Roadha Mihaaru
ވާރެއާ އެކު އޮސްޓްރޭލިއާގެ އަލިފާންގަނޑަށް މަޑުޖެހުމެއް

ވާރެއާ އެކު އޮސްޓްރޭލިއާގެ އަލިފާންގަނޑަށް މަޑުޖެހުމެއް

06 ޖެނުއަރީ 2020

ސިޑްނީ (ޖެނުއަރީ 6) - އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންޑު، ހިމަފޮދު ވާރެއާ އެކު، ކޮންޓްރޯލް ކުރަން އުއްމީދެއް ލިބިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިޑްނީ (ޖެނުއަރީ 6) - އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންޑު، ހިމަފޮދު ވާރެއާ އެކު، ކޮންޓްރޯލް ކުރަން އުއްމީދެއް ލިބިއްޖެ އެވެ.

ނަމަވެސް އޮފިޝަލުން ވަނީ ފިނިހޫނުމިން ދަށަށް ދިޔަ ނަމަވެސް، އަނެއްކާވެސް ހުޅުގަނޑު ބޮޑުވެދާނެ ކަމަށް ބުނެފަ އެވެ. އީސްޓް ކޯސްޓުގެ ސިޑްނީން މެލްބަން އަށް ހިމަފޮދު ވާރޭ ވެހެން ފެށި އިރު، ނިއު ސައުތު ވޭލްސްގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެން ވެސް ވަނީ ފަށައިފަ އެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ހުއްޓުމެއް ނެތި އަނދަމުންދާ އަލިފާންގަނޑުގައި އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީ ދިނުމުގައި އޮފިޝަލުން އަންނަނީ އަވަދިނެތި ހަރަކާތްތެރިވަމުންނެވެ. ބޮޑެތި ސިޓީތަކުގެ ޖައްވު ވަނީ ބޯދުމުން ކިލަނބުވެފަ އެވެ.

ނިއު ސައުތު ވޭލްސްގެ ޖަންގަލީގައި އަނދަމުންދާ އަލިފާނުގައި މިއަދު ދުން އަރަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ސައުތު ވޭލްސްގެ ޖަންގަލީގައި އަނދަމުންދާ އަލިފާނުގައި މިއަދު ދުން އަރަނީ. --ފޮޓޯ:އޭއެފްޕީ

އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކަށް ވާރޭވެހެން ފެށުމާ އެކު މިއަދު ވަނީ އެލާޓް ލެވެލް ދަށްކޮށްފަ އެވެ.

ހަނަފަސްކަމާއި ހޫނުމޫސުމުގައި އޮސްޓްރޭލިއާގައި އަބަދުވެސް ޖަންގަލިތަކުގައި ރޯވެ އެވެ. އެކަމަކު މި އަހަރު އެ އެނދުން އާދަޔާ ހިލާފަށް ވަނީ ބޮޑުވެފަ އެވެ.

ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެފައި ވަނީ އަލިފާން ނުނިވި މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށެވެ.

އަލިފާނުގައި މިހާތަނަށް ވަނީ 24 މީހުން މަރުވެފަ އެވެ. އެނދި ގެދޮރުގެ އަދަދު 2،000 އަށް ވުރެ މައްޗަށް އަރަ އެވެ.

ވެރިރަށް ކެންބަރާގެ ވައިގެ ކޮލިޓީ މިހާރު ވަނީ ވަރަށް ގޯސް ހާލަތަކަށް ވެއްޓިފަ އެވެ.