ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލައިގައި ހައްޔަރު ކުރީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
23 ޑިސެމްބަރ 2019
ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލައިގައި ހައްޔަރު ކުރީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގާސިމް ހަސަން، 59، ގެ ކަރަށް ތޫނު އެއްޗަކުން ހަމަލަދީ މަރާލީ ހުޅުމާލެ ރީތިގަސް މަގާ ގުޅިފައި އޮންނަ ގޯޅިގަނޑެއްގެ ތެރޭގަ އެވެ. އެއީ އާންމުކޮށް ރޭގަނޑު ގަޑީގައި އަނދިރިކޮށް އޮންނަ ކޮންސްޓްރަކްޝަން ސައިޓުތައް ވެސް ގިނަ ސަރަހައްދެކެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ އަދުހަމް މުހައްމަދު، 21، އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ގާސިމް މަރާލަން ޖެހުނު ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި ގާސިމްގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް އައިއިރު، މާ ބޮޑު މައުލޫމާތެއް ވެސް ނުދެ އެވެ.
އެކަމަކު، މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދެމުން ބުނީ އަދުހަމަކީ އައްޑޫ އަށް އުފަން މީހަކަސް، އޭނާގެ ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރީ ޅ. ހިންނަވަރާއި މާލޭގައި ކަމަށެވެ. އަދުހަމްގެ އާއިލާއާ އެކު، އޭނާ ހިންނަވަރަށް ބަދަލުވީ މީގެ އަށް އަހަރެއްހާ ދުވަސް ކުރިން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑަށް އެނގުނު ގޮތުގައި އަދުހަމް މަންމަ ކައިވެނި ކުރީ ހިންނަވަރު މީހަކާ. އެހެންވެ އަދުހަމާއި އޭނާގެ އާއިލާގެ ގިނަ ބަޔަކު ބަދަލުވީ ހިންނަވަރަށް،" އެމީހާ ކިޔައި ދިނެވެ.
އަދުހަމް ހިންނަވަރަށް ބަދަލުވިޔަސް، ދޭތެރެ ދޭތެރެއިން މާލެ ގޮސް އުޅޭ ކަމަށް އޭނާ ބުންޏެވެ. އަދި ހިންނަވަރުގައި އުޅުނު އިރު، އަދުހަމް ފެނި ވާހަކަ ވެސް ދެކެވިފައި ހުރި ކަމަށް އެމީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެއް ފަހަރެއްގައި މާލެ ދިޔަ ފަހުން އަދުހަމްގެ އެއްވެސް ހަބަރެއް ނުވެ އެވެ.
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ގާސިމް ހަސަން، 59، --
އެނގިފައިވާ ގޮތުގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޑްރަގް ކޯޓަށް ހާޒިރުވުމަށް އަދުހަމަށް ޗިޓެއް ރައްދު ކުރި އެވެ. އެކަމަކު، އެ ޗިޓާ ގުޅިގެން އަދުހަމް ކޯޓަށް ހާޒިރުވި ކަމެއް ނޭނގެ އެވެ.
ރަށުގައި އޭނާ އުޅުނު ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިން މީހާ ކިޔައިދިން ގޮތުގައި އަދުހަމަކީ އެ ރަށުގައި އުޅޭ މީހުންނާ މާ ބޮޑަށް ގުޅޭ މީހެއް ނޫނެވެ. އެގޮތުން އަދުހަމްގެ އާއިލާގެ މީހުންނާއި ހިންނަވަރު މީހުންނާ ވެސް އެހާ ބޮޑު ގުޅުމެއް ނޯންނަ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
"ހިންނަވަރަކީ ޑްރަގްގެ ވިޔަފާރި ފުދޭ ވަރަކަށް ބޮޑަށް އޮންނަ ރަށެއް. އަދުހަމް އާންމުކޮށް އުޅޭނީ ވެސް އެ ރަށުގައި އޮންނަ އެކަހަލަ ގޯސް ކަންކަން ކުރާ މީހުންނާ އެކީ،" އެ މީހާ ކިޔައިދިނެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ގާސިމަށް ހަމަލާދިން ކަމަށް އެއްބަސްވި އަދުހަމްގެ ދާއިމީ އެޑްރެސް ކަމަށް އޮތީ ޅ. ހިންނަވަރު ބޮޑުހިޔާގެ އެވެ. އަދުހަމް، މާލޭގައި އުޅެނީ މ. ޖަވާހިރުގޭގަައި ކަމަށް އަމުރުގައި ވެ އެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ. އަދުހަމް ވަނީ ގާސިމް މަރާލި ގޮތް ތަހުގީގަށް ކިޔައިދީފަ އެވެ. އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އެއްބަސްވެ، އިއުތިރާފްގެ ބަޔާނުގައި ސޮއި ވެސްކޮށްފަ އެވެ.
އަދުހަމް ކުށަށް އިއުތިރާފްވެފައިވާ އިރު، އޭނާ އެ އަމަލު ހިންގި އިރު ލައިގެން ހުރި އަންނައުނާއި ގާސިމަށް ހަމަލަ ދިން ހަތިޔާރު ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރި އިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށްވެ އެވެ. އޭނާ ވެއްޓިފައި އޮތް ތަނުގައި ލޭގެ ބޮޑު ކޯރެއް ހެދިފައި އޮތް އިރު، އޭނާގެ ޓެކްސީ ވެސް ކައިރީގައި އޮތެވެ.
ގާސިމަށް ހަމަލާ ދިން ހިސާބަކީ ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ ތަނެކެވެ. ފްލެޓްތަކެއް އިމާރާތްކުރާ އެ ސަރަހައްދުގައި މީހުން އުޅެނީ ވެސް ވަރަށް މަދުންނެވެ. އެ މަގާ ގުޅިފައިވާ ގޯޅިއެއްގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި މީހަކަށް ހަމަލާދީ މަރާލި އެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑު އެވެ.
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި
މަރަދޫފޭދޫގައި ބޭބެ މަރާލި ކޮއްކޮ ހައްޔަރުކޮށްފި
ގާސިމްގެ މަރު: ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމަކަށް
ގާސިމްގެ މަރު: ވަޅިން އަދުހަމާއި ގާސިމްގެ ޑީއެންއޭ
މަރާލި ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައިފި
ގާސިމް މަރާލިކަމަށް އެއްބަސްވެ، އަދުހަމް އެދެނީ މާފަށް
އަދުހަމްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
ގާސިމްގެ މަރު: ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފި
ގާސިމް މަރައިލީ 21 އަހަރުގެ ޒުވާނެއް
ގާސިމް މަރާލި މީހާ ކުށަށް އިއުތިރާފުވެއްޖެ: ސީޕީ