Roadha Mihaaru
ފަހަތުގައި އެ އިނީ ގާތިލެއް؟!

ފަހަތުގައި އެ އިނީ ގާތިލެއް؟!

08 ޑިސެމްބަރ 2019

ކޮފީއެއްގައި އިންނަ އިރު ޖެހިގެން ހުންނަ މޭޒުގައި މަޖާކުރަން، ވާހަކަ ދައްކަން، ސިނގިރޭޓް ބޯން އެ ތިބި މީހުންގެ ތެރޭގައި ގާތިލެއް ނެތް ބާވަ އެވެ؟ ސައިކަލް ބެހެއްޓި ތަނުގެ ކައިރީގައި އެ އުޅޭ ގްރޫޕްގެ ތެރޭގައި ގާތިލެއް ނުހިމެނޭ ބާވަ އެވެ؟ އާއިލީ ގޮތުން ގުޅުން އޮންނަ އެއްވެސް މީހަކު، ރައްޓެހިވެގެން/އިނދެގެން/އިންނަން އުޅޭ މީހުންގެ ތެރޭގައި، ކުށެއް ނެތް އިންސާނެއްގެ ލެއިން ތެމިފައި ހުރި ކުށްވެރިޔަކު އެބަ ހުރި ބާވަ އެވެ؟

މޫސާ ލަތީފް މޫސާ ލަތީފް

ކޮފީއެއްގައި އިންނަ އިރު ޖެހިގެން ހުންނަ މޭޒުގައި މަޖާކުރަން، ވާހަކަ ދައްކަން، ސިނގިރޭޓް ބޯން އެ ތިބި މީހުންގެ ތެރޭގައި ގާތިލެއް ނެތް ބާވަ އެވެ؟ ސައިކަލް ބެހެއްޓި ތަނުގެ ކައިރީގައި އެ އުޅޭ ގްރޫޕްގެ ތެރޭގައި ގާތިލެއް ނުހިމެނޭ ބާވަ އެވެ؟ އާއިލީ ގޮތުން ގުޅުން އޮންނަ އެއްވެސް މީހަކު، ރައްޓެހިވެގެން/އިނދެގެން/އިންނަން އުޅޭ މީހުންގެ ތެރޭގައި، ކުށެއް ނެތް އިންސާނެއްގެ ލެއިން ތެމިފައި ހުރި ކުށްވެރިޔަކު އެބަ ހުރި ބާވަ އެވެ؟

އެގޮތަށް ބައެއް މީހުންގެ ސިކުނޑީގައި އެ ހިޔާލުތައް، ސުވާލުތައް، ޝައްކުތައް، އެނބުރުމުގައި ވަރަށް ސާފު ސަބަބުތަކެއް އެބަ ހުއްޓެވެ: އެތައް ގާތިލުންނެއް އަތުނުވެ، އާންމުންގެ ތެރޭގައި، ހަމަ އަހަރެމެންނެކޭ އެއްފަދަ، ދިރިއުޅުމެއްގައި އުޅެން ދުކޮށްލެވިފައި ހުރުމެވެ.

ބިރުވެރިކަމެވެ. އަނިޔާވެރިކަމެވެ.

ރާއްޖެ ދުށް އެންމެ ބޮޑެތި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޑރ. އަފްރާޝީމް އަލީގެ މަރު އެކަންޏެއް ނޫނެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމެއް ވެސް ނޫނެވެ. ގޭންގްތަކުގެ މެދުގައި ހިނގި ލޭ އޮހޮރުވުންތަކުގައި ހިމެނޭ އެކަމަކު ހައްޔަރުކޮށް، ދައުވާ އުފުލާފައި ނުވާ އެތައް ބަޔަކު ހަމަޖެހިލައިގެން ދުވަސްތައް ހޭދަކުރަނީ އެވެ. ކުރީ ރޭ ހުޅުމާލޭގައި، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މީހާ/މީހުން ވީ ތަނެއް، އެއީ ކޮން ބައެއްކަން ވެސް ފުލުހުންނަކަށް އަދި ނޭނގެ އެވެ. ނުވަތަ އެނގުނަސް، އެ އަނިޔާވެރި ގަތުލާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެހެންކަމުން އާންމު މީހާއަށް ވިސްނޭނީ، އޭނާއާ ވެސް ކައިރީގައި، ފެންނަ ހިސާބެއްގައި އެ ބަޔަކު އުޅެދާނެ ކަމެވެ.

ހަގީގަތުގައި މިއީ ކޮންމެ މީހަކަށް ވެސް އޮތް ބިރެކެވެ. އަހަރެމެންގެ މި މުޖުތަމައުގައި އޮތީ ބިރުވެރިކަމެވެ.

ރިލްވާން ގަދަކަމުން ނަގައިގަނެގެން ކާރަކަށް އެރުވި އެވެ. އެ ކާރު ފެނުނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވި އެވެ. އެ ކާރުގައި އޭނާ ގެންގޮސް ކަނޑު އުނޅަދަކަށް އެރުވި އެވެ. އޭގެ ފަހުން ދޯންޏަކަށެވެ. އެ ދޯނީގައި އޭނާގެ ކަރު ބުރިކޮށްލިކަން، މައުލޫމާތު އެނގޭ މީހުންގެ ވާހަކަތަކަށް ބިނާކޮށް، މަރު ކޮމިޝަންގެ ހޯދުމުގައިވެ އެވެ.

އެ އެންމެން އެ ތިބީ ދޫވެފަ އެވެ. ރިލްވާންގެ ކަރު ބުރިކޮށްލި ނަމަ، އެ އަނިޔާވެރިކަން ހިންގި މީހުންނާއި އޭނާ ވަގަށް ނެގި މީހުންނާއި، އެރޭވުމުގެ މައުލޫމާތު ހުރި އެންމެންނެވެ.

ޑރ. އަފްރާޝީމް، އޭނާގެ ކާރުން ފައިބައިވަޑައިގެން، މަޑު ހިންގެވުމެއްގައި ގޮސް ގެއަށް ވެންނެވީ، އޭނާގެ ފުރަގަހުން ބަޔަކު ހަމަލާއެއް ދީފާނެކަން ކުޑަކޮށް ވެސް ހީފުޅުކުރައްވައިގެންނެއް ނޫނެވެ. އެ ހަމަލާއާ އެކު އޭނާގެ ހަށިކޮޅަށް ހަދާފައި އޮތް ގޮތް ފެނުނު މީހަކަށް ވިއްޔާ، އެއީ އިންސާނުން ދެކެ ލޯތްބެއް، ހަމްދަރުދީއެއް، އަސަރެއް، ކުލުނެއް ވެސް ނެތް ބައެއްކަން އެނގޭނެ އެވެ.

އެ މައްސަލާގައި ހުކުމް އައީ އެންމެ މީހެއްގެ މައްޗަށެވެ. ދެން ބައިވެރިވި މީހުންނާއި އެކަން ރޭވި އެތައް ބަޔަކު އަހަރެމެންގެ ތެރޭގަ އެވެ.

އަނަސްގެ މަަރަށް އިންސާފު ހޯދައިދޭން އެދި އާންމުން ބޭއްވި ހިނގާލުމެއްގައި އަޑުއުފުލަނީ: ހިތާމައަކީ އެތައް ގާތިލުންނެއް މިނިވަންކަމާ އެކު އުޅެވޭ ގޮތް ވުން

އަނަސްގެ މަަރަށް އިންސާފު ހޯދައިދޭން އެދި އާންމުން ބޭއްވި ހިނގާލުމެއްގައި އަޑުއުފުލަނީ: ހިތާމައަކީ އެތައް ގާތިލުންނެއް މިނިވަންކަމާ އެކު އުޅެވޭ ގޮތް ވުން

އާބާދީގެ ނިސްބަތުން ބަލާ ނަމަ ރާއްޖެއަށް ވުރެ އަނިޔާވެރި ގައުމެއް ދުނިޔޭގައި މަދުވާނެ އެވެ. ޒުވާނުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގައި ލޭ އޮހޮރުވާލަނީ، އެހެން ބަޔަކަށް މަންޒަރު ފެނިދާނެކަމާ މެދު ކުޑަ ވެސް ޖެހިލުމެއް ނެތި އެވެ. ވަޅި ހަރަނީ، ޔަގީނުން ވެސް މަރުވާނެ ތަންތަނަށް އަމާޒުކޮށެވެ. އެއީ އޮޅިގެން ނުވަތަ ނޭނގިގެންނެއް ނޫނެވެ. ހަމަލާތަކަށް ފަހު ވަޅި ވެސް ނުވަތަ ކަތިވަޅިވިއްޔާ އެ ވެސް ދާނީ ހިފައިގެންނެވެ.

ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި 25 އަހަރުގެ އަހުމަދު އަނަސް އަށް ހަމަލާދޭ ވީޑިއޯ އިން އެކަން އެނގެ އެވެ. މިއީ ގޭންގްތަކުގެ އަނިޔާވެރިކަން އެންމެ ގިނަ ބަޔަކަށް ފެނުނު ގަތުލެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާގެ ފަހަތުން އެތަނަށް ދުވެފައި ވަދެ 35 ތަނަކަށް ވަޅި ޖެހި އެވެ.

އެ މީހުން ހައްޔަރުކުރި އެވެ. އެކަމަކު ރާއްޖޭގައި އިންސާނެއްގެ ލޭ އޮހޮރުވާލާ ކޮންމެ ފަހަރަކު އެ ފުރުސަތެއް ފުލުހުންނަކަށް ނުލިބެ އެވެ. ނުވަތަ ކޮންމެވެސް ނުފޫޒެއްގެ ދަށުވެ، ތަހުގީގު ހަމަ މަގުން ކުރިއަށް ގެންދަން ހުރަސްތައް ދިމާވެ އެވެ. ކޯޓަށް ގެންގޮސްފި ނަމަ، އެތައް އުޒުރެއް ދައްކައި، ގާނޫނީ ބާގަނޑުތަކުން ދެމިގަނެ، ނުވަތަ ފަނޑިޔާރުންނާ އޮންނަ ފުން ގުޅުމުގެ ތެރެއިން ނުކުމެ އެވެ.

ރާއްޖޭގައި ބަލަބަލާ ތިއްބާ ބޮޑެތި ކުށްވެރިން ހަމައެކަނި ގިނަވީކީ ނޫނެވެ. ކުށް ކޮށްގެން ފަސޭހައިން ފިލޭނެ ގޮތް، ސަލާމަތްވާނެ ގޮތް ވެސް އެ މީހުން ދިޔައީ ހޯދަމުންނެވެ. ގުޅޭނެ މީހުންނާއި ކައިރިކުރާނެ މީހުން ދެނެގަނެ އެވެ.

ނޭނގެނީ މީހެއްގެ ފުރާނަ ދުއްވާލާނެ އިރެކެވެ. ނޭނގެނީ ގާސިމަށް ދިން ފަދަ ހަމަލާއެއް އަމާޒުވާނީ ކާކަށް، ކޮން ކަމަކާ ގުޅިގެން ކަމެވެ.

ބިރުވެރިކަމަކީ ފަރުދާވެފައިވާ ގާތިލުން އަހަރެމެން، އާންމުންގެ ތެރޭގައި ކޮފީ ބޯން، ކާން، ސައިކަލް ބުރެއްގައި ވެސް އުޅޭނެތީ އެވެ. އަނިޔާވެރިކަން ނޭނގި، އެއިން ބަޔަކާ ސަލާންކުރެވި، ބައްދަލުވެ، ވަގުތުކޮޅެއް ވެސް ހޭދަކުރެވިފައި އޮވެދާނެތީ އެވެ. ރައްޓެއްސެއް/ތިމާގެ މީހެއްގެ ލޯބިވެރިޔަކަށް/ފިރިޔަކަށް ވެސް ވެދާނެތީ އެވެ.

ތިޔަ ހީކުރެވުނީ ރަނގަޅަށެވެ: މިއީ އަނދިރިކަމާއި ބިރުވެރިކަމުން ފުރިފައި އޮތް، އަނިޔާވެރި މުޖުތަމައުއެކެވެ.