Roadha Mihaaru

ގާސިމް މަރާލައިގެން ހައްޔަރުކުރީ 21 އަހަރުގެ ޒުވާނެއް

ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލާގައި ހައްޔަރު ކުރި މީހާގެ މައުލޫމާތު އާންމުވެއްޖެ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ޒުވާނެއް ކަމަށް ވެ އެވެ.

ގާސިމް މަރައިލީ 21 އަހަރުގެ ޒުވާނެއް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

23 ޑިސެމްބަރ 2019

ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލާގައި ހައްޔަރު ކުރި މީހާގެ މައުލޫމާތު އާންމުވެއްޖެ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ޒުވާނެއް ކަމަށް ވެ އެވެ.

މި މަހުގެ ހަތަރު ވަަނަ ދުވަހުގެ ރޭ ގާސިމަށް ހަމަލާ ދިނީ ހުޅުމާލޭ ރީތިގަސް މަގާ ގުޅިފައި އޮންނަ ގޯޅިގަނޑެއްގަ އެވެ. އެއީ ވަރަށް އަނދިރި އަދި އާންމުކޮށް މީހުން ގޮސް އުޅޭ ހިސާބެއް ވެސް ނޫނެވެ. އެކަމަކު، އެއީ ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ސަރަހައްދެކެވެ.

ސޯޝަލް މީޑިއާގައި ރޭ އާންމު ކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ގާސިމަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރީ އަދުހަމް މުހައްމަދު، 21، އެވެ. އޭނާގެ ދާއިމީ އެޑްރެސް ކަމަށް އަމުރުގައި އޮތީ ޅ. ހިންނަވަރު ބޮޑުހިޔާގެ އެވެ. އެކަމަކު، ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެއީ އައްޑޫ ޒުވާނެކެވެ. އަދުހަމް، މާލޭގައި އުޅެނީ މ. ޖަވާހިރުގޭގަައި ކަމަށް އަމުރުގައި ވެ އެވެ. ލީކުވެގެން އުޅޭ ލިޔުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ.

ގާސިމް މަރާލި ކަމަށް އެއްބަސްވެފައިވާ އަދުހަމް 15 ދުވަހަށް ބަންދުކުރި ސަބަބެއްގެ ގޮތުގައި ވަނީ ގާސިމަށް ވަޅިން ހަމަލަ ދިން ކަން ބަންދާ މެދު ގޮތެއް ނިންމި މަޖިލިހުގައި އިއުތިރާފްވެ ކަން ހިނގި ގޮތް ކިޔައިދީފައިވާތީ ކަމަށެވެ. އަދި ލިބުނު އަނިޔާތަކަށް ގާސިމް މަރުވެފައިވާ އިރު، ކަމުގެ ބާވަތުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތާއި އަމާން ކަމަށް ބުރޫ އަރާނެ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ބަންދާ މެދުގައި ގޮތެއް ނިންމަން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އެއްބަސްވެ، އިއުތިރާފްގެ ބަޔާނުގައި ސޮއި ވެސްކޮށްފަ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވި ގޮތުގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި އަދުހަމް ކުށަށް އިއުތިރާފްވެފައިވާ އިރު، އޭނާ އެ އަމަލު ހިންގި އިރު ލައިގެން ހުރި އަންނައުނު ވެސް ފުލުހުން މިހާރު ހޯދައިފައިވާ ކަމަށެވެ.

ގާސިމް، 59، އަށް ހަމަލާ ދިން ހަތިޔާރު ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ހަތިޔާރު ހޯދީ ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ސީޕީ ހަމީދު ކުރިން ވިދާޅުވެފައި ވެ އެވެ.

ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރި އިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށްވެ އެވެ.

ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި އޭނާގެ ޓެކްސީ ވެސް އޮތެވެ.

ގާސިމަށް ހަމަލާ ދިން ހިސާބަކީ ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ ތަނެކެވެ. ފްލެޓްތަކެއް އިމާރާތްކުރާ އެ ސަރަހައްދުގައި މީހުން އުޅެނީ ވެސް ވަރަށް މަދުންނެވެ. އެ މަގާ ގުޅިފައިވާ ގޯޅިއެއްގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި މީހަކަށް ހަމަލާދީ މަރާލި އެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑު އެވެ.