Roadha Mihaaru
ހެމާގެ ލޯބީގެ ފިލްމެއް އަންނަ މަހު ސިނަމާތަކަށް

ހެމާ މާލިނީގެ ލޯބީގެ ފިލްމެއް އަންނަ މަހު ސިނަމާތަކަށް

28 ޑިސެމްބަރ 2019

ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީގެ ފިލްމެއް އަންނަ މަހު ސިނަމާތަކުގައި އަޅުވަން ނިންމައި، އޭގެ ޓްރެއިލާ ވެސް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީގެ ފިލްމެއް އަންނަ މަހު ސިނަމާތަކުގައި އަޅުވަން ނިންމައި، އޭގެ ޓްރެއިލާ ވެސް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

މިއީ، މީގެ ފަސް ވަރަކަށް އަހަރު ކުރިން މަސައްކަތް ނިމި، އެކަމަކު ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައިވާ ރޮމޭންޓިކް ކޮމެޑީ "ޝިމްލާ މިރުޗީ" އެވެ. ފިލްމުގައި އުމުރުން 71 އަހަރުގެ ބަތަލާ ފެންނާނީ ރާޖްކުމާރު ރާއޯ އާއި ރަކުލް ޕްރީތު ސިންގްއާ އެކު އެވެ.

ހިންދީ ސިނަމާގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު އަދި "ޝޯލޭ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ރަމޭޝް ސިއްޕީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ހެމާ ފެންނާނީ ޒުވާން އަންހެން ދަރިފުޅުގެ ލޯބިވެރިޔާއާ ދެކެ ލޯބިވެވޭ މައެއްގެ ރޯލުންނެވެ.

މިއީ މިކަހަލަ ރޯލަކުން ހެމާ ފެންނަ ފުރަތަމަ ފަހަރެވެ. އެހެންވެ، އަންނަ ޖެނުއަރީ މަހުގެ ތިނަކަށް ތާވަލް ކޮށްފައިވާ "ޝިމްލާ މިރުޗީ" ވާނީ ހެމާގެ ފޭނުން ވަރަށް އިންތިޒާރުކުރާނެ ފިލްމަކަށެވެ. މިއީ، 1995 ގެ "ޒަމާނާ ދީވާނާ" އަށް ފަހު ރަމޭޝް ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި މަތޫރާ ދާއިރާގެ މެމްބަރުކަން ވެރިކަންކުރާ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ދެވަނަ ދައުރަކަށް އަދާކުރަމުން އަންނަ ހެމާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2017 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "ގޯތަމީޕުތުރާ" އިންނެވެ.

އަދި މިހާރު ވެސް ރިލީޒް ނުވެ އޮތް ހެމާގެ ހިންދީ ފިލްމެއް އެބަ އޮތެވެ. އެއީ މިދިޔަ އަހަރު ބޭއްވި 49 ވަނަ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގައި (އައިއެފްއެފްއައި) ގައި ޕްރިމިއާކުރި "އޭކް ތީ ރާނީ އެއިސީ ބީ" އެވެ.

ހެމާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ އަންހެނުންނެވެ. އަދި ކުރީގެ ބަތަލާ އީޝާ ޑިއޯލްގެ މަންމަ އެވެ. ހެމާގެ މިހާރު ތިން މާމަ ކުދިން ތިބެ އެވެ.