Roadha Mihaaru
ޕޮގްބާ ދާން ބޭނުންވާނަމަ ނުހުއްޓުވާނަން: ރަންގްނިކް

ޕޮގްބާ ދާން ބޭނުންވާނަމަ ނުހުއްޓުވާނަން: ރަންގްނިކް

11 ޑިސެމްބަރ 2021

މެންޗެސްޓާ (ޑިސެމްބަރު 11) - އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ޓީމު ދޫކޮށްލަން ބޭނުންވާނަމަ އޭނާ ބަހައްޓަން މަސައްކަތް ނުކުރާނެ ކަމަށް އެ ކުލަބުގެ އާ ކޯޗު ރާލްފް ރަންގްނިކް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޑިސެމްބަރު 11) - އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ޓީމު ދޫކޮށްލަން ބޭނުންވާނަމަ އޭނާ ބަހައްޓަން މަސައްކަތް ނުކުރާނެ ކަމަށް އެ ކުލަބުގެ އާ ކޯޗު ރާލްފް ރަންގްނިކް ބުނެފި އެވެ.

ޔުނައިޓެޑުގެ އެކަޑަމީން ތަމްރީނު ވެގެން ސީނިއާ ޓީމަށް ފުރަތަމަ ކުޅެން ފެށި ޕޮގްބާ، ފާހަގަ ވާން ފެށީ އޭނާ ޔުވެންޓަސް އަށް ކުޅުނު ދުވަސްވަރު އެވެ. އޭގެ ފަހުން އޭނާ އަލުން ޔުނައިޓެޑަށް ބަދަލުވީ 105 މިލިއަން ޔޫރޯގެ ޓްރާންސްފާގެ އަގަކަށެވެ.

ފްރާންސްއާ އެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި، މިހާރު އުމުރުން 28 އަހަރުގެ ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، ކޮންޓްރެކްޓް އާ ނުކޮށްފި ނަމަ ހިލޭ ޓްރާންސްފާއެއްގައި އެހެން ކުލަބަކާ ގުޅުމުގެ ފުރުސަތު ލިބޭނެ އެެވެ. އޭނާ ޔުވެންޓަސް އަށް ވެސް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

"އަހަރެން ނުބުނާނަން އޭނާއަކީ ފޮނުވާލާ ވަރުގެ ކުޅުންތެރިއެކޭ، އެކަމަކު ކުލަބުގައި ހުންނަންވާނީ ކުޅުންތެރިޔާ ވެސް ބޭނުން ވާނަމަ. މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ކުލަބެއްގައި ކުޅެން ބޭނުން ނުވާ ކުޅުންތެރިއަކު ދިޔަ ނުދީ ހިފަހައްޓަން އުޅުމުގެ މާނައެއް ނެތް،" ރަންގްނިކް ބުންޏެވެ.

"އޭނާ [ޕޮގްބާ] އެނބުރި އައިސް، ޓީމާއެކު ފުރިހަމައަށް ފިޓްވެ ޓްރެއިނިންތައް ވެސް ކުރިއަށް ގެންދެވޭ ވަރު ވީމަ ދެން އެނގޭނީ."

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ޕޮގްބާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އޭނާއަށް އަނިޔާވީ މީގެ މަހެއްހާ ދުވަސް ކުރިން ގައުމީ ޓީމާއެކު ޕްރެކްޓިސް ކުރަނިކޮށެވެ.

ޔުނައިޓެޑަށް އެނބުރި އައިސް މިވީ ފަސް އަހަރުތެރޭ ހޯސޭ މޮރީނިއޯ އާއި އޮލެ ގުނަ ސޯލްޝެއާ އަށް ވަނީ އޭނާގެ ބޭނުން އެ ޓީމުގައި އެންމެ ރަނގަޅަށް ހިފޭގޮތް ނުވެފަ އެވެ. ޕޮގްބާގެ ކޮންޓްރެކްޓް ހަމަވާން ކުޑަތަންވެފައިވާ އިރު، ޓީމާ އަލަށް ހަވާލުވި ރަންގްނިކް އޭނާގެ ޕްލޭނަށް ޓީމު ބައްޓަން ކުރަމުން ދާއިރު، ޕޮގްބާ ކުލަބުގެ ކުރިމަގާމެދު އަވަހަށް ގޮތެއް ނިންމުން ވަނީ މުހިއްމުވެފަ އެވެ.

"އަހަރެން ޖެހޭ އޭނަ [ޕޮގްބާ] ދެނެގަންނަން. ވާހަކަ ދައްކަން ޖެހޭނެ، އެއީ ފިޒިކަލީ މުޅިން ފިޓްކޮށް ހުންނަން ޖެހޭ. އަހަރެމެން ކުޅެން ބޭނުންވަނީ ހައި އިންޓެންސިޓީ ފުޓުބޯޅައެއް،" ރަންގްނިކް އިތުރަށް ބުންޏެވެ.

"މިހާރު ބޭނުންވަނީ އޭނަ ފިޓްކޮށް އަލުން ކުޅެވޭވަރު ކުރާނީ ކިހިނެއްތޯ ބަލަން. އަހަންނަށް ޔަގީން އޭނާއަށް ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވެވޭނެކަން. އަހަރެންނަކީ ހަމައެކަނި ޕޮގްބާގެ ކޯޗެއް ނޫން. ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވެސް ކޯޗު."

ޔުނައިޓެޑްގެ ފޯވަޑް އެންތަނީ މާޝިއަލް، 26، އަށް ކުޅުމުގެ ފުރުސަތު ނުލިބޭތީވެ، މި ޖެނުއަރީގައި ޓީމު ދޫކޮށްލަން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ވަނީ ހާމަކޮށްފަ އެވެ. ރަންގްނިކުގެ ދެ މެޗުގައި ވެސް މާޝިއަލް ބޭނުންކޮށްފައި ނުވާއިރު، މިދިޔަ ހަފްތާގެ ޓްރެއިނިންގައި އޭނާއަށް ކުޑަވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑުން މިރޭ ރާއްޖެ ގަޑިން 10:30 ގައި ރަށުން ބޭރުގައި ނުކުންނާނީ، ލީގު ފުލުގައި އޮތް ނޯވިޗް ސިޓީއާ ދެކޮޅަށެވެ.