Roadha Mihaaru
އެކްސިޑެންޓްވި ދިވެހި މީހާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފި

ތައިލެންޑް އެކްސިޑެންޓްގައި ޒަހަމްވި މީހާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފި

25 ޑިސެމްބަރ 2019

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދިވެހި މީހާގެ ފުރާނަ ސަލާމަތްކުރަން ބޮލުގެ ބޮޑު އޮޕަރޭޝަނެއް އިއްޔެ ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދިވެހި މީހާގެ ފުރާނަ ސަލާމަތްކުރަން ބޮލުގެ ބޮޑު އޮޕަރޭޝަނެއް އިއްޔެ ކޮށްފި އެވެ.

އަހުމަދު ސައީދު، 44، ގެ އާއިލާއާ ގާތް މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ އޭނާގެ ކަނދުރާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރި ކަމަށާއި އެކަމަކު ކަނދުރާގެ އޮޕަރޭޝަން ކުރެވޭނީ ހާލަތަށް އަންނަ ބަދަލަށް ބަލާފައި ކަމަށެވެ.

ސައީދަށް ފަރުވާދެމުން ގެންދަނީ ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިިޓަލްގަ އެވެ.

ބެންކޮކް އެއާޕޯޓުން ހޮޓަލަށް ދިޔަ މަގުމަތީގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި، އޭނާއާ އެކު ކާރުގައި އިން އެއްބަނޑު އެއްބަފާ ބޭބެއަށް ކުދިކުދި އަނިޔާތަކެއް ލިބުނެވެ. އެކަމަކު ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.

އެމީހުންނާ އެކު ދެން ދަތުރުކުރި މީހާއަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

"ސައީދުގެ ހާލަތާ މެދު އަދި ސީދާ އެއްޗެއް ބުނާކަށް ނޭނގެ،" އާއިލާއާ ގާތް މީހާ ބުންޏެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ބޮލުގެ އޮޕަރޭޝަނަށް ފަހު 48 ގަޑިއިރު ފަހުންކަން ސީދާ ހާލަތު އެނގޭނީ. ކަނދުރާގެ އޮޕަރޭޝަން ކުރާނީ އޭގެ ފަހުން."

އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ ޑޮކްޓަރުން ލަފާކުރި ވަރަށް ވުރެ ސައީދުގެ ސިކުނޑިއަށް ލިބުނު ގެއްލުން ކުޑަ އެވެ. އެހެންކަމުން މިހާރު އާއިލާ އިން އިންތިޒާރުކުރަމުން ގެންދަނީ، ބޮލުގެ އޮޕަރޭޝަން ކާމިޔާބުވެ، ކަނދުރާއަށް އިތުރު ފަރުވާ ލިބޭނެ މަގު ފަހިވާނެ އިރަކަށެވެ.

އެކްސިޑެންޓް ވުމާ އެކު ސައީދުގެ އާއިލާގެ ގިނަ މީހުން މިހާރު ވަނީ ބެންކޮކަށް ގޮސްފަ އެވެ. އޭނާގެ އަންބަކާއި ދެ ކުދިން ތިބެ އެވެ.