބުނާނަން،" ގާޑިއޯލާ ބުންޏެވެ.

"ލީގު ހޯދާނަމަ އެއްވެސް ޕޮއިންޓެއް ގެއްލުވާލައިގެން ނުވާނެ. ލިވަޕޫލް އޮތީ ވިއްދާފައި."

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ބަލިވިއިރު، މިއީ 1989 ވަނަ އަަހަރަށް ފަހު އެ ޓީމުގެ ނަތީޖާތައް މި ގޮތަށް ނުކުތް ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން އެވަޓަން އަތުން 4-0 އިން ބަލިވުމުން ޔުނައިޓެޑުން ގަދަ ހަތަރެއްގެ ތެރޭގައި ނިންމަން ކުރަން ޖެހޭ މަސައްކަތް ވަނީ އިތުރުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސޯލްޝެއާ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސޯލްޝެއާ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އެ ކްލަބް ކާމިޔާބު ހޯދަން ކުރާ މަސައްކަތުގައި އޭނާއާ ބައިވެރިވާން ތިބި ކުޅުންތެރިންނަށް މަރުހަބާކިޔާނެ ކަމަށާއި އެކަމަކު ޓީމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެން އަމިއްލަ ނަފްސަށް އިތުބާރު އެބައޮތް. މި ޓީމުގެ ކިބައިން އަހަންނަށް ފެނޭ އުއްމީދީ މަންޒަރުތައް. ޔަގީނުން ވެސް މީގެ ތެރެއިން ކުޅުންތެރިންތަކެއް ދާނެ. ޓީމު ރަނގަޅުކުރަން ޖެހޭ. އެ މަސައްކަތުގައި ނިންމަންޖެހޭ ކޮންމެ ނިންމުމެއް އަހަރެން ނިންމާނަން،" ސޯލްޝެއާ ބުންޏެވެ.

ސިޓީ ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. އެ ޓީމާ ދެކޮޅަށް މި ވަގުތު ޔުނައިޓެޑް ނުކުތުމަކީ ސޯލްޝެއާގެ ނަޒަރުގައި ރަނގަޅު ޗެލެންޖެކެވެ.

"އަހަރެމެން މިހާރު މި ތިބި ހާލަތުން ކަންތައްތަކެއް ބަދަލުކުރަން ބޭނުންވާނެނަމަ މިއީ އެންމެ ފަހި ފުރުސަތު. ސިޓީ އަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެމެން މި ފަަދަ ޗެލެންޖެއް ނަގައިގެން ޓީމުގެ އިތުބާރު ބޮޑުކުރެވޭނީ،" ސޯލްޝެއާ ބުންޏެވެ.

ރޭ ޓޮޓެންހަމް ކުޅުނު މެޗުން ބްރައިޓަން އަތުން 1-0 އިން މޮޅުވެ އެ ޓީމު ވަނީ ތިން ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ވަގުތު ހަ ވަނައިގައި އޮތް ޔުނައިޓެޑް މިރޭ ސިޓީ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ހަތަރު ވަނަ އަށް އެރޭނެ އެވެ.

އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ސިޓީގެ ބެލްޖިއަމް ޕްލޭމޭކަރު ކެވިން ޑިބްރޭނާ ނުކުޅޭނެ އެވެ. އަނެއްކޮޅުން ޔުނައިޓެޑުން ވެސް ވަނީ ޓީމަށް ބަދަލުތަކެއް ގެންނަން ނިންމައިފަ އެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.