Roadha Mihaaru
ޕޮގްބާއާ އެއްވެސް މައްސަލައެއް ނެތް: ސޯލްޝެއާ

ޕޮގްބާއާ އެއްވެސް މައްސަލައެއް ނެތް: ސޯލްޝެއާ

04 ޖެނުއަރީ 2020

ލަންޑަން (ޖެނުއަރީ 4) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާ އޭނާއާ ދެމެދު އެއްވެސް ދެބަސްވުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 4) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާ އޭނާއާ ދެމެދު އެއްވެސް ދެބަސްވުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ސެޕްޓެމްބަރު ފަހުކޮޅު ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށް ފަހު ޕޮގްބާ އެނބުރި އައީ ވެސް މިދިޔަ މަހު އެވެ. އެނބުރި އައިސް ދެ މެޗެއްގައި ކުޅުމަށް ފަހު އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ދެ މެޗުގައި ޕޮގްބާ ނުކުޅެ އެވެ. ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާގެ ފާޑުކިޔުން ޔުނައިޓެޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޕޮގްބާ އަނެއްކާ މި ވަނީ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހި ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ.

ސޯލްޝެއާ ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ޕޮގްބާގެ ގާތް ފަރާތްތަކުން އޭނާ އަށް ލަފާދިނީ އޮޕަރޭޝަނެއް ކުރަން ކަމަށް ބުނެފަ އެވެ. ޕޮގްބާގެ އެ ގާތް ފަރާތްތަކަކީ ކްލަބާ ގުޅުމެއް ނެތް ބައެއްތޯ ސުވާލުކުރުމުން ސޯލްޝެއާ ބުނީ އޭނާ ދެއްކި ވާހަކައިގެ މާނަ ބަޔަކަށް އޮޅުނީ ކަމަށެވެ.

"އެކަން އެހެން ވެދާނެ އަހަރެންގެ އިނގިރޭސި އެހާ ރަނގަޅުނުވީމަ. ކޮންމެ މީހެއްގެ ވެސް ތިބޭނެ އެ މީހަކު އިތުބާރުކުރާ ބަޔަކު. އެ ގޮތަށް އަހަރެންގެ އެބަތިބި މީހުން ނޯވޭ އާއި ސްވިޑަންގައި. އެގޮތަށް ޕޮގްބާގެ ވެސް ތިބޭނެ އޭނަ އިރުބާރުކުރާ ބަޔަކު. މި ދަނޑިވަޅުގައި އަހަރެން އެ މީހުންނޭ ބުނީ ޕޮގްބާ އިތުބާރުކުރާ ޑޮކްޓަރަށް ނިސްބަތްކޮށް،"

"ކުރިން ވެސް އަހަރެން ބުނިހެން ޕޮގްބާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް. އޭނާއާ އަހަންނާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް. ދެ މީހުންގެ މިސްރާބު ހުރީ ވެސް އެއް ދިމާލަކަށް އެއީ މި ޓީމަށް ކާމިޔާބު ހޯދައިދޭން."

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުން އާސެނަލް އަތުން ބަލިވެފައިވާއިރު، އެފްއޭ ކަޕްގައި މިރޭ ރަށުން ބޭރުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަަށެވެ. ސޯލްޝެއާ ބުނީ ވުލްވްސް އަކީ ޖެހިލުންވާންޖެހޭ ފަދަ ޓީމެއް ކަމަށެވެ.

"މިއީ އަހަރެން ވުލްވްސް ދަނޑަށްދާ ހަތަރު ވަނަ ފަހަރު. އަދި އަހަންނަށް މޮޅެއް ނުލިބޭ. ލިވަޕޫލް މިދިޔަ ސީޒަނުގައި އެ ދަނޑުގައި ވުލްވްސް އަތުން ބަލިވި. މީގެ ދުވަސްކޮޅެއް ކުރިން މެންޗެސްޓާ ސިޓީ ބަލިވެއްޖެ. އެހެންވީމަ އަހަރެމެންނަށް ވެސް މިއީ ފަސޭހައިން މޮޅުވެވޭނެ މެޗެއް ނޫން. މޮޅުވުން ހައްގުވާ ވަރުގެ ކުޅުމެއް ދައްކަންޖެހޭ،" ސޯލްޝެއާ ބުންޏެވެ.

މިރޭގެ މެޗުގައި ޔުނައިޓެޑުން އެ ޓީމުގެ 18 އަހަރުގެ ފޯވާޑް މޭސަން ގްރީންވުޑާއި ބަދަލު ކީޕަރު ސާޖިއޯ ރޮމޭރޯ އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. ވުލްވްސްގެ މޮލިނިއޭކްސް ސްޓޭޑިއަމްގައި ކުޅޭ މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.